ރާއްޖޭގައި
މަރުގެ ޙުކުމް ތަންފީޒު ކުރައްވާނެކަމަށް ރައީސް ޑރ މުޙައްމަދު މުއިއްޒު ވިދާޅުވަމުން
ގެންދަވަނީ ރައްޔިތުންގެ ތާއީދު ހޯދުމުގެ ނިޔަތުގައެއް ނޫން ކަމަށާއި، މި
ސަރުކާރުން އެކަން ކުރާނެކަމަށް ދާޚިލީ ވަޒީރު އަލީ އިޙްސާން ވިދާޅުވެއްޖެއެވެ.

ކޯޓުގެ 3
މަރުޙަލާއިން ޙުކުމް ނިހާއީ ޙުކުމް އިއްވާފައި ހުންނަ ފަރާތްތަކުގެ އިތުރުން، ޑްރަގް
މައްސަލަތަކުގައި ވެސް މަރުގެ އަދަބު ދެވޭގޮތަށް ދާދި ފަހުން ޤާނޫނަށް ބަދަލު
ގެނެސްފައިވާއިރު، މަރުގެ އަދަބާ ބެހޭ ބިލެއް މަޖިލީހަށް ހުށަހެޅުމަށް ދިވެހި
ސަރުކާރުން މަސައްކަތް ކުރަމުންދާކަމަށް ރައީސް ދާދި ފަހުން ވިދާޅުވެފައިވެއެވެ.
އަދި އެ މަސައްކަތްތައް ހުއްޓާލުމަށް ރާއްޖެއާއި ބައިނަލްއަގުވާމީ އިންސާނީ
ހައްގުތަކަށް މަސައްކަތްކުރާ 10 ޖަމިއްޔާއަކުން ގޮވާލާފައިވެއެވެ.

އެކަމާ
ގުޅޭގޮތުން ބުރާސްފަތި ދުވަހުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ
ދައްކަވަމުން އިހުސާން ވިދާޅުވީ، ރައީސް ޑރ މުޙައްމަދު މުއިއްޒު މަރުގެ ޙުކުމުގެ
ވާހަކަ ދައްކަވަމުން ގެންދަވަނީ ރައްޔިތުންގެ ތާއީދު ހޯއްދެވުމުގެ ނިޔަތުގައެއް ނޫން
ކަމަށާއި، އެކަން ކުރާނީ ޤާނޫނު ނެގެހެއްޓުމުގެ ބޭނުމުގައި ކަމަށެވެ.

  އަޅުގަނޑުމެން މަރުގެ ޙުކުމް ތަންފީޒުކުރާ ވާހަކަ މި ދައްކަނީ އަދި އެކަން ކުރާނީވެސް އެއީ ރާއްޖޭގެ ޤާނޫނުތަކުގައި އެކަން އޮތް ގޮތަށް ވާތީވެ، ރާއްޖޭގެ ޤާނޫނު ނަގަހައްޓައި ޤާނޫނުގައި އޮތް ގޮތަށް އެކަންކަން ކުރުމަށްޓަކައި
ދާޚިލީ ވަޒީރު އަލީ އިޙްސާން

މިނިސްޓަރ
ވިދާޅުވީ، ރައީސް ޑރ. މުޙައްމަދު މުއިއްޒަކީ ރާއްޖޭގެ ޤާނޫނަށް ތަބާވާ އަދި
ރާއްޖޭގެ ޙުކުމްތައް ތަންފީޒު ކުރައްވާނެ ބޭފުޅެއްކަން ފާހަގަ ކުރައްވައި މިނިސްޓަރ
ވިދާޅުވީ، ސަރުކާރުގެ ސްޓޭންޑަކީ އެކަންކަން ތަންފީޒު ކުރުން ކަމަށެވެ. އަދި
ވިދާޅުވީ، ޤާނޫނަށް ބަދަލު އަންނަންދެން އެކަންކަން ދެމި އޮންނާނީ އެގޮތަށް
ކަމަށެވެ.

މިނިސްޓަރ
ވިދާޅުވީ، 3 މަރުޙަލާއިން މަރުގެ ޙުކުމް ނިހާއީ ވެފައިވާ މައްސަލަތައްވެސް
އެބަހުރި ކަމަށާއި، އިންސާފުވެރިކަމާއެކު އެކަންކަން ކުރުމަށް ޤާނޫނީ ގޮތުން ކަށަވަރު
ކުރަންޖެހޭ ކަންކަން ކުރަމުންދާކަމަށެވެ. އަދި މިހާތަނަށް އައިސްފައިވާ މައްސަލަތަކަށް
ބަލާއިރު، އަދުލު އިންސާފުން ބޭރުން ކޮށްފައިވާ މަރުގެ ޙުކުމެއް ފާހަގަވާން
ނެތްކަން މިނިސްޓަރ ފާހަގަ ކުރެއްވިއެވެ.