މަޖިލީހުން ފާސްކުރާ ޤާނޫނުތަކާ ގުޅިގެން ކަމާބެހޭ
އިދާރާތަކުން ހަދަންޖެހޭ ޤަވާއިދުތައް ނުހަދާތީ ވައިކަރަދޫ ދާއިރާގެ މެމްބަރު
ހުސައިން ޒިޔާދު އެކަމުގެ ކަންބޮޑުވުން ފާޅު ކުރައްވައިފި އެވެ.
ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ޤާނޫނަށް ހުށަހެޅިފައިވާ
އިސްލާޙަށް ބަހުސް ކުރައްވަމުން ޒިޔާދު ވިދާޅުވީ، ޤާނޫނުތައް ހަދާއިރު އެ
ޤާނޫނެއްގެ ބޭނުމާއި، ރައްޔިތުން އެ ޤާނޫނަކަށް އަހުލުވެރި ކުރުމުގެ
މުހިއްމުކަމުގެ ވާހަކަވެސް ދައްކަންޖެހޭ ކަމަށެވެ. އެގޮތުން ސިނގިރޭޓު އެތެރެކުރުމާ
ބެހޭ ގޮތުން ޤާނޫނުތަކަށް ގެނައި އިސްލާޙަށް ބަލާއިރުވެސް، އެ އިސްލާޙަށް
އަމަލުކުރަން އޮތް މުއްދަތު ފާއިތުވެފައިވާކަމަށް ޒިޔާދު ވިދާޅުވި އެވެ.
އެހެންނަމަވެސް ހެލްތް މިނިސްޓްރީން ހަދަންޖެހޭ
ޤަވާއިދެއް ނުހެދިގެން މިއަދާ ހަމައަށްވެސް އެ އިސްލާޙަށް އަމަލު ކުރެވެން ފެށިފައިނުވާކަން
ޒިޔާދު ފާހަގަ ކުރެއްވި އެވެ.
މެމްބަރު އެ އަލިއަޅުވާލެއްވި އިސްލާޙަކީ 21 މެއި
2025 ގައި ގެނައި އިސްލާޙެކެވެ. އެގޮތުން އެ އިސްލާޙުގައި ބުނަނީ ކޮންމެ ދިވެހި
ރައްޔިތަކަށްވެސް ބޭރުން އަންނައިރު 1 ކާޓޫން ސިނގިރޭޓު ގެނެވިދާނެކަމަށެވެ.
އެ އިސްލާޙަށް އަމަލުކުރަން އޮތީ 2025 ގެ
ނޮވެމްބަރު މަހުއެވެ. އެހެންނަމަވެސް ހެލްތް މިނިސްޓްރީން ހަދަންޖެހޭ ޤަވާއިދެއް
ނުހަދާ އޮތުމުން މިއަދާ ހަމައަށްވެސް އެ ޤާނޫނަށް އަމަލު ކުރެވޭކަށް ނެތްކަމަށް
ޒިޔާދު ވިދާޅުވި އެވެ. އަދި ވިދާޅުވީ، މަސްވެރިކަމުގެ ޤާނޫނަށް ހުށަހެޅިފައިވާ
އިސްލާޙުގައިވެސް އެތައް ޤަވާއިދެއް ހަދަން އެބައޮތް ކަމަށާއި، ޤަވާއިދުތައް
ނުހަދާނަމަ އޭގެ ހަގީގީ ބޭނުމެއް ނެތް ކަމަށެވެ.
މީގައިވެސް އެބައޮތް ވަރަށް ބައިވަރު ޤަވާއިދުތައް ހަދާ ވާހަކަ، އަޅުގަނޑުމެންނަށް މި 20 ވަނަ މަޖިލީހުންވެސް ފެނިއްޖެ އެތައް ފަހަރަކު ޤާނޫނާ ގުޅިގެން ހަދަންޖެހޭ ޤަވާއިދުތައް ނުހަދައިގެން އަހަރު ދެއަހަރު ފަސްކުރާތަން، މިހެން މިކަން އޮތީމަ އަޅުގަނޑުމެން މި ކަންބޮޑުވަނީ، މިހެން ހެދޭ ޤާނޫނުތަކުގައި އޭގެ ހަގީގީ މާނައެއް ނުވަތަ މަޤްސަދެއް ހާސިލެއް ނުކުރެވޭ، މި ޤާނޫނުންވެސް ސަރުކާރުން މިވަގުތަށް ބޭނުންވާ ކަމެއް ކޮށްލެވެން އެކަނި އޮންނަނީ.ވައިކަރަދޫ ދާއިރާގެ މެމްބަރު ހުސައިން ޒިޔާދު
ހަމައެއާއެކު، މި އިސްލާޙަކީ ވަކި ފަރާތަކަށް ލައިސަންސެއް
ދީގެން ކަންކަން ކުރުމަށް ފަހިކުރާ އިސްލާޙެއްކަމަށް ބުރަވެވޭ ސަބަބުތަކެއް
އެބަހުރި ކަމަށްވެސް ޒިޔާދު ވިދާޅުވި އެވެ. ސަބަބަކީ މި އިސްލާޙުގައި ޝައްކުވާގޮތަށް
ހުރި ކަންކަން ހިމެނޭތީކަމަށް ޒިޔާދު ވިދާޅުވި އެވެ.
އެގޮތަށް ހުރި ބައެއް މާއްދާތަކަށްވެސް ޒިޔާދު ވަނީ
އަލިއަޅުވާލައްވާފަ އެވެ.
ޒިޔާދު ވަނީ މަސްވެރިންގެ ހުރި ބައެއް
ކަންބޮޑުވުންތަކަށްވެސް މަޖިލީހުގައި އަލިއަޅުވާލައްވާފަ އެވެ. އެގޮތުން އެސްޓީއޯ
ރޭޓުގައި ތެޔޮ ހޯދުމަށް މަސްވެރިންނަށް ހުރި ދަތިތަކާ ގުޅޭގޮތުންވެސް މެމްބަރު
ވާހަކަ ދެއްކެވިއެވެ. އަދި ވިދާޅުވީ، މިހާރު ހުރިހާ މެންބަރުންގެވެސް ފޯކަސް ހުރީ
ރައީސަށް ސަނާ ކިއުމާއި ތަހުނިޔާ ކިއުމުގައި ކަމަށެވެ.