ކޮންމެ ބޭފުޅަކު 2028 ގެ އެމްޑީޕީގެ ރިޔާސީ ކެންޑިޑެސީ
ކާމިޔާބު ކުރެއްވި ނަމަވެސް، އެ ބޭފުޅެއްގެ ފަހަތުގައި އެންމެ ގަދަކޮށް ހުންނާނެ
އެކަކީ އޭނާކަމަށް ޗެއަރޕަރސަންކަމަށް ވާދަ ކުރައްވާ ގަލޮޅު ދެކުނު ދާއިރާގެ
މެމްބަރު މީކާއިލް އަހުމަދު ނަސީމް ވިދާޅުވެއްޖެއެވެ.
އިތުބާރު ނަމުގައި ހޮނިހިރު ދުވަހުގެރޭ ކުރިއަށް ދިޔަ
ޖަލްސާގައި ވާހަކަ ދައްކަވަމުން މީކާއީލް ވިދާޅުވީ، ކޮންމެ ބޭފުޅަކު 2028 ގެ
ރިޔާސީ ކެންޑިޑެސީ ކާމިޔާބު ކުރެއްވި ނަމަވެސް، އެ ބޭފުޅެއްގެ ފަހަތުގައި އެންމެ
ގަދަކޮށް ހުންނާނެ އެކަކީ އޭނާ ކަމަށެވެ.
މީކާއީލް ވިދާޅުވީ، 2028 ގެ އިންތިޚާބު ކާމިޔާބު
ކުރެވޭނީ ޕާޓީ އެކަތިގަނޑެއްގެ ގޮތުގައި އޮވެގެން ކަމަށާއި، ޗެއަރޕަރސަންގެ ވޯޓުގައި
ރައްޔިތުން ނިންމަންޖެހޭނީ މުހިއްމު ބޮޑު ނިންމުމެއް ކަމަށެވެ.
މީކާއީލް ވަނީ ލޯކަލް ކައުންސިލް އިންތިޚާބުގައި އާންމު
މެމްބަރުންގެ ފަރާތުން ލިބިފައިވާ ކަންބޮޑުވުންތަކަށް އަލިއަޅުވާލައްވާފައެވެ.
އެގޮތުން ޕާޓީގެ ހިންގުމާ ގުޅޭގޮތުން އާންމު މެމްބަރުންގެ ފަރާތުން ލިބިފައިވާ
ބައެއް ކަންބޮޑުވުންތަކަށް އޭނާ އަލިއަޅުވާލެއްވިއެވެ. މީކާއިލް ވިދާޅުވި ގޮތުގައި
އެމްޑީޕީގެ ފައިސާއަށް ވާ ގޮތް އޭނާ ރައްޔިތުންނަށް ހާމަކޮށްދެއްވަމުން ގެންދާނެއެވެ.
އަޅުގަނޑު ތިބޭފުޅުންނަށް އަރުވަން ބޭނުންވާ ޔަޤީންކަމަކީ މި އިންތިޚާބުގައި އަޅުގަނޑުމެން މި ކުރާ ހަމައެކަނި މަސައްކަތަކީ 2028 ގައި އެމްޑީޕީއަށް، ދިވެހި ރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީއަށް ތިބޭފުޅުންނަށް ވެރިކަން ހޯދަދޭން ކުރާ މަސައްކަތް، އިތުރު އެއްވެސް ކަމެއް ނޫން،ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހުމަދު ނަސީމް
މީކާއިލް ވިދާޅުވީ، މި އިންތިޚާބުގައި ކުރާ
ހަމައެކަނި މަސައްކަތަކީ 2028 ގައި އެމްޑީޕީއަށް ވެރިކަން ހޯދައިދިނުމުގެ
މަސައްކަތް ކަމަށެވެ. އަދި އިންތިޚާބުން ކޮންމެ ކަހަލަ ނަތީޖާއެއް އައި ނަމަވެސް
އެމްޑީޕީއާ ދުރަށް ވަޑައިނުގަންނަވާނެކަމަށް މީކާއިލް ވިދާޅުވިއެވެ.