ހުޅުމާލެ ދެވަނަ ފިޔަވަހިން ކަރަންޓު ކެނޑުނުތާ 4 ގަޑި އިރު ފަހުން ކަރަންޓުގެ ޚިދުމަތް އިއާދަކޮށްފި އެވެެ.

ހޮނިހިރު ދުވަހު ހުޅުމާލޭގެ ފޭސް-2ގެ ބޮޑު ސަރަހައްދަކުން ކަރަންޓު ކެނޑުނީ ގާތްގަނޑަކަށް 1:45 ހާއިރު އެވެ. ކަރަންޓު އަނބުރާ ދެވިފައި ވަނީ 18:15 ހާއުރުއެވެ.

ހުޅުމާލެ ދެވަނަ ފިޔަވަހީގެ ބޮޑުބަޔަކުން ކަރަންޓު ކެނޑިފައި ވަނީ ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން، އެޗްޑީސީ އިން މަގު ހެދުމުގެ މަސައްކަތް ކުރަނިކޮށް ކޭބަލަކަށް ގެއްލުން ވެގެން ކަމަށް ސްޓެލްކޯ އިން ވަނީ ބުނެފަ އެވެ.  ސްޓެލްކޯ އިން ބުނީ ހުޅުމާލެ ދެވަނަ ފިޔަވަހީގެ ބައެއް ސަރަހައްދުތަކުން ކަރަންޓުގެ ހިދުމަތް މެދުކެނޑިފައިވަނީ، މަގު ހެދުމުގެ މަސައްކަތުގެ ތެރެއިން ކޮންނަނިކޮށް ހައި ވޯލްޓޭޖް ކޭބަލަކަށް ލިބުނު ގެއްލުމަކާ ގުޅިގެން ކަމަށެވެ. 

ކޭބަލްތަކަށް ގެއްލުން ލިބުނީ އެޗްޑީސީ އިން މަގު ހެދުމުގެ މަސައްކަތް ކުރުމުގެ ތެރޭގައި ކަން ސްޓެލްކޯ އިން ހާމަ ނުކުރި ނަމަވެސް ހުޅުމާލެ މަގު ހެދުމުގެ މަސައްކަތް ކުރަމުން ދަނީ އެޗްޑީސީ އިން ކަން ފާހަގަކޮށްލެވެ އެވެ. އަދި ކޭބަލް އަށް ގެއްލުން ލިބުނު ސަރަހައްދުގައި އެޗްޑީސީގެ މުވައްޒަފުން ހަރަކާތްތެރިވާ މަންޒަރު ފެންނަ ފޮޓޯތައް މީސްމީޑިއާ އިން ވެސް ފެންނަން އެބަ ހުއްޓެވެ.

ކަރަންޓު ކެނޑިފައިވަނީ ހިޔާ ޓަވަރު 5، 6، އަދި 7، ވިނަރެސްގެ 10 ޓަވަރުންނާއި، އަމާން ދޯދި 12، 13، 14، 15، 16 އާއި އަމާން އުދަރެސް 5، އަދި 6 އަދި އެމްޕީއެލް ޓަވަރުތަކުން ކަމަށް ސްޓެލްކޯ އިން ބުނެ އެވެ. މީގެ އިތުރުން ކަރަންޓުގެ ޚިދުމަތް މެދުކެނޑިފައިވާތީ ދިމާވާނެ ދަތިތަކަށް ސްޓެލްކޯއިން ވަނީ މައާފަށް ވެސް އެދިފަ އެވެ.

ފަހަކަށް އައިސް ހުޅުމާލެއިން ކުއްލި އަކަށް ކަރަންޓު ކެނޑޭ މައްސަލަ އިތުރުވަމުންދާކަން ފާހަގަކޮށްލެވެ އެވެ. އެގޮތުން މި މަހުގެ 12 ވަނަ ދުވަހު ވެސް ހުޅުމާލޭ ފޭސް-2 ގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑިފައިވެ އެވެ. ހިޔާ ޓަވަރުތައް ހިމެނޭ ގޮތަށް ކަރަންޓު ކެނޑުނު އިރު، އެދުވަހުގެ ގިނަ ވަގުތު ހޭދަ ކުރަން ޖެހުނީ ކަރަންޓު ނެތި އެވެ.