ނަފްސާނީ ދުޅަހެޔޮަކަމަށް ދެވޭ ވަގުތީ އަދި ދާއިމީ ޚިދުމަތްތައް އިތުރަށް ހަރުދަނާ ކުރުމަށް ފަންނީ ބޭފުޅުންނާ ގުޅުންހުރި މުއައްސަސާތަކާއެކު މަސައްކަތް ކުރަމުން ދާ ކަމަށް ހެލްތު މިނިސްޓްރީ އިން ބުނެފި އެވެ. 

އެ މިނިސްޓްރީ އިން ނެރުނު ބަޔާނެއްގައި ބުނީ  މި މުޖުތަމައުގައި ފަހަކަށް އައިސް ހިނގަމުންދާ ނަފްސާނީ ގޮތުން އަސަރުކުރުވާފަދަ ހިތާމަވެރި ހާދިސާތަކާ މެދު ނުހަނު ބޮޑަށް ކަންބޮޑުވާ ކަމަށެވެ. އަދި މި ދަނޑިވަޅުގައި އެކަކު އަނެކަކަށް ހަމްދަރުދީއާ ޒިންމާދާރުކަމާއެކު އޯގާތެރި ކަމާއެކު މުއާމަލާތް ކުރުމަށް ހުރިހާ ފަރާތްތަކަށް އިލްތިމާސް ކުރާ ކަމަށެވެ. 

ކޮންމެ އިންސާނެއްގެ ފުރާނައަކީ މަތިވެރި އަގުހުރި އަމާނާތެއް ކަމަށާ ދިރިއުޅުމުގެ ދަތުރުގައި ކޮންމެ މީހަކަށް ވެސް އުފަލާ ހިތާމައިގެ ވަގުތުތަކާ ކުރިމަތިލާންޖެހޭ ކަން ފާހަގަ ކޮށް ބަޔާނުގައި ބުނީ  މީސްމީޑިއާގައި ފަތުރާ ވާހަކަތަކާއި ހިއްސާކުރާ މައުލޫމާތުތަކަކީ ނަފްސާނީ ގޮތުން ބަލިކަށިވެފައިވާ ފަރާތްތަކަށާ ވަކިވެދިޔަ ފަރާތްތަކުގެ އާއިލާތަކަށް ފޫނުބެއްދޭ ފަދަ ހިތްދަތި އަސަރުތަކެއް ކުރުވާނެ ކަންކަން ކަމަށެވެ. 

މިނިސްޓްރީ އިން ބުނީ މިފަދަ ނާޒުކު ވަގުތުތަކުގައި ހަގީގަތާ ޚިލާފު ވާހަކަތަކާ ހިތްދަތި މަންޒަރުތައް ނުވަތަ ކަށަވަރު ނުވާ މައުލޫމާތު ފެތުރުމުން ދުރުހެލުވުމަށް އާންމުންނާ މީޑިއާތަކަށް ބާރުއަޅައި އިލްތިމާސް ކުރާ ކަމަށެވެ. އަދި އޭގެ ބަދަލުގައި އެކަކު އަނެކަކަށް އުއްމީދާ ހިތްވަރު ދިނުމަށާ އެހީތެރިކަން ފޯރުކޮށްދިނުމުގެ މެސެޖުތައް ހިއްސާކުރުމަށް އެދޭ ކަމަށެވެ. 

އާއިލާތަކާ ރައްޓެހިން އަދި މުޅި މުޖުތަމައު ގުޅިގެން އެކަކު އަނެކެއްގެ ހާލުބަލައި އެއްވެސް ތަފާތު ކުރުމެއް ނެތި އަޅާލުމަށް މިނިސްޓްރީ އިން ބާރު އަޅާކަން ފާހަގަކޮށް ބަޔާނުގައި ބުނީ އަނެކާގެ ވާހަކަ ކަނުލައި އަޑުއަހާލުމަކީ ނުވަތަ ދެވޭ ކުޑަ އޯގާތެރިކަމަކީ ވެސް މީހެއްގެ ފުރާނަ ސަލާމަތްކުރުމަށް ލިބޭ ވަރަށް ބޮޑު ބާރަކަށް ވެގެންދާނެ ކަމަށެވެ.

ގައުމެއްގެ ހައިސިއްޔަތުން އެކަކު އަނެކެއްގެ ދުޅަހެޔޮކަން ރައްކާތެރިކުރުމަކީ އެންމެންގެ ޝާމިލު ޒިންމާއެއް ކަމަށް ވެސް މިިނިސްޓްރީ ގެ ބަޔާނުގައި ވެ އެވެ. ހަގީގަތެއް ނެތް ވާހަކަތަކުގެ ބަދަލުގައި ހަމްދަރުދީ އިސްކޮށް ފާޑުކިޔުމުގެ ބަދަލުގައި އޯގާތެރިކަން އަދި ބިރުވެރިކަމުގެ ބަދަލުގައި އުއްމީދު ކުރިއަށް ނެރުމަކީ ވެސް މުހިއްމު ކަމެއް ކަމަށް މިނިސްޓްރީ އިން ވަނީ ބުނެފަ އެވެ.

ބަޔާނުގައި ބުނީ ނަފްސާނީ ގޮތުން ދަތި އުނދަގޫ ހާލަތެއް ތަހައްމަލު ކުރަމުންދާ ފަރާތެއް ނަމަ ތިޔައީ އެކަނިވެރިއެއް ނޫން ކަން ގަބޫލު ކުރުން މުހިއްމު ކަމަށެވެ. އަދި އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ނޭޝަނަލް މެންޓަލް ހެލްތު ހެލްޕްލައިން 1677 މެދުވެރިކޮށް 24 ގަޑިއިރު ނަފްސާނީ އެހީތެރިކަން ލިބިގެންދާނެ ކަން ވެސް މިނިސްޓްރީ އިން ވަނީ ފާހަގަ ކޮށްފަ އެވެ.

ނަފްސާނީ ދުޅަހެޔޮ ކަމަކީ ޚާއްސަ ސަމާލުކަމެއް ދޭންޖެހިފައިވާ ކަމެއް ކަން ގަބޫލުކޮށް މިނިސްޓްރީ އިން ދަނީ ނަފްސާނީ ދުޅަހެޔޮަކަމަށް ދެވޭ ވަގުތީ އަދި ދާއިމީ ޚިދުމަތްތައް އިތުރަށް ހަރުދަނާ ކުރުމަށް ފަންނީ ބޭފުޅުންނާ ގުޅުންހުރި މުއައްސަސާތަކާއެކު މަސައްކަތް ކުރަމުންދާ ކަމަށް ވެސް މިނިސްޓްރީ އިން ބުނެފައިވެ އެވެ. ބަޔާނުގައި ބުނީ ދެމެހެއްޓެނިވި ގޮތެއްގައި މުޖްތަމައަށް އެހީތެރިކަން ފޯރުކޮށްދެވޭނެ ހަރުދަނާ ނިޒާމެއް ބިނާކުރުމުގައި އެ މިނިސްޓްރީ އިން ކެނޑިނޭޅި މަސައްކަތް ކުރާނެ ކަމުގެ ޔަގީންކަން އަރުވާ ކަމަށެވެ.