އެންސްޕާގެ ފައިސާއިން އެމްއެމްޓީވީ އުފެއްދިކަމުގެ ތުހުމަތުކުރެވޭ މައްސަލައިގައި އޭރުގެ އެންސްޕާގެ ސީއީއޯ ހީނާ ވަލީދުގެ ކޮރަޕްޝަނެއް ނުހިމެނޭ ކަމަށް ކަމާބެހޭ އިދާރާތަކުން ނިންމާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވި ނަމަވެސް އެ މައްސަލަ އަދިވެސް ތަހުގީގުކުރަމުންދާ ކަމަށް އެސީސީ އިން ބުނުމަށްފަހު އެމީހުންގެ ސްޓޭންޑް ބަދަލުކޮށްފި އެވެ.

އޭސީސީއަށް ހުށަހެޅިފައިވާ މި މައްސަލައިގައި ބުނެފައިވަނީ، 2024 ވަނަ އަހަރުގެ ތެރޭގައި ނޭޝަނަލް ޕުރޮޓެކްޝަން އެޖެންސީ (އެންސްޕާ) ގެ ފައިސާ އިން މޯލްޑިވްސް މީޑިޔާ ހައުސް ޕުރައިވެޓު ލިމިޓެޑް ގެ ދަށުން އެމްއެމްޓީވީ ނަމަކަށް ކިޔާ ޓީވީ ސުޓޭޝަނެއް އުފެއްދިކަމުގެ ތުހުމަތު ކުރެވިފައިވާ ކަމަށެވެ.
އަދި މިފަދަ ތުހުމަތެއް އޮއްވާ ހީނާ ވަލީދު އާރޓްސް މިނިސްޓަރުކަމަށް އައްޔަން ކުރައްވާފައިވާތީ ރައީސް މުއިއްޒު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ސުވާލު ކުރެވުނެވެ. ނަމަވެސް ރައިސް ރައީސް ވިދާޅުވީ އެ މައްސަލަ ބެލުމަށްފަހު، ހީނާގެ މައްސަލައެއް ނެތްކަމަށް ކަމާ ގުޅުންހުރި އިދާރާއިން ބުނެފައިވާ ކަމަށެވެ.
ނަމަވެސް މިކަމުގެ އިތުރު ތަފްސީލު ހޯދުމަށް އޭސީސީއަށް 2 ދުވަސް ވަންދެން ހުށަހަޅައިގެން ވެސް ޖަވާބެއް ނުދީ އޮތުމަށްފަހު ބުދަ ދުވަހު މެންދުރު ކުރިން އޭސީސީ އިން ބުނީ ހީނާއަށް ކުރެވޭ ކޮރަޕްޝަންގެ މައްސަލައިގެ ތަހުގީގު ހިނގަމުންދާ ކަމަށެވެ. އަދި އެ ވާހަކަ ހަބަރުގައި ޖަހާ ޕަބްލިޝް ކުރިފަހުން އޭސީސީއިން ވަނީ އެ މައްސަލަ މި މަހުގެ 9 ވަނަ ދުވަހު ބަލައި ނިމިފައިވާ ކަމަށް ބުނެ އޭސީސީގެ ސްޓޭންޑް ބަދަލުކޮށްފަ އެވެ.

ހީނާއާ ގުޅޭ ތުހުމަތުތަކަކީ ދޮގެއް ކަމަށް ކަމާގުޅޭ އިދާރާތަކުން ނިންމާފައިވާ ކަމަށް ވިދާޅުވެ، ރައީސް ބޮޑު ދޮގެއް ހައްދަވައިފި!
އޭސީސީ އިން މައްސަލަ ތަހުގީގުކުރަމުންދާ ކަމަށް ބުނުމަށްފަހު ކުއްލިއަކަށް ސްޓޭންޑް ބަދަލުކުރި ސަބަބެއް ސާފެއް ނޫނެވެ. އޭސީސިއަށް ގިނަ މައްސަލަތަކެއް ހުށަހެޅިފައި އޮތް ނަމަވެސް އެ މައްސަލަތަކުގެ އަޕްޑޭޓް އެ ކޮމިޝަނުން ނުލިބި ލަސްވެގެން ދިއުމާއި، މައުލޫމާތު ހާމަ ކުރުމުގައި ލަސްތަކެއް އުޅެ އެވެ.