ފ. ފީއަލީގެ ބަނދަރުގައި އޮތް ތެޔޮ ބޯޓުގައި ރޯވި އަލިފާނުގެ ހާދިސާގައި ފިހުނު 39 އަހަރުގެ މީހާއަށް އަދިވެސް ފަރުވާ ދެމުންދަނީ ވެންޓިލޭޓަރުގައި ކަމަށް އައިޖީއެމްއެޗުން ބުނެފި އެވެ.

މިހާދިސާގައި ހަށިގަނޑުގެ 60 އިންސައްތަ ފިހިފައިވަނީ ތެޔޮ ބޯޓުގައި މަސައްކަތް ކުރަމުންދިޔަ ބިދޭސީ ފިރިހެނެކެވެ. އެމީހާ އަށް ފުރަތަމަ ފަރުވާ ދީފައިވަނީ އެރަށުގެ ސިއްހީ މަރުކަޒުގަ އެވެ.

ރާއްޖެއެމްވީއަށް އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލް ވިދާޅުވީ، އެ ހާދިސާގައި ފިހުނު މީހާގެ ހާލު ސިރިއަސް ކަމަށާއި، އަދިވެސް ފަރުވާ ދެމުންދަނީ ވެންޓިލޭޓަރުގައި ކަމަށެވެ. އަދި އިތުރު ތަފްސީލެއް ހިއްސާކޮށްފައިނުވެ އެވެ.

ނުރައްކާތެރި އަލިފާނުގެ ހާދިސާ ހިނގީ 9 އޭޕްރީލް 2026 ވީ ބުރާސްފަތި ދުވަހުގެ ހެނދުނުގެ ވަގުތެއްގަ އެވެ.

މިހާދިސާގައި އެރަށުގައި މިފްކޯ އައިސްޕްލާންޓް އެއްކޮށް އަނދާ ހުލިފައިވާއިރު، ފާނު މަސްވެރިކަން ކުރާ ދެ ދޯންޏާއި، ވެލިއަރުވާ ދޯންޏެއް ބޭނުން ނުކުރެވޭ ވަރަށް ވަނީ އަނދާފަ އެވެ. އަދި އަލަށް ބާލާފައި އޮތް ފައިބަރު ދޯންޏަކަށް އަލިފާނުގެ އަސަރުކޮށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވެ އެވެ.