އެންސްޕާގެ ފައިސާއިން އެމްއެމްޓީވީ އުފެއްދިކަމުގެ
ތުހުމަތުކުރެވޭ މައްސަލައިގައި އޭރުގެ އެންސްޕާގެ ސީއީއޯ ހީނާ ވަލީދުގެ
ކޮރަޕްޝަނެއް ނުހިމެނޭ ކަމަށް އޭސީސީން ނިންމާފައިވާއިރު، އެ މައްސަލައިގައި
ކޮމިޝަނުން އަމަލުކުރި ގޮތުން ފެންނަން އޮތީ ވަކި މީހަކު ސަލާމަތްކުރަން
އުޅެފައިވާ މަންޒަރުކަމަށް މައްސަލަ ހުށަހެޅުއްވި މާޒް ސަލީމް ވިދާޅުވެއްޖެއެވެ.
އެންސްޕާގެ ފައިސާއިން އެމްއެމްޓީވީ އުފެއްދިކަމުގެ
ތުހުމަތުކުރެވޭ މައްސަލައިގައި އޭރުގެ އެންސްޕާގެ ސީއީއޯ ހީނާ ވަލީދުގެ
ކޮރަޕްޝަނެއް ނުހިމެނޭ ކަމަށް ކަމާބެހޭ އިދާރާތަކުން ނިންމާފައިވާ ކަމަށް ރައީސް
ޑރ. މުހައްމަދު މުއިއްޒު ވިދާޅުވި ނަމަވެސް ރާއްޖެއެމްވީން އޭސީސީއާ ސުވާލު
ކުރުމުން އެ ކޮމިޝަނުން ފުރަތަމަ ބުނީ އެ މައްސަލަ އަދިވެސް ތަހުގީގުކުރަމުންދާ
ކަމަށެވެ. ނަމަވެސް އެ ވާހަކަ ހަބަރުގައި ޖަހައި ޕަބްލިޝް ކުރިފަހުން އޭސީސީއިން
ވަނީ އެ މައްސަލަ މި މަހުގެ 9 ވަނަ ދުވަހު ބަލައި ނިމިފައިވާ ކަމަށް ބުނެ ކޮމިޝަނުގެ
ސްޓޭންޑް ބަދަލުކޮށްފަ އެވެ.
އޭސީސީ އިން މައްސަލަ ތަހުގީގުކުރަމުންދާ ކަމަށް
ބުނުމަށް ފަހު ކުއްލިއަކަށް ސްޓޭންޑް ބަދަލުކުރި ސަބަބެއް ސާފެއް ނޫނެވެ.
ކޮންމެއަކަސް މައްސަލަ ތަހުގީގުކޮށް ނިމިފައިވާކަމަށް
އޭސީސީން ބުނެފައިވާތީ އެ މައްސަލަ ނިމުނީ ކިހިނެއްތޯ ރާއްޖެއެމްވީން އަނެއްކާވެސް
ވާނީ އޭސީސީއާ ސުވާލުކޮށްފައެވެ. އެ ސުވާލުގެ ޖަވާބުގައި އޭސީސީން ބުނީ، ކޮމިޝަނުން
މައުލޫމާތު ހާމަކުރާނީ ހަމައެކަނި ޕީޖީއަށް ފޮނުވާ މައްސަލަތަކުގައި ކަމަށާއި،
އެނޫން މައްސަލަތަކުގައި ނިންމާ ގޮތެއް އަންގާނީ ހަމައެކަނި މައްސަލަ ހުށަހެޅި
ފަރާތަށް ކަމަށެވެ.
އަދި ހަމަ އެ ދުވަހު އޭސީސީން ވަނީ މައްސަލަ
ނިމިފައިވާކަން މާޒް ސަލީމަށް މެސެޖަކުން އަންގައި، އީމެއިލްގެ ޒަރިއްޔާއިންވެސް އެކަން
އަންގާފައެވެ.
އޭސީސީން މާޒް ސަލީމަށް ފޮނުވި މެސެޖުގައި
ބުނެފައިވަނީ، އެ މައްސަލައިގައި ކޮރަޕްޝަނެއް ނުހިމެނޭ ކަމަށެވެ. އަދި އެކަމުގެ
ތަފްސީލު ވަނީ އީމެއިލްގެ ޒަރިއްޔާއިން ހިއްސާކޮށްފައެވެ.
އެ އީމެއިލްގައި ވާ ގޮތުން މި މައްސަލައިގައި
ކޮރަޕްޝަންގެ ކުށެއްގެ ތަހުގީގަށް ސާބިތުވާ މިންވަރަށް ހެއްކާއި، ޤަރީނާ ހުށަހެޅިފައެއް
ނުވެއެވެ. އެހެންވެ ކޮމިޝަނުން ވަނީ މިއީ ކޮރަޕްޝަން އެކުލެވިގެން ނުވާ މައްސަލައެއްކަމަށް
ކަނޑައަޅާފައެވެ.
އެކަމާ ގުޅޭގޮތުން ރާއްޖެއެމްވީއާ ވާހަކަ
ދައްކަވަމުން މާޒް ވިދާޅުވީ، މައްސަލައިގައި ބަޔާންކޮށްފައިވާނީވެސް މއ.ސީރާޒް/މާލެ އެގޭގެ 4 ފަންގިފިލާއެއް ކުއްޔަށް
ހިފާ އަދި ކުއްޔަށްދީ ހަދާފައިވަނީ ހއ. ވަށަފަރަށް ނިސްބަތްވާ ޢަބުދުﷲ ޒާހިރު
ނަމަކަށް ކިޔާ މީހަކާ ނޭޝަނަލް ޕުރޮޓެކްޝަން އެޖެންސީ އާއި ދެމެދުގައި ކަމަށާއި،
ޒާހިރަކީ މިހާރުގެ ރައީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އަމިއްލަ ގެކޮޅު
ކަމުގައިވާ މ. ދިމްޔާތު ބަލަހައްޓާ އަދި ރައީސް މުއިއްޒުގެ މަސްލަޙަތު އޮތް ޢާއިލީ
ގުޅުން އޮންނަ މީހެއް ކަމަށެވެ.
އަދި އެމް.އެމް.ޓީވީ އަކީ، ޢަބުދުﷲ ޒާހިރު ގެ
ނަމުގައި ރެޖިސްޓުރީ ކުރެވިފައިވާ މޯލްޑިވްސް މީޑިޔާ ހައުސް ޕުރައިވެޓް ލިމިޓެޑް
ގެ ދަށުން ހިންގުމަށް އުފައްދައި އަދި ހިންގަމުން ގެންދާ ޓީވީ ޗެނެލެއް ކަމަށާއި، މި
މުޢާމަލާތް ހިންގުމަށް ސަރުކާރުގެ ސަތޭކަ ޕަސެންޓް ހިއްސާ އޮންނަ ކުންފުނި
އެންސްޕާ އާއި ޢަބުދުﷲ ޒާހިރު އާއި ގުޅިގެން ޕުލޭން ކުރެވިގެން، މއ. ސީރާޒީ ގޭގައި
ހުރި ސައިޒުގެ ފުލޯތަކެއް ކުއްޔަށް ހިފުމަށް އެންސްޕާ އާއި ޢަބުދުﷲ ޒާހިރު އާއި
ދެމެދުގައި އެއްބަސްވުން ހެދުމަށް ފަހު، އެންސުޕާ އަށް ދީފާއިވާ ދައުލަތުގެ
ފަންޑުން 34،800،000.00 ރ. (ތިރީސް ހަތަރު މިލިއަން އަށް ލައްކަ) ދިވެހި ރުފިޔާ
ގެ ވިޔަފާރީގެ މުޢާމަލާތް ހިންގާފައިވާ ކަމަށްވެސް ބަޔާންކޮށްފައިވެއެވެ.
ވީއިރު އެއިން އެއްވެސް ކަމަކަށް ރިއާޔަތް ކުރުމެއް
ނެތި އޭސީސީން މި މައްސަލައިގައި ކަން ކޮށްފައި ވަނީ ހަމައެކަނި ރައީސަށް އެއްޗެއް
ވިދާޅުވެވުމުން އެ ވިދާޅުވި ބަސްފުޅު ތެދުކަމަށް ދެއްކުމުގެ ނިޔަތުގައިކަން އޭނާ
ފާހަގަ ކުރެއްވިއެވެ.