ރަމަޟާން މަހުގެ ކަރަންޓު ބިލަށް ދިން ޑިސްކައުންޓަށް ފަހު، މި މަހު ލިބުނު ބިލުތައް އާދަޔާ ހިލާފަށް ބޮޑުވެފައިވާތީ އެކަމާ ދެކޮޅަށް އިދިކޮޅު އެމްޑީޕީން ހުކުރު ދުވަހުގެ ރޭ ސްޓެލްކޯ ސަރަހައްދުގައި އިހުތިޖާޖު ކޮށްފި އެވެ.

އެމްޑީޕީން ސިލްސިލާކޮށް ކުރިއަށްގެންދާ މުޒާހަރާތަކުގެ ތެރެއިން ބޭއްވި މި ހަރަކާތުގައި ގިނަ އަދަދެއްގެ ބަޔަކު ބައިވެރިވެ، ރައްޔިތުންގެ އަތުން ކަރަންޓު ބިލު މެދުވެރިކޮށް ސަރުކާރުން ވައްކަން ކުރަމުންދާ ކަމަށް ތުހުމަތުކޮށް އެކަން ހުއްޓާލުމަށް ވަނީ ގޮވާލާފަ އެވެ.

މި އިހުތިޖާޖުގައި ވާހަކަ ދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ވިދާޅުވީ، ރަމަޟާން މަހުގެ ބިލުތަކުން ޑިސްކައުންޓް ދެއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އިއުލާނުކުރެއްވި ހިސާބުން ވެސް ރައްޔިތުން ކަންބޮޑުވުން ފާޅުކުރަމުންދިޔަ ކަމަށެވެ. އެގޮތުން ޑިސްކައުންޓް ދިނުމަށްފަހު ޖެހިގެން އަންނަ މަހުގެ ބިލު ގަބޫލުނުކުރެވޭ މިންވަރަށް ބޮޑުވާނެ ކަމަށް ރައްޔިތުން ބުނަމުންދިޔަ ބުނުން މިއަދު ހަގީގަތަކަށް ވެފައިވާ ކަމަށް މައުރޫފް ފާހަގަކުރެއްވި އެވެ.

މާލޭގެ ބޮޑެތި މަގުތަކުގައި ކުރިއަށްދިޔަ މި މުޒާހަރާގެ ތެރެއިން މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމަށް ވަނީ މީހަކު ހަމަލާދީފަ އެވެ. މުޒާހަރާގެ ބައިވެރިން ހިނގާފައި ދަނިކޮށް މަގުގެ އަރިމަތީގައި ހުރި މީހަކު ވަނީ އާޒިމްގެ މޭމަތީގައި އަތްއަޅައި ކޮއްޕާލާފަ އެވެ. އެ ވަގުތު އާޒިމްގެ އަރިހުގައި ތިބި މުޒާހަރާގެ ބައިވެރިން ވަނީ އޭނާގެ ހިމާޔަތުގައި އެ މީހާ ދުރަށް ޖައްސާފަ އެވެ. މި ހާދިސާ ހިނގި ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވި ނަމަވެސް، އާޒިމަށް ހަމަލާދިން މީހާ ހައްޔަރުކޮށްފައި ނުވާކަން ފާހަގަކުރެވެ އެވެ.

މި ހަމަލާ އަށްފަހު މުޒާހަރާގެ ތެރެއިން ރާއްޖެ ޓީވީ އަށް ދެއްވި އިންޓަވިއު އެއްގައި މޭޔަރު އާޒިމް ތުހުމަތު ކުރެއްވި ގޮތުގައި މިއީ ސަރުކާރުން ގަސްތުގައި ރާވައިގެން ހިންގި އަމަލެކެވެ. ނަމަވެސް މިފަދަ ބިރުދެއްކުމުގެ އަމަލުތަކުން އެމްޑީޕީ ފަހަތަށް ނުޖެހޭނެ ކަމަށާއި، ސަރުކާރު ހަމަމަގަށް އެޅުވުމަށް ކުރާ މަސައްކަތް ހުއްޓާނުލާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އެމްޑީޕީގެ ޗެއާޕާސަން އަބްދުލްގަފޫރު މޫސާ ވެސް ވަނީ މި ހަމަލާ ހަރުކަށި އިބާރާތުން ކުށްވެރިކުރައްވައި، ސަރުކާރު ޖަވާބުދާރީ ކުރުވުމުގައި ދެމިތިބޭނެ ކަމަށް ވިދާޅުވެފަ އެވެ.

މި މުޒާހަރާގެ ބައިވެރިން ވަނީ ރައީސް މުއިއްޒުގެ އިސްތިއުފާއަށް ގޮވާލައި އަޑުއުފުލާފަ އެވެ. އެމްޑީޕީގެ ގައުމީ ހިންގާ ކޮމިޓީން މިދިޔަ އޭޕްރީލް މަހުގެ 14 ވަނަ ދުވަހު ވަނީ ގައުމުގެ ސަލާމަތަށްޓަކައި 12 ކަމެއް އިސްލާހު ކުރުމަށް ސަރުކާރަށް ގޮވާލައި އިހުތިޖާޖު ކުރުމަށް ފާސްކޮށްފަ އެވެ. އެ ނިންމުމާ އެއްގޮތަށް އެމްޑީޕީން ދަނީ ކޮންމެ ރެޔަކު މާލޭގެ މަގުތަކުގައި ސަރުކާރާ ދެކޮޅަށް އަޑުއުފުލަމުންނެވެ.