ރައްޔިތުންގެ މަޖިލީހަކީ މިހާރު މިދައުލަތް ހަރާބުގެ މަގަށް ގެންދިއުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ބޭނުންކުރާ ޓޫލް ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަޑަވެލި ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ނާޒިމް ވިދާޅުވެއްޖެ އެވެ. 

ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި ނާޒިމް ވިދާޅުވީ މިސަރުކާރުން، ރައްޔިތުންގެ މަޖިލިސް މެދުވެރިކޮށް ގާނޫނު އަސާސީއަށް ގެންނަ ހުރިހާ ބަދަލުތަކަކީ މުތުލަގަށް ހުދުމުހުތާރުކަންމަތީގައި ރައީސް މުއިއްޒު ވެރިކަން ހިންގުމަށްޓަކައި ގެންނަ ބަދަލުތަކެއް ކަމަށެވެ.

އެގޮތުން މިނިވަން ނޫސްވެރިކަމަށް ހުރަސް އެޅޭ ގޮތަށް ގާނޫނަށް ގެނައި ބަދަލާއި، ކައުންސިލްތަކުގެ ބާރު ހަނިވާ ގޮތަށް ލާމަރުކަޒީ ގާނޫނަށް ގެނެސްފައިވާ ބަދަލު އޭނާ ފާހަގަކުރެއްވި އެވެ.  

މަޖިލިސް ކޮންޓްރޯލް ކުރުމަށްޓަކައި މެންބަރުންނަށް ރިޝްވަތު ދިންކަން ފާހަގަކުރައްވައި ނާޒިމް ވިދާޅުވީ އެކަން ކުރަމުން ދިޔައީ ވަރަށް ފާޅުގައި ކަމަށާއި، ރިޝްވަތުގެ ފައިސާއާ އެކު މަޖިލިސް އެކުއެކީގައި އޮބިއަޅުވާލާފައިވާ ކަމަށެވެ. އަދި އެކަމުގެ ނަތީޖާއެއްގެ ގޮތުން މިއަދު ހުރިހާ ގެއްލުމެއް ލިބެމުން ދަނީ ރައްޔިތުންނަށް ކަމަށް އޭނާ ވިދާޅުވި އެވެ. 

ނާޒިމް ވިދާޅުވީ މިއަދު ރައްޔިތުންގެ މަޖިލީހަކީ މިހާރު މިދައުލަތް ހަރާބުގެ މަގަށް ގެންދިއުމަށް ރައީސް މުއިއްޒު ބޭނުންކުރާ ޓޫލް ކަމަށެވެ.

އެ މިގާނޫނު އަސާސީގައިވާ ގޮތުން މިރައްޔިތުންގެ މަޖިލީހަކީ ވަރަށް ބޮޑެތި ބާރުތަކެއް ލިބިފައިވާ މަޖިލީހެއް. މި ގާނޫނު އަސާސީ ފަރުމާ ކުރީވެސް މިކަހަލަ ވިޔާނުދާ މީހަކު ވެރިކަމަށް އައިސްގެން ރާއްޖޭގެ ރައްޔިތުންގެ މަޖިލިސް އެއްކޮށް ބަނދެލެވޭނެ ގޮތަށް ވިސްނުމުގައި ނޫން ރައްޔިތުންގެ މަޖިލިސް އެކުލެވިފައި އޮތީ. އެހެންވީމަ ރައްޔިތުންގެ މަޖިލީހަކީ ރައީސުލްޖުމްހޫރިއްޔާ ވެސް ޖަވާބުދާރީ ކުރުވަން އޮންނަ ގާނޫނީ މުއައްސަސާއެއް. އެހެންވީމަ އެ މުއައްސަސާ ބަދެލީމަ ދެން ދައުލަތް ހިނގާނީ އިދިކީލަ ކޮށް، އެކޮޅުކޮޅުން ހިނގާނީ. އެމަންޒަރު މިފެންނަނީ. މިއީ ވަރަށް ދެރަކަމެއް ވަރަށް ހިތާމަވެރިކަމެއް.
ރައްޔިތުން މަޖިލީހުގެ މަޑަވެލި ދާއިރާގެ ކުރީގެ މެންބަރު އަހުމަދު ނާޒިމް

ނާޒިމް ވިދާޅުވީ ރާއްޖޭގެ ރައްޔިތުން އޮބި އަޅައިގެން ހުދުމުހުތާރު ވެރިކަމަކާ ދިމާލަށް ވެރިކަން ބައްޓަން ކުރަން މަސައްކަތް ކުރި ނަމަވެސް  ރައްޔިތުން އެފުރުސަތު ނުދޭނެ ކަމަށެވެ. އަދި އެކަން މިފަހުން ނެނގި  ރިފެރެންޑަމް ވޯޓާއެކު ވެސް ވަރަށް ސާފުވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. 

މީގެ އިތުރުން ނާޒިމް ވިދާޅުވީ އެމްޑީޕީގެ ސަރުކާރުގައި ވެސް މަޖިލީހުގެ ސުޕަ މެޖޯރިޓީ ސަރުކާރަށް ލިބުނު ކަމަށެވެ. 

ނަމަވެސް ވިޔާނުދާ ބަދަލެއް ގާނޫނު އަސާސީއަށް ނުގެންނަ ކަމަށާއި، ގާނޫނު އަސާސީން ރައްޔިތުންނަށް ދިނީ އިތުރު ބާރުތަކެއް ކަމަށް އޭނާ ވިދާޅުވި އެވެ. އެގޮތުން ލާމާރުކަޒީ ގާނޫނަށް ގެނައި ބަދަލުތައް ނާޒިމް ފާހަގަކުރެއްވި އެވެ.