އދ. ގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް މީހަކު ޢައްޔަން ކުރުމަށް 2026 ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބުގައި ވާދަކުރެއްވުމަށް، ދިވެހިރާއްޖެއިން ހުށަހެޅި އދ. ގެ ކުރީގެ އަންޑަރ ސެކްރެޓަރީ ޖެނެރަލް ވަރޖީނިއާ ގަމްބާގެ ނަން، އެއްވެސް ސަބަބެއް ބަޔާންކުރުމަކާ ނުލައި ރާއްޖެއިން ކުއްލި ގޮތަކަށް އަނބުރާ ގެންގޮސްފިއެވެ.

"ދަ ގްލޯބަލް އޮބްޒަވޭޓަރީ" ގައި އާންމުކޮށްފައިވާ ރިޕޯޓެއްގައިވާ ގޮތުން، މާރިޗު މަހުގެ 11 ވަނަ ދުވަހު އދ. ގައި ހުންނަ ރާއްޖޭގެ ދާއިމީ މިޝަނުން ވަނީ ގަމްބާގެ ނަން ރަސްމީކޮށް ހުށަހަޅާފައެވެ. ނަމަވެސް އޭގެ 14 ދުވަސް ފަހުން، ރާއްޖެއިން ވަނީ ދެ ޖުމްލައިގެ ކުރު ސިޓީއަކުން އެ ނޮމިނޭޝަން އަނބުރާ ގެންގޮސްފައެވެ.


ރާއްޖޭގެ UN މިޝަން އިން ފޮނުވި ސިޓީ

އެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި، ގަމްބާއާ ރާއްޖެއާ ދެމެދު މީގެ ކުރިން އެއްވެސް ގުޅުމެއް އޮތްކަމެއް އެނގޭކަށް ނެތެވެ. އަދި އޭނާގެ ކެމްޕޭނަށް ޚަރަދުކުރުމަށް ހަމަޖެހިފައި އޮތީ އަމިއްލަ ފައިސާއިންނާއި، ދަރިވަރުންގެ ޖަމިއްޔާއެއް ކަމަށްވާ އިންޓަނޭޝަނަލް މޮޑެލް ޔުނައިޓެޑް ނޭޝަންސް އެސޯސިއޭޝަންގެ އެހީގައެވެ.
ސިޔާސީ ބުރަދަނާއި ގައުމުތަކުގެ އެކަށީގެންވާ ތާއީދު ނެތި އދ. ގެ ސެކްރެޓަރީ ޖެނެރަލް ކަމަށް ވާދަކުރާ ކެންޑިޑޭޓުންނަށް ފާޑުކިޔައި ލިޔެފައިވާ މި ރިޕޯޓުގައި، ގަމްބާގެ ކެމްޕޭނަކީ އޭގެ އެންމެ ފާހަގަކޮށްލެވޭ އެއް މިސާލު ކަމުގައި ވަނީ ސިފަކޮށްފައެވެ. އެފަދަ މަގާމަކަށް ވާދަކުރައްވާއިރު، ސަލާމަތީ މަޖިލީހުގެ ނުފޫޒުގަދަ ގައުމުތަކުގެ ތާއީދާއި، ދިގު ކެމްޕޭނެއް ކުރިއަށް ގެންދިއުމުގެ ގާބިލުކަން ނޮމިނޭޓްކުރާ ގައުމެއްގައި ހުންނަން ޖެހޭނެކަމަށްވެސް އެ ރިޕޯޓުގައި ބުނެފައިވެއެވެ.
ގަމްބާގެ އިތުރުން، މިފަހަރުގެ ރޭހުގައި އެކަށީގެންވާ ސިޔާސީ ތާއީދެއް ނެތި ވާދަކުރައްވާ އެހެން ކެންޑިޑޭޓުންގެ ތެރޭގައި ޗިލީގެ ކުރީގެ ރައީސް މިޝޭލް ބަޗެލޭ އަދި ސެނެގޯލްގެ ކުރީގެ ރައީސް މެކީ ސޯލް ހިމެނޭކަން ވަނީ ފާހަގަކޮށްފައެވެ. މި ބޭފުޅުންނަށްވެސް އެ ބޭފުޅުންގެ އަމިއްލަ ގައުމުގެ ނުވަތަ ސަރަހައްދުގެ ފުރިހަމަ ތާއީދު ލިބިވަޑައިގެންފައި ނުވާކަމަށް ރިޕޯޓުގައިވެއެވެ.
އދ. ގެ ސެކްރެޓަރީ ޖެނެރަލް ހޮވުމުގެ މަރުހަލާތައް ކުރިއަށްދާއިރު، އާންމުކޮށް ހުޅުވާލައިގެން ކެންޑިޑޭޓުންނާ ސުވާލުކުރުމުގެ ސެޝަންތައް އޭޕްރީލް 21 އަދި 22 ގައި ބޭއްވުމަށް ވަނީ ތާވަލުކުރެވިފައެވެ.