މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑުގެ މުއައްޡަފުންގެ ތެރެއިން، މަސައްކަތް ނުކުރާ މުވައްޒަފުންނަށާއި މީޑިއާތަކަށް ފައިސާ ދޭ މައްސަލަ މަޖިލީހަށް  ހުށަހަޅައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް އޮނަރަބަލް ޢަބްދުއްރަޙީމް ޢަބްދުﷲ އަށް، އެޑްރެސްކުރައްވައި ރައްޔިތުންގެ މަޖިލީހުގެ ކަނޑިތީމު ދާއިރާގެ މެންބަރު އަމީން ފައިސަލް ފޮނުއްވި ސިޓީގައި މިކަމާ ގުޅުން ހުރި ކަންބޮޑުވުންތައް ވަނީ ހިމަނުއްވާފަ އެވެ.

މި މަހުގެ 15 ވަނަ ދުވަހު ހުށަހެޅުއްވި އެ މައްސަލައިގައި ބުނެފައި ވަނީ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމް.އޭ.ސީ.އެލް.) އިން ވަޒީފާއަށް ނުނިކުންނަ ސިޔާސީ މުވައްޒަފުންނަށް މުސާރައިގެ ގޮތުގައި މަހަކު 2.4 މިލިއަން ރުފިޔާ ޚަރަދުކުރާ ކަމަށް ދެކެވޭ ވާހަކަ އާއި، އެކަމާއި ގުޅޭގޮތުން ދައުރުވަމުންދާ ލިޔެކިޔުންތަކަކީ އެކަމާއި ގުޅޭގޮތުން ރައްޔިތުންގެ ކަންބޮޑުވުން އިންތިހާއަށް އޮތް ކަމެއް ކަމަށް ބުނެފަ އެވެ. އަދި މަސައްކަތް ނުކުރާ ބަޔަކަށް، އަދި އެބައެއްގެ ފަރާތުން ކުންފުންޏަށް އެއްވެސް މަންފާއެއް ނުލިބޭ ބަޔަކަށް ކުންފުނިން ފައިސާ ހަރަދުކުރުމަކީ، ކުންފުނީގެ އޮޕާރޭޝަނަލް ހަރަދު ބޮޑުވެ، ފައިދާ ކުޑަވާނެ ކަމެއް ކަމަށް އަމީން ވަނީ ވިދާޅުވެފަ އެވެ. އެކަމުގެ ނަތީޖާއަކަށް ވާނީ، ކުންފުނިން ސަރުކާރަށް ދައްކާ ޑިވިޑެންޑް މަދުވުން ކަމަށާއި މިއީ، ނުސީދާކޮށް ދައުލަތުގެ މާލިއްޔާއަށް ޖެހޭ ވަރަށް ބޮޑު ބުރައެއް ކަމަށް އަމީން ވިދާޅުވި އެވެ.

މީގެ އިތުރުން، އެމް.އޭ.ސީ.އެލް. އިތުރަށް އިޝްތިހާރު ކުރުމުގެ ނަމުގައި، ބައެއް މީޑިއާތަކަށް ކޮންމެ މަހަކު ބޮޑެތި އަދަދުތަކުން ފައިސާ ދެމުންގެންދާ ކަމަށް އެ ސިޓީގައި ވެ އެވެ. އެގޮތުން މީޑިއާތަކަށް ދޫކޮށްފައިވާ އަދަދުތަކަށް ބަލާއިރު، އެއްވެސް ވަރަކަށް މަގުބޫލު ނޫން ގިނަ މީޑިއާތަކަކަށް ވެސް ފައިސާ ދީފައިވާކަން ފާހަގަކުރެވޭ ކަމަށް އަމީން ވިދާޅުވި އެވެ. ވެލާނާ އެއާރޕޯޓަށް އޮންނަ ޑިމާންޑާ އެއްވަރަށް ފްލައިޓްތައް އޮޕަރޭޓްކުރުމަށް ޖާގަނުދެވި، އަދި ހިދުމަތް ވެސް ނުދެވިގެން އުޅޭ އިރު ވިޔަފާރި ހޯދުމަށް އިތުރަށް އިޝްތިހާރުކުރަން ޖެހޭ ހާލަތެއް ނެތް ކަމަށާއި އެހެންކަމުން އެކަމަށް އިތުރު ހަރަދުތައް ކުރަންޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށް އަމީން ވިދާޅުވި އެވެ.

މިއީ ސިޔާސީ ކަމެއް ނޫން ކަމަށާއި މިއީ ކަނޑައެޅިގެން ދައުލަތުގެ ފައިސާއަށް ނަހަމަގޮތުގައި އަރައިގަތުމުގެ އަމަލެއްގެގޮތުގައި އަމީން ވަނީ  ސިފަކުރައްވާފަ އެވެ. މިފަދަ ކަންކަމަކީ ކުށް ކަމަށް ރާއްޖޭގެ ޤާނޫނުތަކުގައި ސަރީހަ ބަހުން ވަނީ ކަނޑައެޅިފައި ކަމަށް ވެސް އަމީން ވިދާޅުވި އެވެ. އެ ސިޓީގައި ފާހަގަކޮށްފައިވާ  މާއްދާތަކީ:

• ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީ (2008)

16 ވަނަ މާއްދާ: ދައުލަތުގެ ވަސީލަތްތައް ބޭނުންކުރަންވާނީ އާންމު މަސްލަހަތަށެވެ.

61 ވަނަ މާއްދާ: ދައުލަތުގެ ފައިސާ ޚަރަދުކުރާ ގޮތް އެނގުމުގެ ހައްޤު ރައްޔިތުންނަށް ލިބިގެންވެއެވެ.

• ޤާނޫނުލްއުޤޫބާތު (9/2014)

513 ވަނަ މާއްދާ: ނުފޫޒު ބޭނުންކޮށްގެން ނަހަމަ މަންފާ ހޯދައިދިނުން.

514 ވަނަ މާއްދާ: މަޤާމުގެ ނުފޫޒު ނަހަމަގޮތުގައި ބޭނުންކުރުން.

515 ވަނަ މާއްދާ: ނުޙައްޤު މުއްސަނދިކަން ހޯދުން.

516 ވަނަ މާއްދާ: ދައުލަތުގެ މުދަލާއި ފައިސާއަށް ޚިޔާނާތްތެރިވުން.

517 ވަނަ މާއްދާ: ދައުލަތަށް ފައިދާއެއް އޮތް ކަމެއްގައި ގަސްދުގައި ދައުލަތަށް ގެއްލުންދިނުން.

• އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ޤާނޫނު

ބާރުގެ ބޭނުން ނަހަމަގޮތުގައި ހިފުމާއި، ނުޙައްޤު ފައިދާ ހޯދައިދިނުމާއި، ސިޔާސީ ނުފޫޒު ފޯރުވުމަކީ ކޮރަޕްޝަން.

• ދައުލަތުގެ މާލިއްޔަތު ޤާނޫނު

ދައުލަތުގެ ފައިސާ ބަލަހައްޓައި، ޚަރަދުކުރަންވާނީ ޤާނޫނުގައިވާ ގޮތުގެ މަތިން ޖަވާބުދާރީވެވޭނެ އުސޫލަކުން.

• ވަޒީފާއާބެހޭ ޤާނޫނު

މުސާރަ ދޭންވާނީ ކުރާ މަސައްކަތާ އެކަށީގެންވާ މިންވަރަށް.

މަސައްކަތަށް ނުނިކުންނަ ދުވަސްތަކަށް މުސާރައާއި އެލަވަންސް ދީގެން ނުވާނެ.

މި ޤާނޫނުތަކުގެ ދަށުން، ދައުލަތުގެ ފައިސާ ނަހަމަގޮތުގައި ހޭދަކުރުމުގެ ޒިންމާ އުފުލަންޖެހޭނީ ހަމައެކަނި އެ މުސާރަ ނަގާ މީހުން ނޫން ކަމަށާއިކަމަށް ހުއްދަދީ، އެކަމަށް މަގުފަހިކޮށްދޭ ފަރާތްތަކުން ވެސް މިކަމުގެ ޒިންމާ އުފުލަންޖެހޭނެ ކަމަށް އަމީން ވިދަޅުވި އެވެ. މި ގޮތުން، ކޮންމެހެން ބޭނުންނުޖެހޭ ކަންކަމުގައި ބޮޑެތި އަދަދުތަކުން ފައިސާ ހަރަދުކުރަމުން ގެންދިއުމަކީ، ރަސްމީ ހައިސިއްޔަތު ބޭނުންކޮށްގެން މަންފާ ހޯދުމާއި، ތިމާއަށް މަސްލަހަތު އޮތް ބަޔަކަށް ނާޖާއިޒް މަންފާއެއް ހޯދައިދިނުންކަން އަމީން ފާހަގަކުރައްވާފައިވެ އެވެ. މިކަން ނުހުއްޓި، މިގޮތުގައި ކުރިއަށް ދިއުމަށް ދޫކޮށްލައިފި ނަމަ، ދައުލަތައް މާލީގޮތުން ނުހަނު ބޮޑަށް ގެއްލުންވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މިފަދަ ކަންކަން އިސްލާހުނުވެ ދެމިއޮތުމުގެ ސަބަބަކީ އެންޓި-ކޮރަޕްޝަން ކޮމިޝަނާއި އޮޑިޓަރ ޖެނެރަލް އަޅަންޖެހޭ ފިޔަވަޅުތައް އެންމެ ފުރިހަމަ ގޮތުގައި ނާޅާތީ ކަމަށް ވެސް އަމީން ވިދާޅުވި އެވެ. ޤާނޫނުތައް ތަންފީޛު ނުކުރެވޭ ހާލަތެއްގައި، މިފަދަ ކަންކަން ނިޒާމުގެ ބަޔަކަށް ވެގެންދާ ކަމަށް އަމީން ވިދާޅުވި އެވެ.އަމީން ވަނީ މިކަމާއި ގުޅިގެން  މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑްގެ އިސްފަރާތްތަށް ރައްޔިތުންގެ މަޖިލީހުގެ 'ކަމާބެހޭ ކޮމިޓީ' އަށް ހާޒިރުކޮށްދެއްވައި، މިކަން ހިނގަމުންދާގޮތް ސާފުކޮށްދެއްވުމަށް އެދިވަޑައިގަންނަވާފައެވެ.