އެމްޑީޕީ އިން މާލޭގައި ކުރަމުންދާ އިހުތިޖާޖުގައި ފުލުހުން ހާލަތާއި ނުބައްދަލު ބާރު ބޭނުންކޮށް، ކަރަންޓް މުގުރު ބޭނުން ކުރުމުގެ ސަބަބުން މުޒާހަރާގެ ބައިވެރިއެއް ފިޓްޖެހިގެން އައިޖީއެމްއެޗްގައި ފަރުވާދޭން ފަށައިފި އެވެ.
އެމްޑީޕީއިން ސިލްސިލާކޮށް ކުރަމުންދާ އިހުތިޖާޖަށް ފުލުހުން ހުރަސް އަޅައި މުޒާހަރާގެ ބައިވެރިންނާއި ދެކޮޅަށް ނުބައްދަލު ބާރު ބޭނުން ކުރަމުން އަންނަ ކަމަށް އެމްޑީޕީ އިން ވެސް ވަނީ ބުނެފަ އެވެ. އެގޮތުން އަންގާރަ ދުވަހުގެ ރޭ ކުރި އިހުތިޖާޖުގައި މުޒާހަރާގެ ބައިވެރިއަކަށް ފުލުހަކު ކަރަންޓް މުގުރުން ޖެހުމުގެ ސަބަބުން އެމީހާ ފިޓް ޖެހިގެން ވަނީ އައިޖީއެމްއެޗްއަށް ގެންގޮސްފަ އެވެ.
އެގޮތުން ކަރަންޓް މުގުރުން ޖެހުމުގެ ސަބަބުން އޭނާގެ ހަބަރު ހުސްވެގެން ވެއްޓުމުން ވެސް ފުލުހުން ވަނީ އޭނާ އެތަނުން ހޮސްޕިޓަލަށް ގެންދިއުމަށް އެދުމުން އެކަމަށް ވެސް ހުރަސް އަޅާފަ އެވެ. އަދި ފަހުން އޭނާ ގެންދަން ޖެހުނީ ކޮނޑަށް ލައިގެން ދުއްވާ އެއްޗެއް ލިބޭ ހިސާބަކަށެވެ. އަދި ޕިކަޕެއްގައި އޭނާ އައިޖީއެމްއެޗްއަށް ގެންގޮސް މިހާރު ދަނީ އެމަރޖެންސީގައި ފަރުވާ ދެމުންނެވެ.
މީގެ ކުރިން ވެސް ބޭއްވި އިހުތިޖާޖުތަކުގައި ފުލުހުން ހާލަތާއި ނުބައްދަލު ބާރު ބޭނުން ކުރުމުގެ ސަބަބުން މުޒާހަރާގެ ބައިވެރިންނަށް ވަނީ އެކިވަރުގެ އަނިޔާވެފަ އެވެ. އަދި ފުލުހުން އަންނަނީ އިހުތިޖާޖަށް ހުރަސް އަޅައި އިހުތިޖާޖުގައި ބޭނުން ކުރާ ބައެއް ސާމާނު ވެސް އަތުލަމުންނެވެ.