އިމިގްރޭޝަންގެ ޑެޕިއުޓީ ކޮންޓްރޯލަރުގެ މަގާމުގައި ހުންނެވި އަހްމަދު އަޝްފާން، ޔޫތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުކަމުގެ މަގާމަކަށް ބަދަލުކޮށްފި އެވެ. 

ބުރާސްފަތި ދުވަހު އަޝްޕާން އެ މަގާމަށް ބަދަލުކުރި ކުރުމާއި ގުޅިގެން އިމިގްރޭޝަނުން ވަނީ އޭނާ ކޮށްދެއްވި ޚިދުމަތުގެ އަގު ވަޒަންކޮށް، އެކްސްގައި ޕޯސްޓެއް ކޮށްފަ އެވެ. އަދި އަޝްޕާން އަށް ކާމިޔާބީއަށް ވެސް އެދިފައިވެ އެވެ. 

ޑެޕިއުޓީ ކޮންޓްރޯލަރ އޮފް އިމިގްރޭޝަންގެ މަގާމަށް އަޝްފާން އައްޔަން ކުރީ 4 އޭޕްރީލް 2024 ގަ އެވެ. އަޝްފާން ވަނީ އިމިގްރޭޝަން އޮފިސަރެއްގެ ގޮތުގައި އެ އިދާރާގައި 18 އަހަރަށް ވުރެ ގިނަ ދުވަހު ޚިދުމަތް ކުރައްވާފަ އެވެ. 

އަޝްފާން އަކީ ދިވެހި ފުޓްބޯޅައިގެ ދާއިރާގައި ވެސް ފާހަގަކުރެވުނު ތަރިއެކެވެ. އަޝްފާން ވަނީ ގައުމީ ޓީމަށް ވެސް ކުޅެދީފަ އެވެ. އޭނާއަކީ ގައުމީ ކެޕްޓަން އަލީ އަޝްފާގު (ދަގަނޑޭ)ގެ ބޭބެ އެވެ.

ކުއްލި ގޮތަކަށް އަޝްފާން ޔޫތް މިނިސްޓްރީއަށް ބަދަލުކޮށްފައި މިވަނީ އޭޕްރީލް މަހުގެ 4 ވަނަ ދުވަހު ބޭއްވި ލޯކަލް ކައުންސިލް އިންތިޚާބާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ އިންތިޚާބުގެ އިތުރުން ރިފެރެންޑަމް އިންތިޚާބުގައި ސަރުކާރަށް ވަރަށް ބޮޑު ނާކާމިޔާބެއް ލިބިފައިވަނިކޮށް ސަރުކާރުގެ ކުންފުނިތަކުން އެކި ބޭފުޅުން ވަކިކޮށް، ބައެއް ބޭފުޅުން އިސްތިއުފާ ދެއްވުމަށް ސަރުކާރުން އަންގަމުންދާ ދުވަސްކޮޅެއްގަ އެވެ.