ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި
ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް އާ ގުޅޭ އިންޓެލިޖެންސް ރިޕޯޓެއް ދިވެހި ފުލުހުންގެ
ޚިދުމަތުން އެކުލަވާލާފައިވާ ކަމަށް ދެކެވޭ ވާހަކަތައް ދާޚިލީ ވަޒީރު އަލީ އިޙުސާން ދޮގު
ކުރައްވައިފި އެވެ.

 ނާޒިމްއަށް
ޖިނާއީ ތުހުމަތުތަކެއް ފުލުހުން ކުރާ ކަމަށާއި، އޭނާއާ ގުޅޭ އިންޓެލިޖެންސް
ރިޕޯޓެއް އެކުލަވާލާފައިވާކަމަށް ކަށަވަރު ވެފައިވާކަމަށް ބައެއް ނޫސްތަކުން ވަނީ
ރިޕޯޓު ކޮށްފަ އެވެ.

އެކަމާ ގުޅޭގޮތުން ބުރާސްފަތި ދުވަހު އޮތް
ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ސުވާލު ކުރުމުން މިނިސްޓަރ ވިދާޅުވީ،
އެއީ ކަނޑައެޅިގެން ދޮގެއް ކަމަށާއި، އެއީ ހަގީގަތާ ޚިލާފު ވާހަކައެއް ކަމަށެވެ.
އަދި ނާޒިމްއާ ގުޅޭ އެއްވެސް ތަހުގީގެއް ކުރެވެމުން ނުދާކަމަށްވެސް ވަޒީރު
ވިދާޅުވި އެވެ.

އޭ މައުލޫމާތު ދޭ ފަރާތް ބަދަލުކުރަންޖެހޭ، ދޮގު މައުލޫމާތެއް އެއީ، އެއްވެސް ހަގީގަތެއް ނެތް ވާހަކައެއް.
ދާޚިލީ ވަޒީރު އަލީ އިޙުސާން

ރައްޔިތުންގެ މަޖިލީހުގެ އެންމެ މުހިއްމު ދެ
ކޮމިޓީ ކަމަށް ވާ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމިޓީ) އާއި
މާލިއްޔަތު ކޮމިޓީ އިންވެސް ނާޒިމް ވަނީ ވަކިކޮށްފަ އެވެ.

މީގެ އިތުރުން، އޭނާ މަޖިލީހުގެ ނައިބްރައީސްކަމުން
ވަކި ކުރަން އުޅޭ ކަމުގެ އަޑުތަކެއްވެސް މި ފަހުން ވަނީ ފެތުރިފަ އެވެ. ނަމަވެސް
ޕީއެންސީގެ މެމްބަރުން އެ ވާހަކަ ދޮގު ކުރެ އެވެ.