ހުޅުމާލެ ފޭސް-2 ގެ ބޮޑު ސަރަހައްދަކުން ކުއްލި ގޮތަކަށް ކަރަންޓު ކެނޑިއްޖެ އެވެ.

ހޮނިހިރު ދުވަހު ހުޅުމާލޭގެ ފޭސް-2ގެ ބޮޑު ސަރަހައްދަކުން ކަރަންޓު ކެނޑުނީ ގާތްގަނޑަކަށް 1:45 ހާއިރު އެވެ. 

ސްޓެލްކޯއިން ބުނީ، ދިމާވި ޓެކްނިކަލް މައްސަލައަކާއި ގުޅިގެން ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ބައެއް ސަރަހައްދުތަކުން ކަރަންޓުގެ ޚިދުމަތް މެދުކެނޑިފައިވާ ކަމަށާއި، މައްސަލަ ދެނަގަނެ ހައްލު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. 

ކަރަންޓު ކެނޑިފައިވަނީ ހިޔާ ޓަވަރު 5، 6، އަދި 7، ވިނަރެސްގެ 10 ޓަވަރުންނާއި، އަމާން ދޯދި 12، 13، 14، 15، 16 އާއި އަމާން އުދަރެސް 5، އަދި 6 އަދި އެމްޕީއެލް ޓަވަރުތަކުން ކަމަށް ސްޓެލްކޯ އިން ބުނެ އެވެ. 

މީގެ އިތުރުން ކަރަންޓުގެ ޚިދުމަތް މެދުކެނޑިފައިވާތީ ދިމާވާނެ ދަތިތަކަށް ސްޓެލްކޯއިން ވަނީ މައާފަށް ވެސް އެދިފަ އެވެ. 

މިހާރަކަށް އައިސް ހުޅުމާލެއިން ކުއްލި އަކަށް ކަރަންޓު ކެނޑޭ މައްސަލަ ވަނީ ބޮޑުވެފަ އެވެ. އަދި މި މަހުގެ 12 ވަނަ ދުވަހު ވެސް ހުޅުމާލޭ ފޭސް-2 ގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑިފައިވެ އެވެ. ހިޔާ ޓަވަރުތައް ހިމެނޭ ގޮތަށް ކަރަންޓު ކެނޑުނުއިރު، އެދުވަހުގެ ގިނަ ވަގުތު ހޭދަ ކުރަން ޖެހިފައިވަނީ ކަރަންޓާ ނުލަ އެވެ.