ގެދޮރުވެރިޔާ ޓަވަރުތައް ކައިރީގައި ޖަމާކުރާ ބޮޑެތި ކުނިފުނިތައް ނެގުމަކީ ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ)ގެ ޒިންމާއެއް ނޫން ކަމަށާއި، ނަމަވެސް ދެ ހަފްތާއިން އެއް ހަފްތާ ކުނި ނެގުމުގެ މަސައްކަތް ކުރާ ކަމަށް އެ ކޯޕްރޭޝަންގެ މެނޭޖިން ޑިރެކްޓަރު ހަމްދާން ޝަކީލް ވިދާޅުވެއްޖެ އެވެ.
ގެދޮރުވެރިޔާ ފްލެޓުތަކަށް މީހުން ދިރިއުޅުން ބަދަލުވާން ފެށީއްސުރެ އެސަރަހައްދުގެ ކުނީގެ މައްސަލަ ވަނީ ބޮޑުވެފަ އެވެ. ކޮންމެ ޓަވަރެއްގެ ކައިރީގައި ބޮޑު ކުނި ފުންޏެއް އޮވެ އެވެ. މުޅި ސަރަހައްދުން ނުބައި ވަސް ދޮވާއިރު، ޓަވަރުތަކުގައި ދިރިއުޅޭ މީހުންނަށް އެކަމުގެ ދަތި އުދަނގޫތައް ވަނީ ކުރިމަތިވެފަ އެވެ.
މި މައްސަލައާ ގުޅިގެން ފަށާއިރު ޕްރޮގްރާމްގެ ތެރެއިން ހަމްދާންއަށް ގުޅުމުން ވިދާޅުވީ، ޓަވަރުތަކުގެ ތިރިއަށް ކުނި އަޅަމުން ދަނީ ފްލެޓުތަކުގައި ދިރިއުޅޭ މީހުން ކަމަށާއި، އޭސީގެ މަސައްކަތް ނުވަތަ އެހެނިހެން މަސައްކަތްތައް ކުރަން އަންނަ މީހުން ވެސް މަސައްކަތް ކުރުމަށް ފަހު ބޮޑެތި ފޮށިގަނޑުތަކާއި، އެހެނިހެން އާލަތްތައް ޓަވަރުގެ ބޭރަށް އަޅާ ކަމަށެވެ. އަދި އެގޮތަަށް ބޮޑެތި ކުނިފުނިތައް ހެދެނީ ކަމަށް އޭނާ ވިދާޅުވި އެވެ.
ހަމްދާން ވިދާޅުވީ ކުނިނުވާ ޒާތުގެ ކުނި އުކާލުމަކީ އެފްޑީސީގެ ޒިންމާއެއް ނޫން ކަމަށާއި، އެކުނިތައް އުކާލަން ޖެހޭނީ ފްލެޓުގެ ވެރީން ކަމަށެވެ. ނަމަވެސް މިހާރު ވެސް އެފްޑީސީން އެސަރަހައްދު ސާފު ކުރުމުގެ މަސައްކަތް ކުރާކަން ފާހަގަކުރައްވައި ހަމްދާން ވިދާޅުވީ ދެ ހަފްތާއިން އެއް ހަފްތާ ކުނި ނެގުމުގެ މަސައްކަތް ކުރާ ކަމަށެވެ.
ނަމަވެސް ހިތާމައަކީ މި މަސައްކަތްކުރާ ބައެއް ކުންފުނިތަކުން ވެސް އައިސްފައި އޭސީތަކާ އެއްޗެހި ހަރުކޮށްލާފައި ހަމަ ތިރިއަށް ދޫކޮށްލަނީ. އިނގޭތޯ އެހެންވީމަ އެކަމާ ގުޅިގެން އަޅުގަނޑުމެން މިހާތަނަށް ގާތްގަނޑަކަށް 1200 ޓަނުގެ ކުނި މިވަނީ ނައްތާލާފަ މިހާތަނަށް. ކޮންމެ ދެހަފްތާއިން އެއް ހަފްތާ ހުރިހާ 32 ޓަވަރަކުން އެއްކޮށް ކުނި ނަގާ ނައްތާލަން. އެކަމަކު ކޮންޓިނިޔުސްލީ މިދަނީ އަޅަމުން.އެފްޑީސީގެ މެނޭޖިން ޑިރެކްޓަރު ހަމްދާން ޝަކީލް
ހަމްދާން ވިދާޅުވީ ކޮންމެ ދުވަހަކު އެފްޑީސީން ކުނި ނުނަގާ ކަމަށާއި، އެއީ މާލީ ގޮތުން ބަލާއިރު ވެސް ކުރެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި މިމައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށްޓަކައި މި މައްސަލައަށް އެންމެން ހޭލުންތެރިވެ، ޓަވަރުތަކުގައި ދިރިއުޅޭ ހުރިހާ ފަރާތްތަކެއް އެއްބާރުލުން ބޭނުންވާ ކަމަށް އޭނާ ވިދާޅުވި އެވެ.