މި ސަރުކާރުން މަސްވެރިކަމުގެ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހުތަކުގައި ގިނައީ މަސްވެރިންގެ އަތުން ފީ ނެގޭނެ ވާހަކައާ މަސްވެރިން ޖޫރިމަނާ ކުރެވޭނެ ވާހަކަ ކަމަށާ މި ބިލު ފަރުމާ ކުރެވިފައިވަނީ ވީހާ ވެސް ގިނަ ގޮތްގޮތުން މަސްވެރިންނަށް އުނދަގޫ ކުރެވޭނެ ގޮތަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އަދި އެމްޑީޕީ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހިމް ނާޒިލް ވިދާޅުވެއްޖެ އެވެ.
އަންގާރަ ދުވަހުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ސަރުކާރުގެ ފަރާތުން، ތިނަދޫ ދެކުނު ދާއިރާގެ މެންބަރު މުހައްމަދު އަލްސަން އަހްމަދު ހުށަހަޅުއްވާ ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލުގެ އިބްތިދާއީ ބަހުސް ވަނީ ކުރިއަށް ގެންގޮސްފަ އެވެ.
އެ ބިލަށް ބަހުސް ކުރައްވަމުން ނާޒިލް ވިދާޅުވީ ބިލުގެ 25 މާއްދާ އަށް އިސްލާހު ގެނެވިފައިވީއިރު މީގެ ތެރެއިން 19 މާއްދާ އަށް ވުރެ ގިނަ އިސްލާހުތަކަކީ މަސްވެރިންގެ އަތުން ފީ ނެގޭނެ ވާހަކައާ މަސްވެރިކަން ނުކުރެވޭ ސަރަހައްދުތަކުގެ ވާހަކައާ ބޮޑެތި ޖޫރިމަނާތަކުގެ ވާހަކަ ކަމަށެވެ. އެގޮތުން 2 މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ އަރައިގެން ދާނެ ވާހަކަ ބިލުގައިވާ ކަމަށް ނާޒިލް ވިދާޅުވި އެވެ.
ނާޒިލް ވިދާޅުވީ މި ގާނޫނަށް ސަރުކާރުން އަވަސް އަރުވާލައިގެން އިސްލާހު ގެނަސްފައިވާއިރު މަސްވެރިންނަށް، ޚާއްސަކޮށް ރާއްޖޭގައި މަސްވެރިކަން ކުރާ މަސްވެރިންނަށް ބޮޑު ފައިދާ އެއް ވާނެ ގޮތަށް މި ބިލު ފަރުމާ ކުރެވިފައިވާނެ ކަމަށް އުއްމީދު ކުރެއްވި ކަމަށެވެ. އެހެން ނަމެސް ބިލު ފަރުމާ ކޮށްފައި ވަނީ މަސްވެރިންނަށް އެންގެ ގިނަ ގޮތްގޮތުން އުނދަގޫ ކުރެވޭނެ ގޮތަށް ކަމަށް ނާޒިލް ވިދާޅުވި އެވެ.
މަސްވެރިން ކޯޓަށް ގެންދާނެ ވާހަކައާ މަސްވެރިންނަށް އަދަބު ދޭނެ ވާހަކައާ މަސްވެރި އުޅަނދުތައް ބަނދަރު ކުރީމަ އެ އުޅަނދުތަކުން ފީ ނެގޭނެ ވާހަކައާ މަސްވެރިންނަށް ވީހާ ވެސް ގިނަ ގޮތްގޮތުން އުނދަގޫ ކުރެވޭނެ ގޮތަށް މުޅި ބިލު ފަރުމާ ކުރެވިފަ ވަނީ. ސަރުކާެރުގެ މެންބަރުންގެ ވާހަކައިގަ ބިލެތާ ފޯކާ، ބިލެތާ ފޯކުގެ ވާހަކައާ ފެންބިލާ ކަރަންޓު ބިލުގެ ވާހަކައާ މިފަދަ އެތައް ވާހަކައެއް. އެހެން ނަމަވެސް މި ބިލުގަ ހުރި މާއްދާއަކަށް ރިއާޔަތްކޮށް މި ބިލުން މަސްވެރިންނަށް ވާ ފައިދާގެ ވާހަކަ އެއް ނެތް ދައްކަވާފަ.ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އަދި އެމްޑީޕީ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހިމް ނާޒިލް
ނާޒިލް ވިދާޅުވި ސަރުކާރުގެ ފަރާތުން ސަރުކާރުގެ މެންބަރަކު ހުށަހެޅުއްވި މި އިސްލާހުން މަސްވެރިއަކަށް ފައިދާ ކުރާނެ ބިލެއް ހުށަހެޅުއްވި ނަމަ ތައުރީފް ވެސް ކުރެއްވީސް ކަމަށެވެ. އެހެން ނަމަވެސް މި ބިލަކީ މަސްވެރިއަކަށް ނުވަތަ މަސްވެރި އާއިލާ އަކަށް ވެސް ފައިދާ ވާނެ ބިލެއް ނޫން ކަމަށް މެންބަރު ވިދާޅުވި އެވެ.
އެ ބިލުގައި ވަނީ މަސްވެރިން ޖޫރިމަނާ ކުރެވޭނެ ހާލަތްތަކާ، އެ އަދަދުތަކުގެ އިތުރުން، ބައެއް ގަވާއިދުތަކާ އުސޫލުތައް ވެސް ހިމަނާފަ އެވެ.