އުމްރާއަށް
ގެންދިއުމުގެ ޚިދުމަތްދޭ ކުންފުނިތަކުން އިހުމާލުވާ މައްސަލަ ޙައްލުވާނީ އެކަމަށް
ޚާއްސަ ޤާނޫނެއް ގެނެސްގެންކަމަށް އިސްލާމިކް މިނިސްޓަރ ޑރ މުޙައްމަދު ޝަހީމް އަލީ
ސައީދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރ
އެފަދައިން ވިދާޅުވީ ބުދަ ދުވަހުގެ ޖަލްސާގައި މަނަދޫ ދާއިރާގެ މެމްބަރު ހުސްނީ
މުބާރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ. އެގޮތުން މި ޖަލްސާގައި
މެމްބަރު ވަނީ އުމްރާގެ އަޅުކަމަށް ޚިދުމަތްދޭ ކުންފުނިތަކުން އިހުމާލުވާ މައްސަލަ
ޙައްލު ކުރުމަށް ކުރެވެމުންދާ މަސައްކަތްތަކަކީ ކޮބައިތޯ ސުވާލު ކުރައްވާފައެވެ.
އެ
ސުވާލުގެ ޖަވާބުގައި މިނިސްޓަރު ވިދާޅުވީ،
އެފަދަ މައްސަލަތަކަށް އަދުލުވެރި ޙައްލެއް ގެންނަން ޖެހޭ ކަމަށާއި، އެކަން
ކުރުމަށްޓަކައި ޤާނޫނީ އޮނިގަނޑެއް އެކުލަވާލުމުގެ މަސައްކަތް މިނިސްޓްރީން މިހާރު
ކުރަމުންދާ ކަމަށެވެ.
ތިކަމަށް އަދުލުވެރި ޙައްލެއް ގެނެވޭނީ އަޅުގަނޑަށް ޤަބޫލު ކުރެވޭ ގޮތުގައި ތިކަމަށް ޚާއްސަ ޤާނޫނެއް އެކުލަވާލައިގެން، އެހެންވީމާ އަޅުގަނޑުމެން ވުޒާރާގެ ފަރާތުން އެބަ މަސައްކަތް ކުރަމުން ގެންދަން ދިވެހިރާއްޖޭގެ ޙައްޖާ އުމްރާއާ ގުޅޭ ކަންކަމާ ގުޅޭގޮތުން ޤާނޫނެއް އެކުލަވާލަން،އިސްލާމިކް މިނިސްޓަރ ޑރ މުޙައްމަދު ޝަހީމް އަލީ ސައީދު
މިނިސްޓަރު
ވިދާޅުވި ގޮތުގައި އެ ޤާނޫނު އެކުލަވާލާއިރު މޯލްޑިވްސް ޙައްޖު ކޯޕަރޭޝަންގެ
ދައުރާއި އަމިއްލަ ކުންފުނިތަކުގެ ދައުރު ބަޔާން ކުރެވިގެންދާނެއެވެ. އަދި އެ
ފަރާތްތަކުން ކުރާ ކުށްތަކަށް އަދަބު ދެވޭގޮތަށް ޤާނޫނީ ނިޒާމު ހަރުދަނާ
ކުރަންވެސް ޖެހޭކަން މިނިސްޓަރ ފާހަގަ ކުރެއްވިއެވެ.
މިނިސްޓަރު
ވިދާޅުވި ގޮތުގައި އެހެން ޤައުމުތަކުގައިވެސް މިފަދަ މައްސަލަތައް ޙައްލު ކުރުމަށް
ޤާނޫނީ އޮނިގަނޑުތައް އެކުލަވާލެވިފައިވެއެވެ.
އުމްރާއަށް
މީހުން ގެންދިއުމުގައި ކުންފުނިތަކުން މަކަރާއި ހީލަތް ހަދާ މައްސަލަތައް ވަރަށް
ގިނައިން ފެންމަތިވެ އެވެ. އޭގެ ތެރޭގައި ފައިސާ ނަގައި، އެންމެ ފަހު ވަގުތު
އިންތިޒާމުތައް ހަމަނުޖެހޭކަމަށް އެންގުމާއި އެނބުރި އައުމަށް ޓިކެޓު ނަގާފައި
ނެތުން ފަދަ ގިނަ މައްސަލަތައް ހިމެނެ އެވެ. އާންމުކޮށް މައްސަލައެއް ފެންމަތިވެގެން
އަންނައިރު، އެ ކުންފުންޏަކާއި ގުޅޭގޮތުން ކުރީ އަހަރު ވެސް ޝަކުވާތައްކޮށްފައި
ހުރެއެވެ.
މި
މައްސަލަ ހައްލު ކުރުމަށް ސަރުކާރުން ވަނީ ހާއްސަ އުސޫލެއް ހަދައި، އުމްރާއަށް
ގެންދާ ކުންފުނިތަކުން މިނިސްޓްރީގެ ހުއްދައަށް އެދި ހުށަހަޅަން ޖެހޭ ގޮތަށް ބަދަލު
ގެނެސްފަ އެވެ.
މި
ގަވައިދު ބުނާ ގޮތުގައި އެއްވެސް ސިފައެއްގައި އުމްރާގެ އަޅުކަން ހިމެނޭ ގޮތަށް
ދަތުރު ރާވައި ފައިސާ ނަގައި އުމްރާގެ ހިދުމަތް ދޭންވާނީ އުސޫލުގެ ދަށުން ނަގާ
ހުއްދައާއި އެކުއެވެ. އެގޮތުން ހުއްދަތައް ދެ އަހަރުގެ މުއްދަތަކަށް ދޫކުރުމުން،
ދެން އޭގެ ފަހުން ޖެހޭނީ އަލުން ހުއްދައަށް އެދި ހުށަހަޅާށެވެ.
މިނިސްޓަރ
ވިދާޅުވީ، މިފަދަ އުސޫލުތަކާއި ޤަވާއިދުތަކަށްވުރެ ޤާނޫނެއް ބާރު ގަދަވާނެ
ކަމަށާއި، ސަރުކާރުން މިހާރު ކުރަމުންދަނީ އެ މަސައްކަތް ކަމަށެވެ.