މި ސަރުކާރުގައި ދައުލަތުގެ ހިންގުންތެރިކަމުގެ އެއްވެސް ނިޒާމެއް ނެތް ކަމަށާއި ސަރުކާރުގެ އެއްވެސް ސިޔާސަތެއް ނެތް ކަން ހަމައެކަނި މަގުމައްޗަށް ބަލާލިއަސް އެނގިގެން ދާނެ ކަމަށް އެމްޑީޕީގެ ކުރީގެ ޗެއަރޕާސަން މޫސާ މަނިކު (ރީކޯ މޫސަ) ވިދާޅުވެއްޖެ އެވެ.

ރާއްޖެޓީވީ ގެ ފަލަސުރުޚީ ޕްރޮގްރާމްގައި ވާހަކަދައްކަވަމުން މޫސަ ވިދާޅުވީ މިހާރު ދުނިޔެ އަށް ކުރިމަތިވެފައި ވަނީ ދަތި އުނދަގޫ ދުވަސްވަރެއް ކަމަށެވެ. ދުނިޔޭގެ އެހެން ގައުމުތަކުން އެކަމާ ގުޅިގެން ފިޔަވަޅުތައް އެޅި އިރުވެސް ރާއްޖެ އިން އެފަދަ ފިޔަވަޅެއް ވެސް އަޅާފައި ނުވާ ކަން މޫސަ ފާހަގަ ކުރެއްވި އެވެ. 

މޫސަ ވިދާޅުވީ މި ސަރުކާރުގެ ސިޔާސަތުތައް ހަރުދަނާ ނަމަ ހަނގުރާމަ ފެށުމާއެކު، އިންތިޚާބާ ދިމާކޮށް ވަޒީފާ ބެހުން ފަދަ ކަންކަން ހުއްޓާލީސް ކަމަށެވެ.

މިކަން ފެށުނު ދުވަހު މި އިންތިޚާބު ބޯމަތިވެފަ އޮތަސް ވަޒީފާތައް ބަހައި، ބޭކާރު ޚަރަދު ކޮށް، ޑްރެޖަރުތައް ގެނަސްގެން ތަންތަން ނުހިއްކައި އިގްތިސާދު ހިފެހެއްޓިނަމަ އަޅުގަނޑު ދަންނަވާނީ މެނޭޖް ކުރެވޭ ވަރަށް، ރައްޔިތުންނަށ ްކާބޯތަކެތި ދެވޭ ވަރަކަށް، ރައްޔިތުންގެ ބޭސް ފަރުވާ އަގުބޮޑުވެގެން ނުދާނެ، ކަރަންޓު ބިލު އަގުބޮޑުވެގެން ނުދާނެ ވަރަކަށް ހިފެހެއްޓުމަށް ރައީސް ސިޔާސަތެއް ގެންގުޅުއްވި ނަމަ މިއަދު މިކަމެއް ކުރިމަތި ނުވާނެ.
އެމްޑީޕީގެ ކުރީގެ ޗެއަރޕާސަން މޫސާ މަނިކު (ރީކޯ މޫސަ) 

މޫސަ ވިދާޅުވީ މިއަދުވެސް މާލޭގެ މަގުތަކަށް ސައިކަލުތައް ރަޖިސްޓްރީ ކުރަމުން ދަނީ އެއްވެސް އުސޫލެއް ނެތި ކަމަށެވެ. މަގުތައް ފުރި ބާރުވެ، ހިނގާނެ ތަނެއް ވެސް ނެތް ކަމަށާ ހަމައެކަނި މަގުމައްޗަށް ބަލާލިއަސް މި ސަރުކާރުގެ ސިޔާސަތުތައް ނެތްކަން ހާމަވާ ކަމަށެވެ. 

އޭގެ އިތުރުން ފުލުހުންގެ ފަރާތުން ވެސް ފެންނަމުން ދަނީ އެއްވެސް ހަރުދަނާ ކަމެއް ނެތް މުއައްސަސާ އަކުން ފެންނަ މަންޒަރުތައް ކަމަށާއި ފުލުހުންނަށް ވެސް މި ގައުމުގައި މުޒާހަރާ ހުއްޓުވުން ފިޔަވައި ކުރެވޭ ކަމެއް ނެތް ކަމަށެވެ. 

މި ގައުމަށް ބިދޭސީން އެތެރެވާ މިންވަރަށް މިހާރު ވެސް އެތެރެވަމުން ދާއިރު ގައުމުގައި ހުރި އެއްވެސް ކަމެއް ބެލޭނެ ގޮތެއް ނެތް ކަމަށް މޫސަ ވިދާޅުވި އެވެ. މި ހުރިހާ ކަމަކުން ވެސް ހާމަވަނީ މި ސަރުކާރުގައި ދައުލަތުގެ ހިންގުންތެރިކަމުގެ އެއްވެސް ނިޒާމެއް ނެތް ކަން ކަމަށް މޫސަ ވަނީ ތަކުރާރު ކޮށް ވިދާޅުވެފަ އެވެ.