ސައުދީ އަރަބިއްޔާއިން ދިވެހިރާއްޖެއަށް ހަދިޔާކުރި ކަދުރު ބަހަން ފަށައިފި އެވެ.
އާދިއްތަ ދުވަހު އިސްލާމިކް މިނިސްޓްރީން ބުނީ، ސައުދީ އަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒްގެ ހިއުމަނިޓޭރިއަން އެންޑް ރިލީފް ސެންޓަރުން ރާއްޖެއަށް ހަދިޔާކުރި 50 ޓަނުގެ ކަދުރު ބަހަން ފަށާފައިވާ ކަމަށެވެ.
އެގޮތުން މާލެ ސަރަހައްދުގައި ކަދުރު ބެހުމުގެ މަސައްކަތް ކުރިއަށްދާނީ މިނިސްޓްރީގެ ބެލުމުގެ ދަށުން، އިސްލާމީ މަރުކަޒުގެ ހޯލުގައި ކަަމަށެވެ. އަދި މާލެ ސަރަހައްދުގައި ކަދުރު ބެހުމަށް ހަމަޖެހިފައިވަނީ އާދިއްތަ ދުވަހުން ފެށިގެން މެއި 14 އާއިހަމައަށް ހެނދުނު 9:30ން 13:00 އަށް ކަމަށް މިނިސްޓްރީން ބުނެ އެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ، މާލެއާއި ހުޅުމާލެއާއި ވިލިމާލޭގެ ގޭބިސީތަކަށް ކަދުރު ބަހާނީ، އެ ގޭބިސީއެއްގެ އެޑްރެސް، ކަރަންޓު މީޓަރުގެ ނަންބަރު އަދި ކަދުރާ ހަވާލުވާ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑަށް ބެލުމަށްފަހުގައި ކަމަށެވެ.
މީގެ އިތުރުން އިސްލާމިކް މިނިސްޓްރީން ބުނީ، ސިޓީތަކާއި ރަށްރަށުގައި ކަދުރު ބަހާނީ، އެ ސިޓީއަކަށް ނުވަތަ އެ ރަށަކަށް ކަނޑައަޅާ ކަދުރު ހުސްވަންދެން ކޮންމެ ގޭބިސީއަކަށް އެއް ޕެކެޓު ކަދުރު ކަމަށާއި، ސިޓީތަކާއި ރަށްރަށަކަށް އަދަދު ކަނޑައެޅޭނީ ކޮންމެ 100 ގޭބިސީއަކަށް 50 ޕެކެޓުގެ ރޭޓުން ކަމަށެވެ.
ރަށްރަށާއި ސިޓީތަކަށް ކަދުރު ބެހުމަށް ހަމަޖެހިފައިވަނީ ސިޓީ ކައުންސިލްތަކާއި ރަށު ކައުންސިލްތައް މެދުވެރިކޮށް ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެ އެވެ ވެ.
ކޮންމެ އަހަރެއްގެ ރަމަޟާން މަހުގެ ކުރިން ސައުދީ ސަރުކާރުން ދޭ ކަދުރު ރާއްޖެ އަށް ލިބެ އެވެ. ނަމަވެސް މިއަހަރު ކަދުރު ލިބިފައިނުވާތީ އެކަމުގެ ޝަކުވާ އާއްމު ރައްޔިތުން ކޮށްފައިވެ އެވެ.
މިދިޔަ އަހަރުގެ ރަމަޟާން މަހު ވެސް ސައުދީ ސަރުކާރުން ވަނީ ރާއްޖެއަށް 50 ޓަނުގެ ކަދުރު އަދި ސައުދީގެ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް ދައުވާ އެންޑް ގައިޑެންސްއިން ރާއްޖެއަށް 10 ޓަނުގެ ކަދުރު ހަދިޔާކޮށްފައިވެ އެވެ. އަދި ރަމަޟާން މަސް އައުމުގެ ކުރިން ކަދުރު ގޭބިސީތަކަށް ދޫކޮށްފައިވެ އެވެ.