އެމްޑީޕީން ކުރިއަށް ގެންދިޔަ މުޒާހަރާގެ ތެރެއިން މާލެސިޓީގެ މޭޔަރު އާދަމް އާޒިމްއަށް ހަމަލާ ދީފައިވާތީ، މޭޔަރަށް ބޭނުންވާ ފުރިހަމަ ރައްކާތެރިކަން ފޯރުކޮށްދިނުމަށް  ކަމާގުޅޭ އިދާރާތަކަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ގޮވާލައްވައިފި އެވެ.

ހުކުރު ދުވަހުގެ ރޭގެ މުޒާހަރާގެ ބައިވެރިން ބޮޑުރަސްގެފާނު މަގުން ގަލޮޅު ސަހަރާ ކައިރިން ދަނިކޮށް ކުއްލިއަކަށް ދެ މީހަކު ވަނީ މުޒާހަރާގެ ތެރެއާށް ވަދެފަ އެވެ. އަދި މޭޔަރު އާޒިމް އަށް ހަމަލާ ދިނުމަށް އެ ދެމީހުން މަސައްކަތް ކޮށްފައިވެ އެވެ. 

އެގޮތުން އެތަނުން އެކަކު ވަނީ މޭޔަރު އާޒިމް ކޮށްޕާލައި، މަގުމައްޗަށް ވައްޓާލުމަށް މަސައްކަތް ކޮށްފަ އެވެ. ނަމަވެސް އިތުރު ހަމަލާއެއް ދިނުމުގެ ކުރިން މުޒާހަރާގެ ބައިވެރިން ވަނީ އެ ދެމީހުން ހިފަހައްޓާފަ އެވެ. 

މި މައްސަލައާ ގުޅިގެން ހޮނިހިރު ދުވަހު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ސޯލިހު ވިދާޅުވީ، ހުކުރު ދުވަހުގެ ރޭ މާލޭގައި އެމްޑީޕީން ބޭއްވި ސުލްހަވެރި ހިނގާލުމުގެ ތެރެއިން މާލޭ ސިޓީގެ މޭޔަރު އާޒިމް އަށް ދިން ހަމަލާ އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ. 

މި ހަމަލާ އަވަސް ގޮތެއްގައި ތަހުގީގު ކުރުމަށާއި، މާލޭގެ މޭޔަރަށް ބޭނުންވާ ފުރިހަމަ ރައްކާތެރިކަން ފޯރުކޮށްދިނުމަށް ފުލުހުންނަށާއި ކަމާބެހޭ ފަރާތްތަކަށް އެމަނިކުފާނު ވަނީ ގޮވާލައްވާފަ އެވެ. 

މީގެ އިތުރުން ރައީސް ސޯލިހު ވިދާޅުވީ، އެއްވެ އުޅުމާއި، ޚިޔާލު ފާޅުކުރުމާއި ސިޔާސީ ހަރަކާތްތައް ހިންގުމަކީ ގާނޫނުަސާސީން އެންމެނަށް ކަށަވަރުކޮށްދީފައިވާ ހައްގުތަކެއް ކަމަށެވެ. އަދި ސުލްހަވެރި ސިޔާސީ ހަރަކާތްތައް ހިންގުމަށް އަމާން މާހައުލެއް ގާއިމުކޮށްދިނުމަކީ ކަމާބެހޭ އިދާރާ ތަކުގެ މަސްއޫލިޔަތެއް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. 

ރައީސް ސޯލިހުގެ އިތުރުން އެމްޑީޕީގެ ވަގުތީ ޗެއާޕާސަން އަބްދުލްޣަފޫރު މޫސާ (ގަޕޯ) އަދި އެމްޑީޕީގެ އިސްބޭފުޅުން ވަނީ މޭޔަރު އާޒިމަށް ދިން ހަމަލާ ހަރުކަށި އިބާރާތުން ކުށްވެރިކޮށް، މި މައްސަލަ ތަހުގީގު ކުރުމަށް ގޮވާލާފަ އެވެ. 

ނަމަވެސް މި މައްސަލައާ ގުޅިގެން ފުލުހުންގެ ބަހެއް ވަނީ ލިބޭ ގޮތް ނުވެފަ އެވެ. ހަމަލާ ދިން މީހާ ދެނެގަނެވިފައިވޭތޯ ނުވަތަ މި މައްސަލަ ތަހުގީގު ކުރަމުންދާކަން ވެސް ހާމަކޮށްފައިނުވެ އެވެ.