ނިމިދިޔަ އިންތިޚާބުތަކުން ރައީސް ޑރ މުޙައްމަދު މުއިއްޒަށް ނާކާމިޔާބީއާ ކުރިމަތިވެވަޑައިގެންނެވީ އެ ޕާޓީގެ މެމްބަރުންނަށް މަސައްކަތް ނުކުރެވިގެންނެއް ނޫން ކަމަށާއި، ބަލިވީ ފަލްސަފާއެއް ނެތުމުންކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
އައްޑޫގައި ކުރިއަށް ދިޔަ ޖަލްސާގައި ވާހަކަ
ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ، ރާއްޖޭގައި ވެރިކަން ކުރާ ގޮތް
ބަދަލުކޮށްފައިވާ ކަމަށާއި، އެއީ ރައްޔިތުން ވެރިކަން ކުރާ ގޮތަށް ގެނެވުނު ބަދަލު
ކަމަށެވެ. އެގޮތުން ގިނަ ޕާޓީ އެކުލެވޭ ސިޔާސީ ނިޒާމާއި، މިނިވަން މުއައްސަސާތައް
ގެނެވި ދައުލަތުގެ ހިންގުމަށް ޤާނޫނުއަސާސީ މެދުވެރިކޮށް އޭރު ގެނެވުނު
ބަދަލުތަކަށް އަލިއަޅުވާލައްވާ ރައީސް ނަޝީދު ވިދާޅުވީ، މިއަދު ފެންނަމުންދަނީ މުޅިންވެސް
އެ ބަދަލުތަކަށް ސަރުކާރުތަކުން އަމަލުކުރަމުންދާ ގޮތާއިމެދު ރައްޔިތުން
ކުރަމުންދާ ޝަކުވާގެ ވާހަކަ ކަމަށެވެ.
މީގެ އިތުރުން، ޤާނޫނުއަސާސީ މިހާރު އޮތްގޮތުން
ވެރިކަމުގެ ފަރާތުން އެދޭގޮތަކަށް ރާއްޖޭގެ ކަންކަން ގެންދިއުމަށް ފުރުސަތު
ލިބޭކަން ފާހަގަ ކުރައްވައި ރައީސް ނަޝީދު ވިދާޅުވީ، އެކަންކަމުގެ ސަބަބުން
ރައްޔިތުންގެ ތަނަވަސްކަމާއި، ރައްޔިތުންގެ ޖީބަށް ވަންނަ އެއްޗަކަށް ހުރަސްއެޅޭ
ކަމަށެވެ. އަދި ވިދާޅުވީ، މިއަދު އޮތް ކަންބޮޑުވުމަކީ ލިބިފައިވާ ޙައްޤުތައްވެސް ނެތިގެން
ގޮސްދާނެކަމުގެ ކަންބޮޑުވުން ކަމަށެވެ.
ރައީސް ނަޝީދު ވިދާޅުވީ، ރައްޔިތުންނަށް ލިބިފައިވާ
ޤުދުރަތީ ވަސީލަތްތަކުގެ ބޭނުން އެންމެ ރަނގަޅަށް ހިފައިގެން ރައްޔިތުންނަށް
ހާސްކަމެއް ނެތި އުފާވެރިކަމާއެކު ދިރިއުޅެވޭނެ ގޮތްތަކެއް ހޯދަންޖެހޭ ކަމަށެވެ.
އަދި އެކަންކަން ހޯދުމަށްޓަކައި މިއަދު ބޮޑު ބަދަލަކަށް ބޭނުންވެފައިވާކަމަށް
ރައީސް ނަޝީދު ވިދާޅުވިއެވެ.
އަޅުގަނޑު ތިތަނުން ކޮންމެ ބޭފުޅެއް ގާތުގައި އަހާލި ނަމަވެސް ހާސްކަމެއް ނެތްކަމަކަށް އެއްވެސް ބޭފުޅަކު ނުދަންނަވާނެ، ކަންބޮޑުވުން އެބަހުރި ކިތަންމެހާވެސްކުރީގެ ރައީސް މުޙައްމަދު ނަޝީދު
މިއަދު އޮތް ޕީއެންސީގެ ވެރިކަން ކޮންމެހެންވެސް
ބަދަލުވާން ޖެހޭކަން ފާހަގަ ކުރައްވައި ރައީސް ނަޝީދު އިތުރަށް ވިދާޅުވީ، އެ
ބަދަލު ގެނެވޭނީ އެމްޑީޕީގެ މިސްރާބު ބަދަލުކޮށް، ހަރުދަނާ ކޮށްގެން ކަމަށެވެ.
އެހެންކަމުން ޕާޓީ ބިނާކޮށް ޕާޓީއަށް ލިބެންޖެހޭ ބާރުތައް ކަށަވަރު ކުރުމަށް
ކުރަންޖެހޭ ކަންކަން ކުރިއަށްދާން ޖެހޭކަން ރައީސް ނަޝީދު ފާހަގަ ކުރެއްވިއެވެ.
ރައީސް ނަޝީދު އިތުރަށް ވިދާޅުވީ، އެމްޑީޕީގެ ސަރުކާރެއް
އުފެއްދުމަކީ ރައްޔިތުންނަށްޓަކައިވެސް ކޮށްދޭން ޖެހޭ ކަމެއް ކަމަށާއި، މި
ވެރިކަން ބަދަލުނުވެ އޮއްވައި 2028 އައިސްފިނަމަ ރައްޔިތުންނަށް އޭގެ ގެއްލުން
ވާނެ ކަމަށެވެ.
ރައީސް ނަޝީދު ވަނީ އެމްޑީޕީން ރައްޔިތުންނަށް މިހާތަނަށް
ގެނެސްދީފައިވާ ހެޔޮ ބަދަލުތަކުގެ މައްޗަށްވެސް އަލިއަޅުވާލައްވާފައެވެ.
ރައީސް ނަޝީދު ވަނީ ޕީއެންސީގެ މެމްބަރުންނަށްވެސް
މެސެޖެއް ދެއްވާފައެވެ. އެގޮތުން ރާއްޖެއަށް ހެޔޮ އެދޭނަމަ ވިސްނުމަށް ރައީސް
ނަޝީދު ވަނީ އެދިވަޑައިގެންފައެވެ. އެގޮތުން ރައީސް މުއިއްޒު އިންތިޚާބުތަކުން
ނާކާމިޔާބުވެވަޑައިގެންނެވީ އެ ޕާޓީގެ މެމްބަރުން މަސައްކަތް ނުކޮށްގެންނެއް ނޫން
ކަމަށާއި، ބަލިވީ ފަލްސަފާއެއް ނެތުމުންކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
އެމްޑީޕީގެ ޗެއަރޕަރސަންކަމަށް ވާދަކުރައްވާ ރައީސް
ނަޝީދު ވިދާޅުވީ، އެމްޑީޕީއަކީ މުޅި ރާއްޖޭގެ ރައްޔިތުންގެ ޕާޓީއަކަށް ވާން ޖެހޭ
ކަމަށެވެ. ވީއިރު ރައްޔިތުން އެދޭގޮތް އިތުރަށް ސާފުކުރަންޖެހޭކަމަށްވެސް ރައީސް
ނަޝީދު ވިދާޅުވިއެވެ.