މޯލްޑިވިއަން
ޑިމޮކްރަޓިކް ޕާޓީގެ ފަރާތުން މާލޭގައި ބޭއްވި މުޒާހަރާގެ ތެރެއިން، މާލެ ސިޓީގެ
މޭޔަރު އާދަމް އާޒިމަށް މީހަކު ހަމަލާދޭން މަސައްކަތްކުރާ ވީޑިއޯ އެއް
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށް ފެނިވަޑައިގެންފައިވާކަމަށް
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނެފި އެވެ.
އެ
ޙަމަލާއަށް 18 ގަޑިއިރަށްވުރެވެސް ގިނައިރު ހޭދަވިފަހުން ރައީސް އޮފީހުން ނެރުނު
ބަޔާން ފަށަމުން ލިޔެފައިވަނީ އެ ވީޑިއޯ ރައީސަށް ފެނިވަޑައިގެންފައިވާ ކަމަށެވެ.
އަދި މޭޔަރަށް ހަމަލާދޭން މަސައްކަތްކުރުން އެންމެ ހަރުކަށި ޢިބާރާތުން
އެމަނިކުފާނު ކުށްވެރި ކުރައްވާކަމަށްވެސް ފާހަގަކޮށްފައިވެ އެވެ.
މާލޭ
ސިޓީގެ މޭޔަރަކީ ރައްޔިތުންގެ ސީދާ ވޯޓަކުން އިންތިޚާބުވެވަޑައިގެންފައިވާ
ބޭފުޅަކަށް ވީހިނދު، އެމަނިކުފާނަށް ނުވަތަ އެއްވެސް އެހެން ސިޔާސީ ލީޑަރަކަށް
އެބޭފުޅެއްގެ ސިޔާސީ މަސައްކަތުގައި އުޅުއްވާ ވަގުތު ނުވަތަ އަމިއްލަ
ދިރިއުޅުއްވުމުގައިވިޔަސް، ހަމަލާދީ އެބޭފުޅުންގެ މަސައްކަތަށް ހުރަސްއެޅުމަކީ
ކޮށްގެންވާނެކަމެއް ނޫންކަމަށާއި މިފަދަ ކަންކަން ހުއްޓުވައި، ކޮންމެ
ރައްޔިތަކަށްމެ ބިރުވެރިކަމެއް ނެތް، އަމާން މާހައުލެއް ޤާއިމުކޮށްދިނުމަށް
ސަރުކާރުން އަބަދުވެސް މަސައްކަތްކުރަމުންދާނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ
އަރުއްވާކަމަށްވެސް ބަޔާނުގައި ބުނެފައިވެ އެވެ.
މީގެ
އިތުރުން، މި ހާދިސާއާ ގުޅޭގޮތުން ޗީފް ގަވަރންމަންޓް ސްޕޯކްސްޕަރސަން މުޙައްމަދު
ޙުސައިން ޝަރީފް މީޑިއާއަށް ދެއްވާ ބަޔާންވެސް ރައީސް އޮފީހުން ވަނީ
ހިއްސާކޮށްފަ އެވެ.
އެ
ބަޔާނުގައި ތަރުޖަމާނު ވިދާޅުވީ މި ހަމަލާއަކީ ސަރުކާރުން ކޮށްފައިވާ ކަމެއްކަމަށް
މޭޔަރު އާދަމް އާޒިމް ވިދާޅުވެފައިވާކަމީ ހައިރާންވާކަމެއްކަމަށާއި އެއީ ކޮން
ކަމެއްގެ މައްޗަށް ނުވަތަ، ކޮން ހެއްކަކާ ޤަރީނާއެއްގެ މައްޗަށް ބިނާކޮށް ވިދާޅުވި
ވާހަކަފުޅެއްކަމެއް ހަމަ އެއްގޮތަކަށްވެސް އެނގިވަޑައިނުގަންނަވާކަމަށެވެ. އަދި
މިއީ ސަރުކާރާ އެއްވެސް ގުޅުމެއް އޮތްކަމެއް ނޫންކަމަށާއި، ސަރުކާރުގެ ފަރާތުން
މިފަދަ ކަމެއް ނުކުރާނެ ކަމުގެ ޔަޤީންކަން އެންމެހައި ފަރާތްތަކަށް
އަރުވާކަމަށްވެސް ތަރުޖަމާނު ވިދާޅުވި އެވެ.
އޭގެ
އިތުރުން، މޭޔަރު އާދަމް އާޒިމް އެވިދާޅުވީ ކަނޑައެޅިގެން ދޮގު
ވާހަކައެއްކަމަށާއި، މިފަދަ ދޮގު ތުހުމަތުކުރެއްވުމަކީ ވަރަށް ދަށު ދަރަޖައިގެ
ޢަމަލެއްކަންވެސް އޭނާ ފާހަގަކުރައްވަ އެވެ.
ހަމައެއާއެކު،
މި ހާދިސާ ހިނގާދިޔަފަހުން ބަޔާން ނެރުމާ ހިސާބަށްވެސް އެއްވެސް ރަސްމީ ފަރާތަކުން
މިކަމުގެ މަޢުލޫމާތު ފުލުހުންނަށް ރިޕޯޓުކޮށްފައި ނުވާކަމާމެދު ހިތާމަކުރައްވާކަމަށާއި
މުޖުތަމަޢުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގެ ޤާނޫނީ މަސްއޫލިއްޔަތު
މަތިކޮށްފައިވާ މުއައްސަސާއަކީ ފުލުހުން ކަމަށްވާއިރު، މިފަދަ ހާދިސާތައް އެ
ފަރާތަށް ރިޕޯޓުނުކުރުމަކީ ފުލުހުންގެ ޒިންމާ އަދާކުރުމަށް އެޅޭ ހުރަހަކަށް ވާނެކަމަށްވެސް
ވިދާޅުވެފައިވެ އެވެ.
ތަރުޖަމާނު
ވިދާޅުވީ މީސް މީޑިއާއިން މި ހަމަލާގެ ވީޑިއޯ ފުލުހުންނަށް ފެނުނު ހިސާބުން
އެބޭފުޅުން ދަނީ އަމިއްލަ އިސްނެންގެވުމުގެ މަތިން މި މައްސަލަ
ތަޙުޤީޤުކުރައްވަމުންކަމަށެވެ.
މާލެ
ސިޓީގެ މޭޔަރަކީ ދައުލަތުގައި އެ މަނިކުފާނުގެ ޙައިސިއްޔަތުގެ ތެރެއިން،
އެދިވަޑައިގެންފިނަމަ ސެކިއުރިޓީ ލިބޭނެ ފަރާތެއްކަން ތަރުޖަމާނު
ފާހަގަކުރެއްވި އެވެ. އަދި ދައުލަތުގެ އިސް މަޤާމުތަކުގައި ތިއްބަވާ ބޭފުޅުންނަށް
ނުރައްކާ އޮތް މިންވަރު ބެލުމަށް ފުލުހުން އަބަދުވެސް ތްރެޓް އެސެސްމަންޓް
ހައްދަވަމުންގެންދަވާކަމަށާއި މިފަދައިން ހަދާ އެސެސްމަންޓަކުން އެއްވެސް
ފަރާތަކަށް ނުރައްކަލެއް އޮތްކަމަށް ފާހަގަކުރެވިއްޖެނަމަ ފުލުހުން އިސްވެ
އެބޭފުޅުންނަށް ސެކިއުރިޓީގެ ކަންކަން ހަމަޖައްސަވައިދެއްވާނެކަމަށް ތަރުޖަމާނު ވިދާޅުވި އެވެ.