ތެލެސީމިއާ ސެންޓަރުން ތިން ކުއްޖެއްގެ ގަޔަށް ކުނި ލޭ އަޅައިފި އެވެ. 

ރާއްޖެއެމްވީއަށް އިތުބާރު ހުރި ފަރާތަކުން ބުނީ، ތެލެސީމިއާ ސެންޓަރުގައި ހުންނަ ލޭ ރައްކާކުރާ ފްރިޖަކަށް މައްސަލަ ދިމާވެ، ފިނިނުވާ ކަމަށެވެ. އަދި އެފްރިޖުގައި ހުރި ލޭ ޕެކެޓުތަކުގައި ހުރި ލޭ ހުރީ ކުނިވެފައިވާ ކަމަށާއި، އެކަމުގެ މައުލޫމާތު ނުލިބި ތިބި ނަރުހުންތަކަކަށް ނޭނގި ތިން ކުއްޖެއްގެ ގަޔަށް އެ ލޭ އަޅާފައިވާ ކަމަށެވެ. 

މި މައްސަލައާ ގުޅިގެން މޯލްޑިވިއަން ބްލަޑް ސާވިސް (އެމްބީއެސް) ގެ ޑިރެކްޓާ ޖެނެރަލް އަހްމީމް ފާރިޝް ވިދާޅުވީ، 19 އަދި 20 އޭޕްރިލް 2026 ވަނަ ދުވަހު ހިނގި ފްރިޖް މައްސަލަ ޖެހުނު ހާދިސާ އަދި އެފްރިޖް ގައި ހުރި ބައެއް ޕެކް ލޭ އެޅުނު ހާދިސާތަކާ ގުޅުވައި، ވަގުތުން މުއާމަލާތް ކުރުމުގައި ހިނގާފައިވާ ލަސްކަން އަދި އިތުރު ކަންކަމާ ގުޅުވައިގެން އާއިލާ އަދި މޯލްޑިވިއަން ތެލަސީމިއާ ސޮސައިޓީން 23 އޭޕްރިލް 2026 ގައި ރަސްމީކޮށް ބައްދަލު ކޮށްފައިވާ ކަމަށެވެ. 

އަހްމީމް ވިދާޅުވީ، އެ ލޭ އެކުދިންގެ ގަޔަށް އެޅުނުކަން އެނގުނީ، އެ ކުދިން ގެއަށްވެސް ދިޔަ ފަހުން ކަމަށެވެ. އަދި ވަގުތުން އެ އާއިލާތަކަށް ގުޅި ކަމަށާއި، ދެ ކުއްޖެއްގެ އާއިލާއަށް އެކަން އެންގުނު ކަމަށެވެ. ނަމަވެސ އެއްކުއްޖެއްގެ އާއިލާއިން ފޯނު ނުނަގާތީ، މައުލޫމާތު ދިނުމަށް ލަސްތަކެއް ކުރިމަތިވި ކަމަށް އޭނާ ވިދާޅުވި އެވެ. 

މީގެ އިތުރުން މިހާދިސާ ހިނގާފައިވާތީ އެކަމަށް ވަނީ މައާފަށް ވެސް އެދިފަ އެވެ. 

ކުރިއަށް އޮތްތަނުގައި މިފަދަ ކަމެއް ތަކުރާރުނުވާނެ ގޮތަށް ފިޔަވަޅު އަޅަމުންދާކަން ފާހަގަކުރައްވައި އަހްމީމް ވިދާޅުވީ ލޭ ރައްކާކުރާ އައު ފްރިޖްތަކެއް ބޭރުން ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި ވަގުތީ ގޮތުން އައްޑޫ ސިޓީ އިކުއެޓޯރިއަލް ހޮސްޕިޓަލުގައި ބޭނުންނުކޮށް ހުރި ފްރިިޖެއްވެސް ގެނައުމަށް މަސައްކަތް ކުރަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.

ކުނި ލޭ އެޅުނު ތިން ކުދިންގެ ހާލުވެސް ރަނގަޅު ކަމަށް މައުލޫމާތު ލިބެ އެވެ.