ދިވެހިރާއްޖެއަށް މަސްތުވާތަކެތި ޓްރެފިކް ކުރިކަމުގެ ތުހުމަތުގައި މެލޭޝިއާ އަންހެނެއް ހައްޔަރުކޮށް ބަންދުގެ މުއްދަތު ޖަހައިފި އެވެ. 

މިމަހުގެ 23 ވަނަ ދުވަހު ކްރިމިނަލް ކޯޓުން ވަނީ، 38 އަހަރުގެ ރަންޖިނި ޖީވަނަންތަން ނަމަކަށް ކިޔާ އަންހެން މީހާގެ ބަންދަށް 30 ދުވަސް ޖަހާފަ އެވެ. 

ކޯޓު އަމުރުގައި ބުނީ، ރަންޖިނިގެ މައްޗަށް ތުހުމަތުކުރެވޭ ކުށް އޭނާ ކުރިކަމަށް ތުހުމަތުކުރެވޭ އެކަށީގެންވާ މިންވަރުގެ ހެކި ލިބިފައިވާ ކަމަށެވެ. އެގޮތުން މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ ހާދިސާ ރިޕޯޓާއި، ފުލުހުންގެ ބަޔާނާއި، ސީން އޮފް ކްރައިމް އޮފިސަރސް ރިޕޯޓުގެ އިތުރުން މަސްތުވާތަކެތީގެ ތަހުލީލް ރިޕޯޓް ހުށަހަޅާފައިވާ ކަމަށެވެ. 

މީގެ އިތުރުން އޭނާ ވަނީ މަސްތުވާތަކެތި ފެނުނު ލަގެޖަކީ އޭނާ ގެ ލަގެޖެއް ނޫން ކަމަށް ކޯޓުގައި ބުނެފަ އެވެ. އޭނާ ގެ ވަކީލު ބުނީ، އެއީ އެއަރޕޯޓްގައި ތިބި ބަޔަކު އެގޮތަށް އޭނާ ގެ ނަމުގައި ލަގެޖް ފޮނުވައި ދިނުމަށް އެދުމުން އޭނާ ގެ ނަމުގައި ލަގެޖް ގެނައީ ކަމަށެވެ. 

މި މައްސަލައާ ގުޅިގެން ފުލުހުން ބުނީ، ގިނަ އަދަދެއްގެ މަސްތުވާތަކެތި ފެނިފައިވާ ކަމަށެވެ. އަދި އިތުރު ފަރާތްތަކެއް ހިމެނޭ ކަމަށް ވެސް ކޯޓުގައި ފުލުހުން ބުނެފައިވެ އެވެ. 

މި މައްސަލަ ފުލުހުން ގެންދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.