ދ. މީދޫ ކައުންސިލްގެ ރައީސްގެ މަގާމަށް ވާދަކުރި
ޕީއެންސީ އަދި އެމްޑީއޭގެ ކެންޑިޑޭޓަށް ލިބުނު ވޯޓާ ގުޅޭ މައްސަލަ ދިވެހިރާއްޖޭގެ
ހައިކޯޓުން ބަލައިގެންފިއެވެ.
ދ. މީދޫ ކައުންސިލްގެ ރައީސްގެ މަގާމަށް ވާދަކުރި
ޕީއެންސީ އަދި އެމްޑީއޭގެ ކެންޑިޑޭޓަށް ލިބުނު ވޯޓު އެއްވަރުވެފައި ވަނިކޮށް،
މައްސަލަ ޖެހިގެން މީދޫ 2 ނަންބަރު ވޯޓުފޮށި އަލުން ގުނިއިރު ޕީއެންސީގެ
ކެންޑިޑޭޓަށް ލިބުނު ވޯޓެއް ބާތިލުވެ، ކައުންސިލްގެ ރައީސްގެ މަގާމު އެމްޑީއޭގެ
ކެންޑިޑޭޓަށް ވަނީ ޔަޤީންވެފައެވެ.
މީދޫ ކައުންސިލްގެ ރައީސްގެ މަގާމަށް ވާދަކުރި
ޕީއެންސީގެ ސުހާ އިބްރާހިމް އާއި އެމްޑީއޭގެ މުހައްމަދު ޝާހިދަށް ކުރިން ލިބުނީ
392 ވޯޓެވެ. އެހެންނަމަވެސް ފަހުން މީދޫ ދެ ނަންބަރު ވޯޓުފޮށި އަލުން ގުނިއިރު
ސުހާ އަށް ލިބުނު ވޯޓެއް ބާތިލުވުމުން އޭނާ އަށް ލިބުނު ވޯޓުގެ އަދަދު ވަނީ 391 އަށް
މަދުވެފަ އެވެ.
އެއާއެކު ޝާހިދު ވަނީ އެއް ވޯޓުގެ ތަފާތަކުން
ކައުންސިލް ރައީސްގެ މަގާމު ހޯއްދަވާފަ އެވެ.
މީދޫގެ ދެ ނަންބަރު ވޯޓުފޮށި އަލުން ގުނަން ދިމާވީ
ޕީއެންސީގެ ކެންޑިޑޭޓަށް ލާފައިވާ ވަގު ވޯޓެއް ބާތިލު ކުރުމުން ނަތީޖާ
އެއްވަރުވުމުގެ ސަބަބުންނެވެ.
އެހެންކަމުން ޕީއެންސީގެ ކެންޑިޑޭޓުގެ ފަރާތުން މިހާރު
ވަނީ މައްސަލަ ހައިކޯޓަށް ހުށަހަޅާފައެވެ. އަދި ހައިކޯޓުން ވަނީ މައްސަލަ
ބަލައިގެންފައެވެ.
ދ. މީދޫގެ ކައުންސިލްގެ ދެ ގޮނޑި އަދި ޑަބްލިއުޑީސީ
އެއް ގޮނޑި ކާމިޔާބުކުރީ ޕީއެންސީ އިންނެވެ. އެމްޑީޕީ އިން ވަނީ ޑަބްލިއުޑީސީގެ
އެއް ގޮނޑި ކާމިޔާބުކޮށްފަ އެވެ.
ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ގިނަ ކައުންސިލްތަކުގެ ރައީސްގެ މަގާމަށް ވެސް އައީ އެމްޑީޕީގެ ކެންޑިޑޭޓުންނެވެ. އަދި ރާއްޖޭގެ ފަސް ސިޓީގެ މޭޔަރުގެ މަގާމާއި ސިޓީ ކައުންސިލްތަކުގެ މެޖޯރިޓީ ވެސް ލިބުނީ އެމްޑީޕީ އަށެވެ.
ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާއި ރިޔާސީ އިންތިހާބު އެއްކޮށްލަން ފެނޭތޯ ނެގި ވޯޓުގައި ވެސް ސަރުކާރު ވަނީ ބަލިވެފަ އެވެ. ވޯޓު ދިން މީހުންގެ ތެރެއިން 68 ޕަސެންޓު މީހުން ބުނެފައި ވަނީ ދެ އިންތިހާބު އެއްކުރަން ނުފެންނަ ކަމަށެވެ. ދެ އިންތިހާބު އެއްކޮށްލުމަށް ސަރުކާރުން ބޮޑެތި ކެމްޕެއިން ތައް ކުރި އިރު، މި އިންތިހާބުގެ ނަތީޖާއިން ސާފުވަނީ ސަރުކާރުގެ ސިޔާސަތުތަކާއި މެދު ރައްޔިތުން ނުރުހުން ފާޅުކޮށްފައިވާ މިންވަރުކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.