ޕްރައިވެޓައިޒޭޝަން
އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) ޖަވާބުދާރީ ކުރުވުމަށް ގޮވާލައި ރައްޔިތުންގެ
މަޖިލީހަށްޕެޓިޝަނެއްހުށަހަޅައިފި އެވެ.
އަންގާރަ
ދުވަހު ރައްޔިތުންގެ މަޖިލީހަށް މި ޕެޓިޝަން ހުށަހަޅާފައިވަނީ އަމިއްލަ
ފަރާތެއްކަމަށްވާ މިދުޢަމް ސަޢުދު އެވެ.
ޕެޓިޝަންގައި
ބުނެފައިވަނީ، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބެލެނިވެރި ފަރާތުގެ
ހައިސިއްޔަތުން ޕީސީބީން އަދާ ކުރަން ޖެހޭ ޒިންމާތައް އަދާނުކުރާ ކަމަށެވެ. އެގޮތުން
ޕީސީބީން އާންމު ކުރަން ޖެހޭ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ކުއާޓާލީ އަދި
އަހަރީ ރިޕޯޓުތައް ހިއްސާ ކުރުން ލަސްކަމުގެ ކަންބޮޑުވުން މި ޕެޓިޝަންގައި
ހިއްސާކޮށްފައިވެ އެވެ.
މީގެ
އިތުރުން، 2026 ގެ ފުރަތަމަ ކުއާރޓާ ނިމި ދެވަނަ ކުއާޓާރ ހިނގަމުން ދާއިރު
ޕީސީބީއިން އެންމެ ފަހުން ނެރެފައިވާ ކުއާރޓާލީ ރިޕޯޓަކީ 2025 ވަނަ އަހަރުގެ
ފުރަތަމަ ކުއާރޓާގެ ރިޕޯޓުކަން ފާހަގަކޮށް ޕެޓިޝަންގައި ބުނީ، ރިޕޯޓުތައް ޝާއިއު
ކުރުމުގައި 12 މަސް ނުވަތަ 1 އަހަރުގެ ގެޕެއް އައުމަކީ ސަރުކާރު ހިއްސާވާ ކުންފުނިތަކާ
ބެހޭ އެންމެ ފަހުގެ މައުލޫމާތު ރައްޔިތުންނަށް ނުލިބޭ ސަބަބެއް ކަމަށެވެ.
ހަމައެއާއެކު،
އެއީ ސަރުކާރު ހިއްސާވާ ކުންފުނިތައް ޒިންމާދާރު ކުރުވަން އެޅޭ ހުރަހެއް ކަމަށާއި،
ކުންފުނިތަކުން އުސޫލުތަކާއި ހިލާފަށް ހިންގާ ކަރަޕްޝަނަށް މަގުފަހިވާ ކަންކަން ލަސްވުމުގެ
ސަބަބުން ނުބަލާ ދޫކޮށްލަން ދެވޭ ފުރުސަތެއްކަމަށްވެސް މައްސަލައިގައި
ބުނެފައިވެ އެވެ.
އެހެންކަމުން
މި މައްސަލައިގައި އެދިފައިވަނީ ކަމާއި ބެހޭ ކޮމެޓީއަށް ހާޒިރުކޮށް ޕީސީބީން
ރިޕޯޓުތައް ޝާއިއު ކުރުން ލަސްވާ ސަބަބުތައް ސާފުކޮށް ހޯދާ ބެލުމަށެވެ. އަދި
އެކަންކަމުގެ މައްޗަށް ރިޕޯޓެއް އެކުލަވާލާ އެކަންކަން ހައްލު ކުރަން މަޖީލީހުން
ކުރަން ޖެހޭ ކަންކަން ކަނޑައަޅައި ކުރުމަށްވެސް ޕެޓިޝަންގައި އެދިފައިވެ އެވެ.