ސަރުކާރުގެ ވިސްނުން ހުރީ މި ސަރުކާރުން އަލަށް ފަށާ ކަންކަން ކުރަން، މަޝްރޫޢުތައް ހުއްޓި އިތުބާރު ގެއްލުނު ހިސާބަކީ އެއީ ކަމަަށް ފުވައްމުލަކު ސިޓީގެ މޭޔަރ އިސްމާޢީލް ރަފީޤް ވިދާޅުވެއްޖެއެވެ.
އޭނާ އެފަދައިން ވިދާޅުވީ ރާއްޖެޓީވީގެ ފަލަ ސުރުހީ ޕްރޮގްރާމްގައި ވާހަކަދައްކަވަމުންނެވެ. އޭނާ ވިދާޅުވީ ނިމިދިޔަ ސަރުކާރުން ފަށާފައިވާ އެތައް ކަމެއް ފުވައްމުލަކުގައި ވެސް ހުއްޓިފައި އެބަ ހުރި ކަމަށެވެ. ތަކުރާރުކޮށް އެދިގެން ވެސް އެ މަސައްކަތްތައް ކުރިއަށް ނުދިއުމަކީ ރައްޔިތުން އެދޭ ކަންކަން ސަރުކާރަށް ނުކޮށްދެވޭ ކަމަށް ބުނެ، ދެވޭ މެސެޖެއް ކަމަށާއި އެކަން އެހެންވާ ނަމަ ރައްޔިތުން ނުކުމެ ޖަވާބު ދޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
މީގެ އިތުރުން އެޓޯލްސް މިނިސްޓްރީ އުފެއްދުމާއި ސިޓީ ކައުންސިލަށް ބާރު ނުހިނގާ ގޮތަށް ޕަބްލިކް ވޯކްސް އޮތުމުން މަސައްކަތްތައް ކުރުމަށް ވަރަށް ބޮޑު ގޮންޖެހުމަކަށް ވި ކަމަށް އޭނާ ވިދާޅުވި އެވެ. އުސޫލުން ބޭރުން ކަންކަން ކޮށް، ކުންފުނިތައް ވެސް ހަރުދަނާ ކުރުމުގެ ބަދަލުގައި އެތަންތަން ސިޔާސީ ކޮށްފައިވާ ކަަމަށް މޭޔަރ ވިދާޅުވި އެވެ.
"ކައުންސިލްތަކަށް އެ ބަޖެޓް ދީގެން އެކަން މާ ރަނގަޅަށް ކުރެވޭނެ. މިނިސްޓްރީތައް ހަދައިގެން ސިޔާސީ ވަޒީފާ ދޭން ސިޔާސީ ހަތިޔާރަކަށް އެކަން ބޭނުން ކުރީ. މަސައްކަތްތައް ކުރުމުގައި ފަހިވާ ގޮތަކަށް ނޫން އެކަން ހުރީކީ." މޭޔަރ ވިދާޅުވި އެވެ.
މީގެ އިތުރުން، ސަރުކާރަށް ކައުންސިލް އިންތިޚާބު ނާކާމިޔާބުވި އެންމެ ބޮޑު އެއް ސަބަބަކީ ލާމަރުކަޒީ ނިޒާމް ފުނޑާލަން އުޅުމާއި ކައުންސިލްތައް ބަދުނާމުކުރަން ސަރުކާރުން ކުރި މަސައްކަތްތައް ކަމަށް އޭނާ ވިދާޅުވި އެވެ. މީގެ އިތުރުން ކައުންސިލްތަކަށް މީހުން ނެގުމަށް ވެސް ސަރުކާރުން ހުރަސް އެޅިކަން އޭނާ ވަނީ ފާހަގަކުރައްވާފަ އެވެ. އެފަދަ ހުރިހާ ކަމަކާއި މެދު އާއްމުން ތިބީ މާޔޫސްވެފައި ކަމަށް އޭނަ ވަނީ ވިދާޅުވެފަ އެވެ.