މ.މުލީގައި ޑެންގީ ހުން ޖެހިގެން ފަރުވާ ހޯދަމުން އައި 17 އަހަރުގެ އަންހެން ކުއްޖަކު ނިޔާވިއިރު، އެރަށު ރީޖަނަލް ހޮސްޕިޓަލްގައި ޑެންގީއަށް ޓެސްޓް ކުރާ ކިޓްތައް ހުރީ މުއްދަތު ހަމަވެފައިކަން ހާމަވެއްޖެ އެވެ.

ބުރާސްފަތި ދުވަހުގެ ރޭ ނިޔާވީ އާއިޝަތު އަންޖަލް މުމްތާޒު ނަމަކަށް ކިޔާ ކުއްޖެކެވެ.

ރާއްޖެއެމްވީއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި، މިދިޔަ ހޮނިހިރު ދުވަހު މުލީ ރީޖަނަލް ހޮސްޕިޓަލްގައި އެޑްމިޓް ކޮށްގެން އެކުއްޖާއަށް ދިޔައީ ފަރުވާ ދެމުންނެވެ.

އިތުބާރު ހުރި ފަރާތަކުން ބުނީ، އެ ހޮސްޕިޓަލުގައި ޑެންގީ ޓެސްޓު ކުރަން ހުރި ކިޓްތައް ހުރީ މުއްދަތު ހަމަވެފައި ކަމަށާއި، މިހާރު ފަރުވާ ދެމުންދަނީ ޑެންގީކަން ކަށަވަރު ނުކޮށް ކަމަށެވެ. މިކަން ހެލްތް މިނިސްޓްރީގެ ސަމާލު ކަމަށް ގެނެސްފައިވާ ކަމަށާއި، ހަފްތާއެއްހާ ދުވަސްވެފައިވާ ކަމަށެވެ. ނަމަވެސް މިހާތަނަށް އައު ކިޓްތައް ނުލިބޭ ކަމަށް އޭނާ ބުންޏެވެ. 

މީގެ އިތުރުން އޭނާ ބުނީ، އެރަށުގައި ޑެންގީގެ ކޭސްތައް އިތުރުވަމުންދާ ކަމަށާއި، މަދިރި އާލާވެ، ފެން އުފެދޭ ގޮތަށް ގިނަ ވަޅުތައް ހުރި ކަމަށެވެ. އެއީ އެކިއެކި މަޝްރޫއުތައް ކުރިއަށް ގެންދިއުމަށް ފައުންޑޭޝަން އެޅުމަށްޓަކައި ކޮނެފައި ހުރިތަންތަން ކަމަށް އޭނާ ބުންޏެވެ. އަދި މިފަހުން އެރަށުގައި ޕޮލިސް ސްޓޭޝަން އިމާރާތް ކުރުމަށް ވެސް ކޮނެފައިހުރި ވަޅުގަނޑެއް ހުރި ކަމަށް އޭނާ ބުންޏެވެ. 

މަދަރި ކޮންޓްރޯލް ކުރުމަށް އެއްވެސް މަސައްކަތެއް ނުކުރާކަން ފާހަގަކޮށް އޭނާ ބުނީ މިއީ ރައްޔިތުންގެ ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށާއި، ޕަބްލިކް ހެލްތުން ވެސް އެއްބާރުލުން ނުދޭ ކަމަށެވެ.

މިދުވަސްވަރު މުޅި ރާއްޖޭގައި ޑެންގީގެ ކޭސްތައް އިތުރުވަމުންދާ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވަނީ ބުނެފަ އެވެ. މުލީގައި 17 އަހަރުގެ އަންހެން ކުއްޖެއް ޑެންގީގައި ނިޔާވެފައިވާއިރު، 13 އޭޕްރީލް 2026 ގައި ށ. މިލަންދޫއަށް އުފަން 23 އަހަރުގެ ޒުވާނެއް ވެސް ވަނީ ނިޔާވެފަ އެވެ. 

ޑެންގީއަކީ ފުރާނައަށް ނުރައްކާވާ ބައްޔެކެވެ. ހުން އަންއިރަށް ފަރުވާ ކުޑަނުކޮށް ސިއްހީ އަވަސް ފަރުވާ ދޭން ޖެހެ އެވެ. 

މުލީ ރީޖަނަލް ހޮސްޕިޓަލްގައި ހުރި ޑެންގީ ކިޓްތައް މުއްދަތު ހަމަވުމުން، އެކަމަށް އެޓެންޑް ނުވެވި ހަފްތާއެއްހާ ދުވަސް ހޭދަވެފައިވާ އިރު ރާއްޖޭގެ ހުރިހާ ސިއްހީ ޚިދުމަތްދޭ ތަންތަން މި ސަރުކާރުން ވަނީ ދާދިފަހުން ސިދާ ސިއްހީ ވުޒާރާގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ. ސިއްހީ ވުޒާރާގެ ދަށަށް ތަންތަނުގެ އިދާރީ ހިންގުން ބަދަލުކުރުމުން އިދާރީ ގޮތުން ދިމާވާ މައްސަލަތަކާއި ވަސީލަތުގެ ގޮތުން ދިމާވާ މައްސަލަތަކަށް ނިމުމެއް އައީ ކަމަށް ސިއްހީ ވުޒާރާ އިން ވަނީ އޭރު ބުނެފަ އެވެ. އަދި ސިއްހީ މައްސަލަތަކަށް އެޓެންޑްވުމަށް ރައީސް އޮފީހުގައި ޑެސްކެއް ބަހައްޓާފައިވާ ކަމަށް ވެސް ހާމަ ކުރި އެވެ. ނަމަވެސް ރާއްޖޭގެ ރަށްތަކުގައި ޑެންގީ ފެތުރެމުންދާ އިރު އެކަމަށް އެންމެ އެކަށީގެންވާ އިޖާބަ އެއް ދިނުމަށް އަދި މިހާތަނަށް ކަމާއި ގުޅުން ހުރި އިދާރާތައް ވަނީ ނުކުޅެދިފަ އެވެ.