ދިވެހިރާއްޖެއިން ނަފްސާނީ ބައްޔަށް އެކަށީގެންވާ ގޮތެއްގައި ފަރުވާ ނުލިބޭކަމުގެ ޝަކުވާ ބޮޑުވެފައިވަނިކޮށް، ނޭޝަނަލް މެންޓަލް ހެލްތު ޑިޕާޓްމަންޓަށް ގިނަ އަދަދެއްގެ ސީނިއަރ ސޯޝަލް ސަރވިސް ވަރކަރ ހޯދަން އިއުލާން ކޮށްފި އެވެ. 

އާދިއްތަ ދުވަހު ހެލްތް މިނިސްޓްރީން ނެރުނު އިއުލާންގައި ބުނީ، ނޭޝަނަލް މެންޓަލް ހެލްތު ޑިޕާޓްމަންޓަށް 9 ސީނިއަރ ސޯޝަލް ސަރވިސް ވަރކަރ ބޭނުންވާ ކަމަށެވެ. 

މެންޓަލް ހެލްތު ސަރވިސް ޑިވިޒަން އާއި އިނިޝަލް ރެސްޕޯންސް އެންޑް ކޭސް މެނޭޖްމަންޓް ސެކްޝަނުގައި މަސައްކަތް ކުރަން ޖެހޭއިރު، މަހު މުސާރައަށް 12,261 ރުފިޔާ ލިބެ އެވެ. އަދި މަގާމުގެ އެލަވަންސްގެ ގޮތުގައި 5,721 ރުފިޔާ ލިބެ އެވެ. 

މީގެ އިތުރުން ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ގާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަނާއި، ހާޒިރީ އިނާޔަތުގެ ގޮތުގައި ހާޒިރުވާ ދުވަހަކަށް 155 ރުފިޔާ ލިބެ އެވެ. އަދި ދައުލަތުގެ ޕޭ ފްރޭމްވަރކްގެ މިންގަނޑުތައް (01 މޭ 2023 އިސްލާހާއި އެއްގޮތަށް) އިތުރު ގަޑީގެ ފައިސާއާއި އެހެނިހެން އިނާޔާތްތައް ލިބޭނެ ކަމަށް ހެލްތް މިނިސްޓްރީން ބުނެ އެވެ. 

ހެލްތް މިނިސްޓްރީން ބުނީ، ޑިއުޓީ އުސޫލުން މަސައްކަތް ކުރާއިރު، މައިގަނޑު ގޮތެއްގައި، ހުށަހެޅޭ މައްސަލަތަކުގެ ތެރެއިން ހެލްޕްލައިން މެދުވެރިކޮށް އަދި ނަފްސާނީ ބަލި ހުންނަ ފަރާތްތަކަށް ރައްކާތެރިކަން ކަށަވަރު ކުރުމަށް އެފަދަ ފަރާތްތައް ދިރިއުޅޭ ހާލަތު ވަޒަންކުރުމަށް ދިރިއުޅޭ ތަންތަނަށް ޒިޔާރަތްކުރުމުގެ މަސައްކަތް ރާވައި ހިންގުން އަދި ކަނޑައެޅިފައިވާ އުސޫލުތަކުގެ ތެރެއިން އެހީތެރިކަން ފޯރުކޮށް ދިނުމުގައި ކުރަން ޖެހޭ ވޭދަނާއިގެ އެންމެހާ މަސައްކަތެއް ރޭވުމާއި އަދި ކުރުން ހިމެނޭ ކަމަށެވެ. 

ހެލްޕްލައިނަށް އަންނަ ހުރިހާ ފޯންކޯލުތަކަށް އިޖާބަދޭން ޖެހިއްޖެ ހާލަތެއްގައި އޮންނަ އުސޫލުގެ ތެރެއިން ފަރުވާތެރިކަމާއި އެކު މަސައްކަތްކުރުމާއި، ނަފްސާނީ މައްސަލަތާކާއި ގުޅިގެން ހުށައެޅޭ މައްސަލަ ތަކުގައި އެފަރާތްތަކުގެ ހައްގުތައް ރައްކާތެރިކުރުމާއި، އަދި ލިބިދޭންޖެހޭ އެންމެހާ އަސާސީ ކަންކަން ފުރިހަމަ ކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ކުރުމަށްޓަކައި އާއިލާ އަދި ގުޅުން ހުރި އެހެން މުއައްސަސާތަކާއެކު އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި އަމަލުކުރާނެ ގޮތުގެ މިންގަނޑުތަކާ އެއްގޮތްވާގޮތުގެ މަތިން ކަމާބެހޭ ދާއިރާތަކާއެކު މަސައްކަތްކޮށް، މި މަސައްކަތް ވިލަރެސްކުރުން ހިމެނޭ ކަމަށް މިނިސްޓްރީން ބުނެ އެވެ. 

މީގެ އިތުރުން ވެސް ނަފްސާނީ ބައްޔާއި ގުޅިގެން ކުރަން ޖެހޭ ގިނަ މަސައްކަތްތައް ހިމަނާފައިވެ އެވެ. 

މިނިސްޓްރީން ބުނީ، މި މަގާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި މި މަހުގެ 30 ވަނަ ދުވަހުގެ މެންދުރު 1:30 ގެ ކުރިން jobs@health.gov.mv އަށް މެއިލް ކުރުމަށް އެދޭ ކަމަށެވެ. 

 މެންޓަލް ހެލްތު ޑިޕަޓްމަންޓަށް ގިނަ އަދަދެއްގެ ސީނިއަރ މުވައްޒަފުން ހޯދަން އިއުލާން ކޮށްފައިމިވަނީ މިފަހުން ނަފްސާނީ ބައްޔަށް ތަހައްމަލު ކުރާ މީހުންނަށް އެކަށީގެންވާ ފަރުވާ ނުލިބޭ މައްސަލަ ބޮޑުވެފައިވަނިކޮށްށެވެ. އަދި ނަފްސާނީ ބަލި ތަހައްމަލު ކުރަމުންދިޔަ 18 އަހަރުގެ ކުއްޖެއް ނިޔާވި މައްސަލައިގައި ހޯމް މިނިސްޓަރު އަލީ އިހުސާން އެކުއްޖާގެ ޒާތީ މައުލޫމާތާއި، ކޮށްފައިވާ މެސެޖްތައް އާއްމު ކުރެއްވުމާއި ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރާއި، ހެލްތް މިނިސްޓްރީއަށް އަމާޒުވެފައިވަނިކޮށެވެ.