ހުކުރު ދުވަހުގެ ރޭ އިދިކޮޅު އެމްޑީޕީ އިން މާލޭގައި ކުރިއަށް ގެންދިއަ މުޒާހަރާގެ ތެރެއިން މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމްއަށް ހަމަލާ ދީފައިވާތީ އެކަން ތަހުގީގު ކުރަމުން ދާ ކަމަށް ފުލުހުން ބުނެފި އެވެ. 

ފުލުހުން މީޑިއާތަކަށް ބުނީ 2026 އޭޕްރީލް 24 ވަނަ ދުވަހުގެ ރޭ މާލޭގައި ކުރިއަށް ގެންދިޔަ އެއްވުމުގެ ތެރެއިން، މާލެ ސިޓީގެ މޭޔަރަށް މީހަކު ހަމަލާދޭން އުޅުނު ކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ފުލުހުން ތަހުގީގު ކުރަމުންދާ ކަމަށެވެ. 

މޭޔަރަށް ހަމަލާ ދިންތާ އެއް ދުވަސް ފަހުން މިކަން ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުނެފައިވާއިރު އާޒިމަށް މީހަކު ހަމަލާދޭން މަސައްކަތްކުރާ ވީޑިއޯ އެއް ރައީސް ޑރ. މުހައްމަދު މުއިއްޒަށް ފެނިވަޑައިގެންފައިވާ ކަމަށް ރައީސް އޮފީހުން ވަނީ ހޮނިހިރު ދުވަހު ބުނެފަ އެވެ. 

އެ ހަމަލާ އަށް 18 ގަޑިއިރަށްވުރެ ވެސް ގިނައިރު ހޭދަވިފަހުން ރައީސް އޮފީހުން ނެރުނު ބަޔާނުގައި ބުނީ މޭޔަރަށް ހަމަލާދޭން މަސައްކަތްކުރުން އެންމެ ހަރުކަށި އިބާރާތުން އެމަނިކުފާނު ކުށްވެރި ކުރައްވާ ކަމަށެވެ.

މާލޭ ސިޓީގެ މޭޔަރަކީ ރައްޔިތުންގެ ސީދާ ވޯޓަކުން އިންތިޚާބު ވެވަޑައިގެންފައިވާ ބޭފުޅަކަށް ވީހިނދު، އެމަނިކުފާނަށް ނުވަތަ އެއްވެސް އެހެން ސިޔާސީ ލީޑަރަކަށް އެބޭފުޅެއްގެ ސިޔާސީ މަސައްކަތުގައި އުޅުއްވާ ވަގުތު ނުވަތަ އަމިއްލަ ދިރިއުޅުއްވުމުގައި ވިޔަސް، ހަމަލާދީ އެބޭފުޅުންގެ މަސައްކަތަށް ހުރަސްއެޅުމަކީ ކޮށްގެންވާނެކަމެއް ނޫންކަމަށާއި މިފަދަ ކަންކަން ހުއްޓުވައި، ކޮންމެ ރައްޔިތަކަށްމެ ބިރުވެރިކަމެއް ނެތް، އަމާން މާހައުލެއް ގާއިމުކޮށްދިނުމަށް ސަރުކާރުން އަބަދުވެސް މަސައްކަތް ކުރަމުންދާނެ ކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ދެއްވާ ކަމަށްވެސް ބަޔާނުގައި ބުނެފައިވެ އެވެ.

ހުކުރު ދުވަހުގެ ރޭގެ މުޒާހަރާގެ ބައިވެރިން ބޮޑުރަސްގެފާނު މަގުން ގަލޮޅު ސަހަރާ ކައިރިން ދަނިކޮށް ކުއްލިއަކަށް ދެ މީހަކު ވަނީ މުޒާހަރާގެ ތެރެއާށް ވަދެފަ އެވެ. އަދި މޭޔަރު އާޒިމް އަށް ހަމަލާ ދިނުމަށް އެ ދެމީހުން މަސައްކަތް ކޮށްފައިވެ އެވެ.

އެގޮތުން އެތަނުން އެކަކު ވަނީ މޭޔަރު އާޒިމް ކޮށްޕާލައި، މަގުމައްޗަށް ވައްޓާލުމަށް މަސައްކަތް ކޮށްފަ އެވެ. ނަމަވެސް އިތުރު ހަމަލާއެއް ދިނުމުގެ ކުރިން މުޒާހަރާގެ ބައިވެރިން ވަނީ އެ ދެމީހުން ހިފަހައްޓާފަ އެވެ. 

މި މައްސަލައާ ގުޅިގެން ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އާއި، ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ އިތުރުން އެމްޑީޕީގެ ލީޑަރޝިޕުން ވަނީ މިކަން ކުށްވެރިކޮށް، މި މައްސަލަ ތަހުގީގު ކުރުމަށް ކަމާ ގުޅޭ އިދާރާތަކަށް ގޮވާލާފަ އެވެ.