ރައްޔިތުންގެ މަޖިލީހުގެ އެންމެ މުހިއްމު ދެ ކޮމިޓީ ކަމަށް ވާ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމިޓީ) އާއި މާލިއްޔަތު ކޮމިޓީ އިން މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް ވަކިކޮށްފި އެވެ.
އެ ދެ ކޮމިޓީގައި ވެސް ހިމެނިވަޑައިގެންނެވި ނާޒިމް ކޮމިޓީ ތަކުން ވަކި ކުރައްވާފައިވާ ކަން އިއުލާނު ކޮށްފައި ނުވި ނަމަވެސް މަޖިލީހުގެ ވެބްސައިޓުން އެނގޭ ގޮތުގައި ދެ ކޮމިޓީ އިން ވެސް ނާޒިމް ވަނީ ވަކި ކޮށްފަ އެވެ.
އަންގާރަ ދުވަހުގެ ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތުގައި ވެސް އިންނެވީ ނާޒިމް އެވެ. ކޮމިޓީ ތަކަށް ބަދަލު އައުމުން ރިޔާސަތުން އާންމު ކޮށް އިއުލާނު ކުރި ނަމަވެސް އަންގާރަ ދުވަހު މި ބަދަލުތައް އިއުލާނު ކޮށްފައެއް ނުވެ އެވެ.
ނާޒިމްގެ ބަދަލުގައި މާލިއްޔަތު ކޮމިޓީ އަށް ޕީއެންސީގެ ފަރާތުން ހަމަޖައްސާފައި ވަނީ މައްޗަންގޮޅި މެދު ދާއިރާގެ މެންބަރު އަހްމަދު ޒަމީރު އެވެ. އަދި ނާޒިމް ގެ ބަދަލުގައި 241 ކޮމިޓީ އަށް ޕީއެންސީގެ ފަރާތުން ހަމަޖައްސާފައި ވަނީ ފުވައްމުލަކު އުތުރު ދާއިރާގެ މެންބަރު ހަމަދު އަބްދުﷲ އެވެ.