ބަންގްލަދޭޝަށް
ނިސްބަތްވާ މުހައްމަދު ލިޓަންގެ މަރުގެ މައްސަލާގައި، އޭނާ މަރާލި ކަމަށް
ތުހުމަތުކުރެވޭ، ގދ. ތިނަދޫ، މަނާރު، މުހައްމަދު ނިޒާމުގެ މައްޗަށް 25 އަހަރުގެ ޖަލު ޙުކުމެއް އިއްވައިފިއެވެ. 

މި
މައްސަލައިގައި ނިޒާމްގެ މައްޗަށް ކޮށްފައިވާ ދައުވާތަކަކީ އެނގި ހުރެ މީހަކު
މެރުމުގެ ކުށުގެ ދައުވާއާއި ވައްކަމުގެ ކުށުގެ ދައުވާ އަދި ޑައިމޯފިނުން
މުއާމަލާތް ކުރުމުގެ ކުށުގެ ދައުވާއެވެ. އޭގެ ތެރެއިން ޑައިމޯފިންގެ ދައުވާ
ސާބިތުވާކަމަށް ކަނޑައަޅައި އޭނާ ގެ މައްޗަށް 15 އަހަރު ދުވަހުގެ ޙުކުމެއް މީގެ
ކުރިން ވަނީ އިއްވާފައެވެ.

މި
މައްސަލައިގައި ދައުލަތުން އުފުލި އެއް ދައުވާއަކީ އެނގިހުރެ މީހަކު މެރުމުގެ
ކުށުގެ ދައުވާކަމުގައިވީ ނަމަވެސް ހުށަހެޅިފައިވާ ހެއްކާއި ޤަރީނާތަކަށް ބަލާއިރު، އޭނާ ގެ
މައްޗަށް ސާބިތުވީ ފަރުވާކުޑަ އަމަލެއްގެ ސަބަބުން މީހަކު މަރުވެފައިވާ ކަމުގެ
ކުށުގެ ދައުވާއެވެ. އެ ދައުވާގެ އަސާސީ އަދަބަކީ 10 އަހަރެވެ.

ދައުލަތުގެ
ވަކީލު ވިދާޅުވީ، އޭނާ ގެ އަދަބުގެ ދަރަޖަ މަތިވާ ޙާލަތްތަކެއް މި މައްސަލައިގައި
އެބައޮތް ކަމަށާއި، އޭނާގެ މައްޗަށް މީގެ ކުރިން ވެސް ޖިނާއީ ކުށްތަކެއް ވެސް
ސާބިތުވެފައިވާ ކަމަށެވެ. އެއީވެސް އަދަބުގެ ދަރަޖަ މަތިވާ ޙާލަތެކެވެ.

މީގެ
އިތުރުން، އޭނާ ގެ އަމަލުގެ ސަބަބުން ލިޓަންގެ ފުރާނަ ގޮސްފައިވުމާއި، ލިޓަން ނިޔާވިއިރު
އޭނާގެ ދެ ދަރިންނާއި އަތްބަކު ހުރުމާއި، ނިޒާމް ތަހުގީގު މަރުޙަލާއާއި ފަހުން
ޝަރީއަތުގެ މަރުޙަލާގައި އަމަލުކުރި ގޮތާއި، އޭނާ ކުށް ކުރުމާމެދު ދެރަވާކަން
އެނގޭ އެއްވެސް ކަމެއް ފެންނަން ނެތުން ފަދަ ސަބަބުތައް ދައުލަތުން
ފާހަގަކޮށްފައިވެއެވެ.

އެހެންކަމުން
ޖުމުލަ 5 ދަރަޖައަށް އޭނާ ގެ އަދަބު މަތިކޮށްދިނުމަށް ދައުލަތުން އެދިފައިވެއެވެ. އަދި
ދަރަޖަ މަތިކޮށް، ޖުމުލަ 25 އަހަރަށް އޭނާ ޖަލަށް ލުމަށް ދައުލަތުން އެދުނެވެ.

އޭނާ ގެ
މައްޗަށް ހުށަހެޅިފައިވާ ވައްކަމުގެ ކުށުގެ ދައުވާގެ އަސާސީ އަދަބަކީ 1 އަހަރު
ދުވަހުގެ ޖަލު ޙުކުމެކެވެ. ދައުލަތުން ވަނީ އޭނާ ގެ އަދަބު މަތިވާ އަދި ލުއިވާން
ހުރި ހުރިހާ ޙާލަތްތަކަށް ރިއާޔަތްކޮށް އޭނާ 1 އަހަރު ދުވަހަށް ޖަލަށް ލާން އެދިފައެވެ.

އެހެންނަމަވެސް
ދިފާއީ ވަކީލު ވިދާޅުވީ، ނިޒާމުގެ އަދަބު 10 އަހަރަށްވުރެވެސް ދަށްވާން
ޖެހޭނެކަމަށް ޤަބޫލު ކުރެވޭ ކަމަށެވެ. އެކަމުގެ ސަބަބެއްކަމަށް ވިދާޅުވީ އޭނާއަކީ
އާމްދަނީ ހޯދައިގެން އުޅޭ ހަރުދަނާ މީހެއް ކަމަށާއި، އޭނާއަކީ މުޖުތަމައު
ބަލައިގަންނަ މީހެއް ކަމަށެވެ. އެހެންވެ އޭނާއަށް ދެވެން އޮތް އެންމެ ލުއި
އަދަބެއް ދިނުމަށް ވަކީލު އެދިލެއްވިއެވެ.

މި
އަޑުއެހުމުގައި ނިޒާމްއަށް ވާހަކަ ދެއްކުމުގެ ފުރުސަތު ދިނުމުން ނިޒާމް ބުނީ، އޭނާ
މީހަކު މަރާލިކަމަށް ދައުލަތުން ބުނާ ކަމަށާއި، މަރުވި މީހެއްވެސް ހުންނަން ޖެހޭނެ
ކަމަށެވެ. އަދި އޭނާ ގެ މައްޗަށް ކުށް ސާބިތުކޮށްފައި ވަނީ ހެކިތަކަށް ވެސް ބެލުމެއް
ނެތިކަމަށް އޭނާ ބުނެ އެވެ.

ލިޓަންގެ
ހަށިގަނޑު ފެނިފައިނުވި ނަމަވެސް ދައުލަތުން ވަނީ އޭނާ ލިޓަން މޫދަށް
ކޮއްޕާލާފައިވާކަމަށް ތުހުމަތު ކުރެވޭކަމަށް ބުނެފައެވެ. އަދި މޫދަށް
ވައްޓާލުމަށްފަހު، ދޯނީގައި ހުރި 51،000 ރުފިޔާ ވަގަށް ނަގާފައިވާކަމަށް އޭނާ ގެ
މައްޗަށް ދައުލަތުން ކުރި ދައުވާގައި ބުނެފައިވެއެވެ.

އޭނާ
ހައްޔަރުކުރި ވަގުތު އޭނާ ގެ އަތުގައި މަސްތުވާތަކެތި ހުރި ކަމަށްވެސް ޕީޖީ
އޮފީހުން ބުނެފައިވެއެވެ.

މި
މައްސަލައިގައި 3 ޖެނުއަރީ 2023ން ފެށިގެން ނިޒާމް ހުރީ ބަންދުގައެވެ. ޖުމުލަ 3 އަހަރާއި
1 މަހާއި 29 ދުވަސް އޭނާ ބަންދުގައި ހޭދަކޮށްފައިވެއެވެ.

ދެފަރާތުން
ދެއްކި ވާހަކަތަކަށް ރިއާޔަތް ކުރެއްވުމަށްފަހު މައްސަލަ ބައްލަވާ ގާޒީ ވަނީ ލިޓަން
މަރާލުމާ ގުޅޭ ކުށުގައި ނިޒާމް 25 އަހަރަށް ޖަލަށް ލުމަށް ޙުކުމް ކުރައްވާފައެވެ.
އަދި އޭނާ ބަންދުގައި ހުރި މުއްދަތު އުނިކުރުމުން ތަންފީޒުކުރަން ޖެހެނީ 21
އަހަރާއި 10 މަހާއި 1 ދުވަހުގެ ޖަލު އަދަބެކެވެ.

ވައްކަމުގެ
މައްސަލައިގައި އޭނާ ގެ މައްޗަށް އިއްވީ 1 އަހަރުގެ ޖަލު ޙުކުމެކެވެ.

ކްރިމިނަލް
ކޯޓުގައި މައްސަލަ ނިންމެވީ ގާޒީ މުޙައްމަދު މިސްބާޙުއެވެ.