އެމްޑީޕީ އިން ސިލްސިލާ ކޮށް ކުރިއަށް ގެންދާ މުޒާހަރާގެ ތެރެއިން ހުކުރު ދުވަހުގެ ރޭ ކުރިއަށް ގެންދިއަ މުޒާހަރާގެ ތެރެއަށް ދެ މީހަކު ވަދެ މޭޔަރު އާދަމް އާޒިމް އަށް ހަމަލާ ދީފި އެވެ. 

ހުކުރު ދުވަހުގެ ރޭގެ މުޒާހަރާގެ ބައިވެރިން ބޮޑުރަސްގެފާނު މަގުން ގަލޮޅު ސަހަރާ ކައިރިން ދަނިކޮށް ކުއްލިއަކަށް ދެ މީހަކު ވަނީ މުޒާހަރާގެ ތެރެއާށް ވަދެފަ އެވެ. އަދި މޭޔަރު އާޒިމް އަށް ހަމަލާ ދިނުމަށް އެ ދެމީހުން ވަނީ މަސައްކަތް ކޮށްފަ އެވެ.

އެގޮތުން އެތަނުން އެކަކު ވަނީ މޭޔަރު ކޮށްޕާލައި، މަގުމައްޗަށް ވައްޓާލުމަށް މަސައްކަތް ކޮށްފަ އެވެ. ނަމަވެސް އިތުރު ހަމަލާއެއް ދިނުމުގެ ކުރިން މުޒާހަރާގެ ބައިވެރިން ވަނީ އެ ދެމީހުން ހިފަހައްޓާފަ އެވެ. 

އޭގެ އިރުކޮޅެއް ފަހުން ފުލުހުން އެ ސަރަހައްދަށް ގޮސް އެތަނުގައި ހަރަކާތްތެރިވެފައިވާއިރު މުޒާހަރާގެ ބައިވެރިން ބުނީ މޭޔަރަށް އަމާޒު ކޮށް ދިން މި ހަމަލާ އަކީ ސަރުކާރުން އަޑީގައި އޮވެގެން ބަޔަކު ފޮނުވައިގެން އިދިކޮޅަށް ހުރަސް އެޅުމަށްޓަކައި ކޮށްފައިވާ ކަމެއް ކަމަށެވެ. 

މި ހަމަލާ އާ ގުޅިގެން މޭޔަރު ވިދާޅުވީ ސަރުކާރުގެ މިފަދަ ފިނޑީ އަމަލުތަކުގެ ސަބަބުން ބިރުން ފަހަތަށް ނުޖެހޭނެ ކަމަށެވެ. އަދި ސަރުކާރު ޖަވާބުދާރީ ކުރުވުމުގައި ދެމިތިބޭނެ ކަމަށް ވެސް މޭޔަރު ވިދާޅުވި އެވެ. 

އެކިއެކި ޝުއޫރުތައް ފާޅު ކޮށްފައިވާ ޕްލެކާޑްތައް މުޒާހަރާގެ ބައިވެރިން އުފުލާފައިވާއިރު، އަޑު އަހަރުކޮށް ރައީސް މުއިއްޒުގެ އިސްތިއުފާ އަށް ގޮވަމުން މުޒާހަރާގެ ބައިވެރިން ބުނެފައިވަނީ، ސަރުކާރުން އިސްނަގައިގެން މި މަހުގެ 4 ވަނަ ދުވަހު ބޭއްވި ރިފަރެންޑަމް ވޯޓުގައި ސަރުކާރަށް ލިބިފައިވަނީ އެންމެ 30 އިންސައްތަ ވޯޓު ކަމަށާއި، ސަރުކާރުގެ އިތުބާރު ގެއްލިފައިވާ ކަމަށެވެ.

އެމްޑީޕީ އިން މިހާރު ކުރަމުންދާ މުޒާހަރާތަކުގައި ގައުމު ހަމަ މަގަށް އެޅުވުމަށް ސަރުކާރަށް 12 ޑިމާންޑެއް ވަނީ ހުށަހަޅާފަ އެވެ.