އާއްމު ސިއްހަތުގެ ނިޒާމު ވަރުގަދަކުރުމުގެ ގޮތުން މާލެ ސަރަހައްދުގައި ގާއިމުކުރި ފުރަތަމަ އަރބަން ޕްރައިމަރީ ހެލްތުކެއަރ ސެންޓަރު (ޔޫ.ޕީ.އެޗް.ސީ) ދެ ދުވަހަށް ބަންދުކުރީ ފަނިފަކުސާގެ މައްސަލަ ބޮޑުވެ، ޚިދުމަތް ހޯދި ކުދީންތަކަކަށް ސިއްހީ ގޮތުން މައްސަލަތަކެއް ކުރިމަތިވެގެންކަން އެނގިއްޖެ އެވެ. 

މިދިޔަ ހޯމަ ދުވަހު އެ ސެންޓަރު ހިންގަމުންދާ އައިޖީއެމްއެޗުން ބުނީ، މަރާމާތުގެ މަސައްކަތެއް ކުރުމަށްޓަކައި ޔޫ.ޕީ.އެޗް.ސީ 22 އޭޕްރީލް 2026 ވާ ބުދަ ދުވަހުގެ ނިޔަލަށް ވަގުތީ ގޮތުން ބަންދު ކޮށްފައިވާ ކަމަށެވެ. އަދި މި މުއްދަތުގައި އެ ސެންޓަރުން ދެމުން ގެންދިޔަ ޑޮކްޓަރަށް ދެއްކުމުގެ ޚިދުމަތް އައިޖީއެމްއެޗްގެ ޖީ.އޯ.ޕީ.ޑީ އަށް ބަދަލު ކޮށްފައިވާ ކަަމަށެވެ. އަދި ވެކްސިން ޖެހުމުގެ ޚިދުމަތް ދަމަނަވެށިން ލިބޭނެ ކަމަށް އައިޖީއެމްއެޗުން ބުންޏެވެ. 

ނަމަވެސް ރާއްޖެއެމްވީއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ޔޫ.ޕީ.އެޗް.ސީ ބަންދުކުރީ ފަނިތަކެއް އެސެންޓަރުގައި އަޅައި، އެތަނުގައި ޚިދުމަތް ދިނުމަށް ދަތިވެގެންނެވެ. އަދި ކުޑަކުދީންގެ ގައިގައި ފަނި ޖެހި، ފިއްނަގައި، ސިއްހީ ގޮތުން މައްސަލަތަކެއް ކުރިމަތިވި ކަމަށް މައުލޫމާތު ލިބެ އެވެ. 

މީގެ އިތުރުން އެސެންޓަރު ހުޅުވުމުގެ ކުރިން ވެސް ފަންގަސް ޖަހައި ފަނިފަކުސާގެ މައްސަލަ ވަރަށް ބޮޑަށް ހުރިކަން އައިޖީއެމްއެޗަށް އެނގޭ ކަމަށާއި، ނަމަވެސް އެތަން އަވަސް އަރުވާލާފައި ހުޅުވީ ހައްލެއް ނުހޯދާ ކަމަށް މައުލޫމާތު ލިބެ އެވެ. އަދި ފަހުން ވެސް މައްސަލަ ހައްލު ކުރުމަށް މަސައްކަތް ނުކުރާ ކަމަށާއި، ބަންދުކުރީ ކުދީންތަކެއްގެ އިތުރުން މުވައްޒަފުންނަށް ވެސް ގެއްލުންވެ އިތުރު އެއްވެސް ގޮތެއް ނެތިގެން ކަމަށް މައުލޫމާތު ލިބެ އެވެ.

މިސެންޓަރު ރައީސް ޑރ.މުހައްމަދު މުއިއްޒު ހުޅުއްވައިދެއްވީ ބޮޑު ރަސްމިއްޔާތެއްގައި 19 ނޮވެންބަރު 2025 ގަ އެވެ. 

މި ސެންޓަރުގެ ޚިދުމަތް މައިގަނޑު ގޮތެއްގައި ބެހިފައި ވަނީ 3 ބަޔަކަށެވެ.

އެއީ، އާންމު ބަލިތަކުގެ ޑޮކްޓަރުންނަށް ދެއްކުމާއި އިތުރުފަރުވާ ބޭނުންވާ ހާލަތްތަކުގައި ޚާއްސަ ޑޮކްޓަރުންގެ ލަފާ ހޯދުމާއި ފަސޭހައިން ދެއްކޭ ޚާއްސަ ޑޮކްޓަރުންނަށް ދެއްކުމުގެ އިންތިޒާމް ހަމަޖައްސައިދިނުމެވެ. އަދި އާންމު ސިއްހަތު ކުރިއެރުވުމަށް ގައުމީ ފެންވަރުގައި ހިންގަވާ ޕްރޮގްރާމްތައްވެސް މި މަރުކަޒުގައި ކުރިއަށްގެންދާނެ އެވެ.

އެގޮތުން، ޗައިލްޑް ހެލްތު ކްލިނިކް މެދުވެރިކޮށް، އެކުދިންގެ ހެދިބޮޑުވުން މޮނިޓަރކޮށް، ވެކްސިން ދިނުން ފަދަ ޚިދުމަތްތައް މި ސެންޓަރުން ފޯރުކޮށްދޭނެ އެވެ. ހަމައެއާއެކު ސިއްހީ ރަނގަޅު އާދަތަކަށް ހޭލުންތެރިކަން އިތުރުކުރުމާއި، ނަފްސާނީ ދުޅަހެޔޮކަމާއި، ދުންފަތާ ދުރުވުމަށް އެހީވެދޭ ކުލިނިކް ފަދަ ކުލިނިކްތަކުގެ ޚިދުމަތްވެސް މި ސެންޓަރުން ލިބޭނެ އެވެ.