ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި މީހަކު ނިޔާވި މައްސަލައެއް ފެންމަތިވެއްޖެ އެވެ. 

ބުރާސްފަތި ދުވަހު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިއަ މީހަކު ނިޔާވެފައިވާ މައްސަލައެއް ފެންމަތިވެފައިވާއިރު އޭނާ ނިޔާވެފައިވާ ކަމުގެ މައުލޫމާތު އާއިލާ އަށް ދީފައިވަނީ ހުކުރު ދުވަހުގެ މެންދުރުގެ ވަގުތެއްގަ އެވެ. އާއިލާ އިން ބުނި ގޮތުގައި އޭނާ ހައްޔަރު ކުރި ކަމުގެ މައުލޫމާތު އާއިލާ އަށް ދީފައި ނުވެ އެވެ. 

މީގެ ކުރިން ވެސް މަސްތުވާތަކެތީގެ މައްސަލަތަކުގައި އޭނާ ހައްޔަރު ކޮށްފައިވާއިރު، ހައްޔަރު ކުރުމަށްފަހު އެކަން ފުލުހުންގެ ފަރާތުން އާއިލާ އަށް އަންގާ ކަމަށާ ނަމަވެސް މިފަހަރު އެކަން އާއިލާ އަށް އަންގާފައި ނުވާ ކަމަށް އާއިލާ އިން ވަނީ ރާއްޖެއެމްވީ އާ ހިއްސާ ކޮށްފަ އެވެ. 

އާއިލާ އިން ބުނީ ހުކުރު ދުވަހު މެންދުރު ލިބުނީ ފޯނު ކޯލެއް ކަމަށާއި ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓާ ކުއްލިއަކަށް ގޮތްތަކެއް ވާތީ ހޮސްޕިޓަލަށް ގެނައިތަނުން އޭނާ ނިޔާވި ކަމަށް ފުލުހުން މައުލޫމާތު ދިން ކަމަށެވެ. 

އިއްޔެގެ މެންދުރުގެ ވަގުތެއްގައި އޭނަ ގެންދިޔަ ކަމަށް ވަނީ ޕޮލިސް ސްޓޭޝަން އަށް. އަޅުގަނޑުމެންނަކަށް ނޭނގެ. ފެމިލީ އަކަށް އިންފޯމް އެއް ނުކުރޭ ގެންގޮސްފަ. އަޅުގަނޑުމެންނަށް މިއަދު އެނގުނީ ކުއްލިއަކަށް މެންދުރު 01:30 ގަ ކޯލް އެއް އަންނަނީ. ކޯލްގަ މި ބުނަނީ އޭނަ އަޅުގަނޑުމެންގެ ބެލުމުގެ ދަށުގަ ހުއްޓާ ޕޮލިހުންގެ ބެލުމުގެ ދަށުގަ ހުއްޓާ ކުއްލިއަކަށް ގޮތެއް ވާތީ ހޮސްޕިޓަލަށް ގެނައިތަނާ ނިޔާ ވެއްޖެއޭ. 
ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓާ ނިޔާވި މީހާގެ އާއިލާ 

އެއާއެކު އާއިލާ އިން ވަގުތުން ހޮސްޕިޓަލަށް ދިޔަ ކަމަށާއި ނަމަވެސް ފުލުހުންނާ ކުރި އެއްވެސް ސުވާލަކަށް ޖަވާބު ދީފައިނުވާ ކަމަށް ވެސް އާއިލާ އިން ކިޔައިދިނެވެ. އެގޮތުން އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ސަބަބާ، އާއިލާ އަށް މައުލޫމާތު ނުދިން ސަބަބު ވެސް އެހި ކަމަށާއި އެހެން ނަމަވެސް އެއްވެސް މައުލޫމާތެއް ފުލުހުން ހިއްސާ ކޮށްފައި ނުވާ ކަމަށް އޭނާ ގެ އާއިލާ އިން ކިޔައިދިނެވެ. 

އާއިލާ އިން ބުނީ ހޮސްޕިޓަލުގައި 4 ގަޑިއިރުވީ އިރުވެސް ނިޔާވި މީހާގެ ހަށިގަނޑު އާއިލާ އަށް ދައްކާފައި ނުވާ ކަމަށެވެ. އެކަމަށް އެދުމުން ހަށިގަނޑު ދެއްކެން ނެތް ކަމަށް ބުނި ކަމަށާއި ހަށިގަނޑު ހަވާލު ނުކުރެވޭނެ ކަމަށް ވެސް ފުލުހުން ބުނި ކަމަށެވެ. 

ވިދާޅުވީ ނޫނެކޭ. ނެތޭ އަދި ހަށިގަނޑު ދައްކާލެވޭކަށް. އޭރު އަޅުގަނޑުމެންގެ ފެމިލީ އަކީ ފުދޭވަރަކަށް ބޮޑު ފެމިލީ އެއް ވީމަ ނ. އަތޮޅު ވެލިދޫ އަޅުގަނޑުމެން. މިކޮޅުން އަޅުގަނޑުމެން ލޯންޗެއް ފޮނުވައިގެން އެކޮޅުގަ ތިބި އެންމެން ވެސް ރެޑީވި އަންނަން. ލޯންޗު މާލެ އަތޮޅު ފަހަނައަޅައި ދިޔަ ފަހުން ބުނަނީ ހަށިގަނޑު ހަވާލެއް ނުކުރެވޭނެ އޭ. ސްކޭން ހަދާފަ ޕޯސްޓްމޯޓަމް ހަދަން ހަށިގަނޑު ރާއްޖެއިން ބޭރަށް ފޮނުވަން ޖެހޭ ވާހަކަ ބުނީ. 14 ދުވަސް ފަހުންނޯ ހަށިގަނޑު ހަވާލު ކުރެވޭނީ. 
ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓާ ނިޔާވި މީހާގެ އާއިލާ 

މިއީ ވަރަށް ބޮޑު މައްސަލައެއް ކަން ފާހަގަ ކޮށް އާއިލާއިން ބުނީ މިކަމުގައި އިހުމާލުތަކެއް ވާކަމަށް ތުހުމަތު ކުރެވޭ ކަމަށެވެ. މިހާތަނަށް ވެސް ނިޔާވި ގަޑިއާ ބެހޭ ގޮތުން ވެސް އެއްވެސް މައުލޫމާތު ދީފައި ނުވާއިރު ވީ ގޮތް ވެސް ބުނެދީފައި ނުވާކަމަށް ބުނެ އާއިލާ އިން ވަނީ ކަންބޮޑުވުން ފާޅު ކޮށްފަ އެވެ. 

މިކަމާ ގުޅިގެން ފުލުހުންގެ ރަސްމީ ބަހެއް ލިބޭ ގޮތް ވަނީ ނުވެފަ އެވެ.