ރާއްޖޭގެ ގައުމީ ޔުނިވާސިޓީ، އެމްއެންޔޫގެ މާލޭގެ
ދަނާލުގައި ދިރިއުޅެމުން ދިޔަ އަންހެން ކުއްޖަކު މަރުވި މައްސަލައިގައި ފުލުހުން
އެ ޙާދިސާ ހިނގި ތަނަށް ދިއުމަށް ގިނަ އިރުތަކެއް ހޭދަވިކަން ދާޚިލީ ވަޒީރު އަލީ
އިޙުސާން ހިއްސާކުރެއްވި ޓައިމްލައިންއިން ހާމަވެއްޖެއެވެ.

ދަނާލްގައި ހިނގި ޙާދިސާއާ ގުޅޭގޮތުން މިނިސްޓަރ
ހިއްސާކުރެއްވި ޓައިމްލައިނަށް ބަލާއިރު، އެންމެ ފުރަތަމަ އަންހެން ކުއްޖާ ކުރި މެސެޖާއި
ފުލުހުންގެ ކޮމާންޑު ސެންޓަރަށް އެކަމުގެ ރިޕޯޓު ކުރުމާ ދެމެދު 4 ގަޑިއިރު
ހޭދަވެފައިވާކަން އެނގެއެވެ. އަދި އޭނާ ވައިބަރ މެދުވެރިކޮށް މެސެޖު
ކުރަމުންދިޔައިރު ފުލުހުންގެ ފަރާތުން ރިޕްލައިއެއް ނައިސްވެސް ވަގުތުތަކެއް ހޭދަވެގެން
ދިޔައެވެ.

އެހެންވެ އެކަމާ ގުޅޭގޮތުން ރާއްޖެޓީވީން ބުރާސްފަތި
ދުވަހުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ސުވާލު ކުރުމުން މިނިސްޓަރ ވިދާޅުވީ، މިބާވަތުގެ
މައްސަލަތައް ބަލާ ޕްރޮފެޝަނަލް ފަރާތްތަކުން މި ޓައިމްލައިން ރިވިއު ކުރާނެ
ކަމަށާއި، ފުލުހުންގެ ފަރާތުން މައްސަލައަށް އެޓެންޑުވެފައިވާ ގޮތްވެސް ބަލާނެ
ކަމަށެވެ. އަދި ކަމުގެ ތަޖުރިބާކާރުން ބަލަންޖެހޭ ކަންކަން ބެލުމުން، އެކަމުގެ
ތަފްސީލު ފަހުން ދެއްވާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މި ބާވަތުގެ ކަންކަން ރިވިއުކުރާ ޕްރޮފެޝަނަލް ފަރާތްތަކުން މި ޓައިމްލައިންވެސް ރިވިއު ކުރާނެ އަދި އަޅުގަނޑުމެންގެ ރެސްޕޮންސް ދިޔަގޮތްވެސް ބަލާނެ، އެކްސްޕާޓުންގެ ފަރާތުން އެ ފީޑްބެކް ލިބުނީމަ އަޅުގަނޑުމެން ތިބޭފުޅުންނަށް ދަންނަވާނަން ޓައިމްލައިންގައި ރެސްޕޮންޑް ކުރެވިފައިވާ ގޮތް އިނގޭތޯ
ދާޚިލީ ވަޒީރު އަލީ އިޙުސާން

މީގެ އިތުރުން، ދަނާލަށް ފުލުހުން އެރޭ ދަންވަރު
1:08 ގައި ގޮސްފައިވާއިރު، އެ ކުއްޖާ ހުރި ކޮޓަރި ހޯދިފައިވަނީ އޭގެ އިރުތަކެއް
ފަހުން 1:32 ގައެވެ. އެކަމާ ގުޅިގެން ރާއްޖެޓީވީން ސުވާލު ކުރުމުން މިނިސްޓަރ
ވިދާޅުވީ، އެއީ ދަންވަރުގެ ވަގުތަށް ވުމާއެކު، އެތަނުގައި ހުރި މުވައްޒަފުގެ
ފަރާތުން ގުޅަންޖެހޭ ފަރާތްތަކަށް ގުޅައި ހޯދަންޖެހޭ މައުލޫމާތު ހޯދުމަށް
ވަގުތުތަކެއް ހޭދަވީ ކަމަށެވެ.

އޭގައި 1:32 އާ ހިސާބަށް ކުރެވިފައިވާ މަސައްކަތްތަކަށް ބަލާއިރު އެގަޑީގައި ދަންވަރުގެ ވަގުތު ވީމަ އެގަޑީގައި އެތާ ތިބި، ހުރި މުވައްޒަފެއްގެ ފަރާތުން ލިބުނު އެހީތެރިކަމާ އަދި އެ މުވައްޒަފު ގުޅަންޖެހޭ ފަރާތްތަކަށް ގުޅައިގެން އެ މައުލޫމާތު ހޯދުމަށް ދިޔަ ވަގުތު ގޮސްފައިވަނީ
ދާޚިލީ ވަޒީރު އަލީ އިޙުސާން

މިނިސްޓަރ ހިއްސާ ކުރެއްވި ޓައިމްލައިނަށް
ބަލާއިރު، އޭނާ އެންމެ ފުރަތަމަ ފުލުހުންގެ ވިކްޓިމް ސަޕޯޓް ޔުނިޓަށް މެސެޖެއް
ކޮށްފައިވަނީ އެރޭ 20:40 ގައެވެ. މެސެޖުގައި އޮތީ "އައިމް ސޯ ކްލޯސް ޓު ގިވިންގ
އަޕް" އެވެ. ފުލުހުން އެއަށް ޖަވާބު ދީފައިވަނީ އޭގެ 9 މިނެޓު ފަހުން 20:49
ގައެވެ. އޭގެ ފަހުން އަނެއްކާވެސް އެ ކުއްޖާ އިތުރު މެސެޖުތަކެއް ފުލުހުންނަށް
ކޮށްފައިވެއެވެ. އެގޮތުން އޭނާގެ ހިޔާލުތަކުގެ މައްޗަށް ކޮންޓްރޯލެއް ނެތް
ކަމަށާއި، އޭނާ މިހާރު ރަނގަޅު ކަމަށާއި، ހިނގާލަން ދަނީކަމަށް ބުނެވެސް މެސެޖުކޮށްފައިވެއެވެ.
ނަމަވެސް އެ މެސެޖުތަކަށް ފުލުހުންގެ ފަރާތުން ޖަވާބެއް ދީފައެއް ނުވެއެވެ.

އޭގެ ފަހުން އަނެއްކާވެސް އެރޭ ދަންވަރު 12:38 ގައި
އޭނާ ވަނީ "އައި އޭމް ގޯން" ޖަހާފައި މެސެޖެއް ކޮށްފައެވެ. އެއީ އޭނާ
ފުލުހުންނަށް ކުރި ފަހު މެސެޖެވެ. ނަމަވެސް ފުލުހުންގެ ފަރާތުން ކޮމާންޑް
ސެންޓަރަށް ގުޅައި އެތަނަށް ގޮސްދިނުމަށް އެދިފައިވަނީ އެރޭ ދަންވަރު 01:03 ގައެވެ.