ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު ސިނާން ހިތަދޫ އުތުރު ދާއިރާގެ ޕީއެންސީ ޕްރައިމަރީ ކާމިޔާބު ކުރައްވައިފިއެވެ. 

މި ދާއިރާގެ ޕްރައިމަރީ ބޭއްވުނީ ބޭންކް ލޯނެއްގެ މައްސަލައިގައި ސިނާންގެ ގޮނޑި ގެއްލިފައިވާކަމަށް ސުޕްރީމް ކޯޓުން ކުރި ޙުކުމަކާއެކުގައެވެ. 

ގާނޫނުއަސާސީގައި ވާގޮތުން، ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކު ހުކުމާއި އެއްގޮތަށް ސާބިތު ދަރަނި ދައްކަވަމުން ނުގެންދަވާ ނަމަ، އެ މެމްބަރެއްގެ ގޮނޑި ގެއްލޭނެ އެވެ. އެގޮތުން ޤާނޫނުއަސާސީގެ 73 ވަނަ މާއްދާގެ (ނ) ގެ 1 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ގޮތުގައި އަދާކުރާންޖެހޭ ސާބިތު ދަރަންޏެއް އޮތް މީހަކުނަމަ، ޙުކުމާ އެއްގޮތަށް އެ ދަރަނި އަދާކުރަމުން ދާ މީހަކު ކަމުގައިވުމަކީ މަޖިލިސް މެމްބަރުންގެ ޝަރުތެކެވެ. ސިނާންގެ ގޮނޑި މީގެ ކުރިން ގެއްލުނީ އެ ޝަރުތު އުނިވުމާ ގުޅިގެންނެވެ. ނަމަވެސް ފަހުން އޭނާ ވަނީ އެ ލޯނު އަނބުރާ ދައްކަވާފައެވެ. 

އެހެންކަމުން ޕީއެންސީންވެސް އެ ގޮނޑިއަށް ވާދަކުރުމަށް ޕްރައިމަރީއަށް ހުޅުވާލުމުން ސިނާން އަނެއްކާވެސް ކުރިމަތިލެއްވީއެވެ. އަދި އޭނާއާ ވާދަކުރެއްވީ މޫލެކެޑެ ދާއިރާގެ ކައުންސިލަރުގެ މަގާމުގައި ހުންނެވި އަހުމަދު ސައީދު (ސޮޑާ) އެވެ.

ހިތަދޫ އުތުރު ދާއިރާގެ ޕީއެންސީގެ ޕްރައިމަރީގައި ވޯޓުލުމަށް 727 މީހަކު ޝަރުތު ހަމަވެއެވެ. މި އިންތިޚާބުގެ ވޯޓުލުން ހޮނިހިރު ދުވަހު ކުރިއަށް ގެންގޮސްފައިވާއިރު، ޕްރައިމަރީގެ ނަތީޖާތައް ދައްކާގޮތުން ސިނާން ވަނީ ވޯޓުން ކުރި ހޯއްދަވާފައެވެ. އެގޮތުން ސިނާނަށް މި ޕްރައިމަރީގައި 200ށް ވުރެ ގިނަ ވޯޓު ލިބިވަޑައިގެންނެވިއިރު ސައީދަށް ލިބިވަޑައިގެންނެވީ 187 ވޯޓެވެ. 

މި ދާއިރާއަށް އެމްޑީޕީންވެސް ވަނީ ކެމްޕޭނު ފަށާފައެވެ. އެގޮތުން އިދިކޮޅު އެމްޑީޕީގެ ޓިކެޓުގައި އިތުރު ބޭފުޅަކު ކުރިމަތިލައްވާފައި ނުވާތީ އެ ޓިކެޓު ކަށަވަރު ކުރެއްވީ އައްޑޫގެ ކުރީގެ މޭޔަރު އަބްދުﷲ ސޯދިގު (ސޯބެ) އެވެ.