ސ. ހިތަދޫ، އިޒުމީރު، މުޙައްމަދު އަޙްމަދު ދީދީ (ނައުޝާދު) އަށް ތޫނު ހަތިޔާރުން ހަމަލާދީ މަރާލި މައްސަލަ ސާބިތުނުވުމުން ދައުލަތުން އެ ނިންމުން ހައިކޯޓުގައި އިސްތިއުނާފުކޮށްފިއެވެ.
މި މައްސަލައިގެ ދައުވާއާ ގުޅޭ ޙާދިސާ ހިނގާފައި ވަނީ 2023 ފެބްރުއަރީ 24 ވަނަ ދުވަހު 21:30 ހާއިރު އެވެ. އެގޮތުން ނައުޝާދަށް ޙަމަލާ ދީފައިވަނީ މާފަންނު މުރަނގަ މަގުގައި ހުންނަ "ކްލާސް" ފިހާރަ ތެރޭގައި ހުއްޓައެވެ. ފިހާރަތެރޭގައި ހުއްޓާ އޭނާ ގެ ބޮލަށާއި، ކަރާއި، މޭމައްޗާއި ބަނޑުގެ އިތުރުން ފައިގެ ދެ ކަކުލަށް ވެސް ވަނީ ވަޅި ހަރައި ފުންކޮށް ޒަހަމް ކޮށްލާފައެވެ.
މި މައްސަލައިގައި ދައުލަތުން ދައުވާ ކޮށްފައިވަނީ ސ. މަރަދޫފޭދޫ، ރަށްދެބައިގެ، އިބްރާހީމް ފައިޙް ނިޡާމު އާއި ތ. ގާދިއްފުށި، ގުލޭނޫރައްމާގެ، ސިރުޙާން ޢަލީގެ މައްޗަށެވެ. އެމީހުންގެ މައްޗަށް އުފުލާފައިވަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން ޤަޞްދުގައި މީހަކު މެރުމުގެ ކުށުގެ ދަޢުވާއެވެ. އެއީ ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ޤާނޫނުގެ ދަށުން އުފުލި ދައުވާއެކެވެ.
މި މައްސަލައިގައި ޙުކުމް ކުރައްވަމުން ކްރިމިނަލް ކޯޓުގެ ގާޒީ އިބްރާހިމް އިޙްސާން ނިންމެވީ މި މައްސަލައިގައި އުފުލާފައިވާ ތޫނު އެއްޗެއް ބޭނުންކޮށްގެން ޤަސްތުގައި މީހަކު މެރުމުގެ ކުށުގެ ދައުވާ ޤިސާސްގެ މައްސަލަތައް ސާބިތުކުރުމުގެ މިންގަނޑުކަމުގައިވާ އެއްވެސް ޝައްކެއް ނެތް މިންގަނޑަށް އަދި ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ) ގައި ބަޔާންކުރާ އެކަށީގެންވާ ޝައްކެއް ނެތް މިންވަރަށްވެސް ޝަރީއަތަށް ސާބިތުކޮށްދެވިފައި ނުވާ ކަމަށެވެ.
އެހެންވެ ދައުލަތުން މިހާރު ވަނީ އެ ނިންމުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފު ކޮށްފައެވެ.