އެމްޑީޕީ އިން މާލޭގައި ކުރަމުންދާ އިހުތިޖާޖުގައި ފުލުހުން ހާލަތާއި ނުބައްދަލު ބާރު ބޭނުންކޮށް، ކަރަންޓް މުގުރު ބޭނުން ކުރުމުގެ ސަބަބުން މުޒާހަރާގެ ބައިވެރިއަކު ފިޓްޖެހުނު ކަމަށް އެމްޑީޕީން ބުނި ނަމަވެސް ބާރުގެ ބޭނުން ނުކުރާ ކަމަށް ފުލުހުންގެ ޚިދުމަތުން ބުނެފި އެވެ.

އަންގާރަ ދުވަހުގެ ރޭ ކުރި އިހުތިޖާޖުގައި މުޒާހަރާގެ ބައިވެރިއެއްގެ ގައިގައި ފުލުހަކު ކަރަންޓް މުގުރުން ޖެހުމުގެ ސަބަބުން އެމީހާ ފިޓް ޖެހިގެން އައިޖީއެމްއެޗް އަށް ގެންގޮސް ފަރުވާދީފައިވެ އެވެ. އަދި އެމީހާ އަށް ފަރުވާ ދިނުމަށް ފަހު މިހާރު ހޮސްޕިޓަލުން ދޫކޮށްލާފައިވާ ކަމަށް އައިޖީއެމްއެޗުން ބުނެ އެވެ. 

ބުދަ ދުވަހު ފުލުހުން ބުނީ، އެއްވުމެއް ހިނގަމުންދިޔަ ސަރަހައްދަކުން އަންގާރަ ދުވަހުގެ ރޭ ވަގުތެއްގައި ހޮސްޕިޓަލަށް ގެންދެވުނު މީހަކަށް އަނިޔާވެފައިވަނީ، އެއްވުމާ ގުޅިގެން އެޅި ފިޔަވަޅުތަކެއްގެ ސަބަބުން ކަމަށް ބުނެ ފެތުރެމުންދާ ވާހަކަތައް ސަމާލު ކަމަށް އައިސްފައިވާ ކަމަށެވެ.

އެއްވުން ކޮންޓްރޯލް ކުރުމަށް ހިންގި އެއްވެސް ހަރަކާތަކާ، އެ މީހާއަށް އަނިޔާ ލިބުމާ ނުވަތަ ހާލު ދެރަވުމާ ގުޅުމެއް ނެތްކަން ފާހަގަކޮށް ފުލުހުން ބުނީ، ފެތުރެމުންދާ ވާހަކަތަކާ ހިލާފަށް، އަންގާރަ ދުވަހު ރޭގެ އެއްވުން ކޮންޓްރޯލް ކުރުމުގައި ބާރުގެ ބޭނުން ކޮށްފައިނުވާ ކަމަށެވެ. އަދި އެއީ އެއްވުމާ ގުޅިގެން ފުލުހުން އެޅި އެއްވެސް ފިޔަވަޅެއްގެ ސަބަބުން ހިނގާފައިވާ ކަމެއް ނޫން ކަމަށް ފުލުހުން ބުންޏެވެ.

 

މީގެ އިތުރުން ފުލުހުން ބުނީ، ހަގީގަތާ ހިލާފު ދޮގު މައުލޫމާތު ފެތުރުމުގެ ސަބަބުން ދައުލަތުގެ މުއައްސަސާތަކަށް އޮންނަ އިތުބާރު ކުޑަވެ، ރައްޔިތުންނަށް ފޯރުކޮށްދޭ ހިދުމަތްތަކަށް ނޭދެވޭ އަސަރު ކުރާ ކަމަށެވެ.

އެހެންކަމުން، މައުލޫމާތުގެ ސައްހަކަން ކަށަވަރުކުރުމަށްފަހު މެނުވީ މައުލޫމާތު ނުފެތުރުމަށް އިދާރާތަކަށާއި މީޑިއާތަކަށާއި އާންމުންނަށް ފުލުހުން ވަނީ އިލްތިމާސްކޮށްފަ އެވެ. 

ނަމަވެސް ފުލުހުން ނެރުނު މި ބަޔާނުގައި ކަރަންޓް މުގުރު ބޭނުން  ނުކުރާ ކަމެއް ބުނެފައެއް ނުވެއެވެ. އަދި މުުޒާހަރާ ގައި އަނިޔާ ލިބުނު މީހާ އަށް އަނިޔާ ލިބި ފިޓުޖެހެން  ދިމާވި ސަބަބެއް ބުނެދީފައި ނުވަކަން ވެސް ފާހަގަކުރެވެއެވެ.