ހ. ފެންޓެނޯއީ ގޭގެ ނުވަ ވަނަ ފަންގިފިލާއިން ހ. މިޓާޒް
ގޭގެ ފުރާޅު މައްޗަށް ހައްވާ ޔުމްނު ރަޝީދު ވެއްޓުނު ހާދިސާގައި އިހުމާލުވި ފުލުހުންނާމެދު
ފިޔަވަޅެއް އަޅާފައިވާކަން ނުވަތަ ނޫންކަން ދާޚިލީ ވަޒީރު އަލީ އިޙުސާނަށް
ވިދާޅުވެ ނުދެއްވުނެވެ.
ރައީސް ޑރ. މުޙައްމަދު މުއިއްޒު އުފެއްދެވި ރިޔާސީ
ކޮމިޝަނުން ނެރުނު ރިޕޯޓުގައި، ފުލުހުންގެ އިހުމާލުތަކެއް ހުރިކަމަށް ފާހަގަކޮށްފައިވާއިރު،
ޔުމްނު ވެއްޓުނު ހާދިސާގައި ފުލުހުންގެ އިހުމާލު ތަކާމެދު އަދިވެސް ފިޔަވަޅެއް އަޅާފައިނުވާތީ
ބައެއް ފަރާތްތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.
ބުރާސްފަތި ދުވަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި
އެކަމާ ގުޅިގެން ސުވާލު ކުރުމުން އިހުސާން ވިދާޅުވީ، ފުލުހުންގެ ތެރޭގައި ހިންގާ
އެކިއެކި ތަހުގީގުތަކާއި ފުލުހުން ބަލާ މައްސަލަތަކާ ގުޅިގެން ފެންމަތިވާ އެކިއެކި
ކަންކަމުގައި ފިޔަވަޅު އެޅުމުގެ ވަކި ނިޒާމުތަކެއް ޤާއިމުވެފައިވާ ކަމަށާއި، އޭގެ
ތެރޭގައި ތަފާތު އެކި ފިޔަވަޅުތައް ހިމެނޭ ކަމަށެވެ. އެގޮތުން އިދާރީ ފިޔަވަޅުތަކާއި،
ނަސޭހަތް ދިނުމާއި، ވަޒީފާއިން ވަކި ކުރުން ފަދަ އެތައް ފިޔަވަޅުތަކެއް އޭގެ ތެރޭގައި
ހިމެނޭކަން ފާހަގަ ކުރައްވައި އިހުސާން ވިދާޅުވީ، ފިޔަވަޅު އެޅުމަކީ ހަމައެކަނި ވަޒީފާއިން
ވަކި ކުރުމެއް ނޫން ކަމަށެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި އެ ޙާދިސާއަށް ފަހު
ފުލުހުންގެ ތެރޭގައި ވެސް އެކި މައްސަލަތަކާ ގުޅިގެން މަސައްކަތްތައް ކުރިއަށް
ގެންދާ ގޮތަށް ގިނަ ބަދަލުތަކެއް ވަނީ ގެނެވިފައެވެ.
މީގެ ތެރެއިން އަޅުގަނޑުމެން ޖެހޭނީ ސްޕެސިފިކަލީ ބަލާލަން އެއްވެސް ފަރާތަކަށް މިބާވަތުގެ ޑިސިޕްލިނަރީ ފިޔަވަޅު، ހަމަ ޔަޤީނުން ވެސް ފުލުހުން ކަންކަމުގައި މަސައްކަތް ކުރާ ގޮތަށް އިދާރީ ގޮތުން ވަރަށް ގިނަ ބަދަލުތަކެއް ގެނެވިއްޖެ އެ ކޭސްއަށް ފަހުގައި،ދާޚިލީ ވަޒީރު އަލީ އިޙުސާން
މިނިސްޓަރ ވިދާޅުވީ، އެ ޙާދިސާއާ ގުޅިގެން
އެކުލަވާލި އިންކުއަރީ ރިޕޯޓުގައި ރަނގަޅު ކުރަންޖެހޭކަމަށް ބަޔާންކޮށްފައިވާ
ކަންކަމަށް ވެސް ފުލުހުން ބަލާފައިވާނެ ކަމަށެވެ.
ސްޕެސިފިކަލީ އެ މައްސަލައިގައި ތި ވިދާޅުވި އޭންގަލްއިން އަޅުގަނޑުމެން ތަހުގީގު ކޮށްފައި މިހާތަނަށް އައިއިރު ކޮން ކަންކަމެއްތޯ ކުރެވުނީ އަޅުގަނޑު ޖެހޭނީ ފުލުހުންގެ ފަރާތުން އެ ވާހަކަ ޔަޤީންކޮށްލާފައި ތިބޭފުޅުންނަށް އެ މައުލޫމާތު އަރުވަން. އަޅުގަނޑު ބަލާލާނަން ފުލުހުންގެ ދެން އޮންނަ ޕްރެސް ކޮންފަރެންސެއްގައި މިކަމަށް އެޑްރެސް ކޮށްލެވޭތޯ ތިބޭފުޅުންނަށް.ދާޚިލީ ވަޒީރު އަލީ އިޙުސާން
ހައްވާ ޔުމްނު ރަޝީދު ވެއްޓުނު ހާދިސާގެ ތަހުގީގަށް އުފެއްދެވި ރިޔާސީ ކޮމިޝަނުން ނެރުނު ރިޕޯޓުގައި ހުރި ފިޔަވަޅުތައް އަޅަމުންދޭތޯ ބެލުމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ގެ ފަރާތުން ޖަވާބެއް ހޯދުމަށް މަޖިލީހުން ސުވާލުކުރިއިރު އޭރު މިނިސްޓަރު ވިދާޅުވެފައިވަނީ ވަކިވަކި ފުލުހުން އިހުމާލުވެފައިވާ މިންވަރު ދެނެގަތުމަށްޓަކައި ފުލުހުންގެ ޕްރޮފިޝަނަަލް ސްޓެންޑާޑް ކޮމާންޑްސްގެ ފަރާތުން ތަހުގީގު ފަށާ ސުވާލު ކުރަންޖެހޭ ފަރާތްތަކާއި ސުވާލުކުރުމުގެ މަަސައްކަތް ކުރިއަށް ދާކަމަށެވެ.