ވައިގެ މަހުން ދިވެހިރާއްޖެއަށް ގިނަ އަދަދެއްގެ މަސްތުވާތަކެތި އެތެރެ ކުރި ކަމުގެ ތުހުމަތުގައި ބަންގްލަދޭޝްގެ ދެމީހުން ހައްޔަރު ކޮށްފި އެވެ. 

އާދިއްތަ ދުވަހު ފުލުހުން ބުނީ، ވައިގެމަގުން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި ދެމީހުން ހައްޔަރު ކޮށްފައިވާ ކަމަށާއި، އެ ދެމީހުން ހައްޔަރުކޮށްފައި ވަނީ މި އެޕްރީލް މަހުގެ 22 ވަނަ ދުވަހު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ކަމަށެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ބަންގްލަދޭޝްއަށް ނިސްބަތްވާ ދެމީހުން ކަމުގައިވާ ޝިފުލް (40އ) އާއި ސަޖިބް (32އ) އެވެ.

މި ދެމީހުންނަކީ މަސްތުވާތަކެއްޗާއި މަނާބޭސް ރާއްޖެއަށް އެތެރެކުރިކަމުގެ ތުހުމަތުގައި މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން ހިފަހައްޓައި ފުލުހުންނާ ހަވާލުކުރި ދެމީހުންނެވެ.

ކަސްޓަމްސްއިން މައުލޫމާތު ދޭ ގޮތުގައި މި ދެމީހުން ރާއްޖެ އެތެރެކުރި މަސްތުވާތަކެތީގެ ވަގުތީ ބަރުދަނަކީ 1105 ގުރާމެވެ. އަދި މަގުމަތީ އަގު ޖުމްލަ 3.3 މިލިއަން ރުފިޔާއަށްވުރެ އިތުރުވާނެ އެވެ. 

މީގެ އިތުރުން ފުލުހުން ބުނީ، މި މައްސަލައާ ގުޅިގެން ހައްޔަރުކުރި ދެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ދެމީހުން ވެސް 15 ދުވަހަށް ބަންދު ކުރުމަށް އަމުރު ކޮށްފައިވާ ކަމަށެވެ. 

މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގުކުރަމުންނެވެ.