މުޒާހަރާތަކުގައި މިންގަނޑާ ހިލާފުވާކަމަށާއި ފިޔަވަޅެއް އެޅުމުގެ ވިސްނުމެއް ނެތް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ހޯމަ ދުވަހުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވިތާ 12 ގަޑި އިރު ނުވަނީސް މުޒާހަރާތަކުގައި ހިޔާލުފާޅުކުރުމުގެ ހައްގު އިސްލާމްދީނުގެ އަސްލަކާ ޚިލާފުނުވާ ގޮތެއްގެމަތިން ބޭނުން  ކުރުމަށާއި، ފިޔަވަޅު އެޅުމަށް އެޗްއާރުސީއެމްއިން ގޮވާލައިފި އެވެ. 

ހޯމަ ދުވަހުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވިދާޅުވެފައިވަނީ މުޒާހަރާކުރިއަސް ގާނޫނާ ގަވާއިދުތަކާ އެއްގޮތަށް އަމަލުކުރަންވާނެ ކަމަށެވެ. މަގުމަތީގައި މުޒާހަރާކޮށް ހެދީމާ ވަރަށް ގިނަ ރައްޔިތުންނަށް އަދި ވިޔަފާރިތަކަށް ވެސް އުނދަގޫވާ ކަމަށެވެ. އެ ހުރިހާ ކަމަކަށް ވިސްނައިގެން ޑިމޮކްރަޓިކް ރައިޓްސްގެ ބޭނުން ހިފުން ރަނގަޅުވާނެ ކަމަށެވެ. ރައީސް ވިދާޅުވީ ކޮންމެ ތަނަކަށް އެއްވިޔަސް ގާނޫނާއި ގަވާއިދުތަކާއި އިސްލާމީ ހުދޫދުތަކާ އެއްގޮތަށް އަމަލުތަކާއި ބަހުރުވަ ހުންނަންޖެހޭނެ ކަމަށެވެ. އަދި ފިޔަވަޅު އެޅުން ގެންދަވަނީ ވަރަށް ލިމިޓެޑްކޮށް ކަމަށެވެ. އަދި ކިރިޔާވެސް ފިޔަވަޅު ނާޅާވެއްޖެއްޔާ ފުރުސަތު ދެމުންދާ ކަމަށެވެ. 

ރައީސް މިފަދައިން ވިދާޅުވެފައިވަނިކޮށް އެޗްއާރުސީއެމްއިން ހޯމަ ދުވަހު ނެރުނު ނޫސްބަޔާނުގައި ބުނެފައިވަނީ ބައެއް ސިޔާސީ
ޕާޓީތަކުން، ރޭގަނޑުގެ ވަގުތުގައި، ސިލްސިލާ ގޮތެއްގައި މާލޭސިޓީގައި ބާއްވަމުން
ގެންދާ އެއްވުންތަކުގައި، ޢާންމު އިޖްތިމާޢީ މިންގަނޑުތަކާ ޚިލާފު ވާހަކަ
ދައްކައި، އެވާހަކަތައް މީޑިޔާގެ ޒަރީޢާއިން ޢާންމުވެ، އެކަމުގެ ސަބަބުން، އާންމުންގެ
މެދުގައި ނަފުރަތު އުފައްދައި، ހަމަނުޖެހުމަށް ހިތްވަރުލިބޭގޮތަށް ޕާޓީތަކަށް
ނިސްބަތްވާ އެކި ފަރާތްތަކުން ވާހަކަދައްކައި އާންމުވަމުންދާ ކަމަށެވެ. 

އަދި މިނިވަންކަމާއެކު
ފިކުރުކުރުމާއި އިސްލާމްދީނުގެ އަސްލަކާ ޚިލާފުނުވާ ގޮތެއްގެމަތީން، އެމީހެއްގެ
ބުއްދިއަށް ފެންނަ ގޮތްތަކާއި، ޚިޔާލުތައް ދުލާއި ގަލަމުން އަދި މިނޫންވެސް
ގޮތްގޮތަށް ފާޅުކުރުމުގެ މިނިވަންކަމަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ
ޤާނޫނުއަސާސީގެ 27 ވަނަ މާއްދާއިން، ކަށަވަރުކޮށްދީފައިވާ މުހިންމު އަސާސީ ޙައްޤެއް ކަމަށް ބުނެފައިވެ އެވެ. ބަޔާނުގައި ބުނީ ޚިޔާލުފާޅުކުރުމުގެ މިނިވަންކަމަކީ ވަރަށް ފުޅާކޮށް ޤާނޫނުއަސާސީގެ ދަށުން
ލިބިދީފައިވާ ޙައްޤެއްކަމުގައި ވީނަމަވެސް، މި ޙައްޤުގެ ބޭނުން ހިފަންވާނީ ވަކި
ހުދޫދެއްގެ ތެރެއިން، އަނެކާގެ ޙައްޤުތަކަށް އިޙްތިރާމް ކުޑަނުވާނެގޮތަށެވެ.

ސިޔާސީ ޕާޓީތަކުން ބާއްވާ ޖަލްސާތަކާއި އެއްވުންތަކާއި،
މީޑިއާ އަދި ސޯޝަލް މީޑިއާގެ ޒަރީޢާއިން ފާޅުކުރެވޭ ޚިޔާލުތަކުގައިވެސް، މީހުންގެ
މެދުގައި ނަފްރަތު އުފެއްދުމަށާއި، މުޖުތަމައުގެ ހަމަޖެހުމާއި މަސްލަޙަތު
ނަގާލުމަށް ގޮވާލުމުގެ އިތުރުން، އަނިޔާވެރި އަމަލުތައް ކުރުމަށް ހިތްވަރު
ލިބޭގޮތަށް ފާޅުކުރެވޭ ޚިޔާލުތަކަކީ، ޤާނޫނުއަސާސީ އިން ދިވެހި ރައްޔިތުންނަށް
ކަށަވަރުކޮށްދީފައިވާ ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ހައްޤުގެ ރޫޙާ ޚިލާފު
އަމަލުތަކެއްކަމަށް އެޗްއާރުސީއެމްގެ ބަޔާނުގައި ބުނެފައިވެ އެވެ.

މިފަދަ ޢަމަލުތައް ކުރުމަށް ހިތްވަރު ލިބޭގޮތަށް
ގޮވާލައި ކުރެވޭ ޚިޔާލުފާޅުކުރުންތަކަކީ، ކަންބޮޑުވާކަމެއް ކަމަށް އެޗްއާރުސީއެމްއިން ބުނެފައިވެ އެވެ. އަދި މިފަދަ ޢަމަލުތައް ކުށްވެރިކޮށް، ސިޔާސީ ޕާޓީތަކުންނާއި ޕާޓީތަކުގެ
އިސްފަރާތްތަކުން މިފަދަ ޢަމަލުތައް ނުކުރުމަށާއި، ކަމާގުޅުންހުރި
ދައުލަތުގެ މުއައްސަސާ ތަކުން މިކަންކަމަށް އަޅުއްވަންޖެހޭ ހަރުދަނާ ފިޔަވަޅުތައް ޤާނޫނީ
އިމުގެ ތެރެއިން އެޅުމަށް ކޮމިޝަނުން ވަނީ ގޮވާލާފަ އެވެ. 

ޤާނޫނުއަސާސީގެ 27 ވަނަ މާއްދާއިން ލިބިދޭ މިނިވަންކަމާއެކު ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ހައްޤުގެ ބޭނުން ހިފުމުގައި، އެހެން މީހުންގެ އިންސާނީ ކަރާމަތަށާއި ހައްޤުތަކަށް ހުރުމަތްތެރިކޮށް ހިތުން އިސްކޮށް، ހަމަނުޖެހުން ހިންގުމަށާއި، އަނިޔާވެރި ޢަމަލުތައް ކުރުމަށް ހިތްވަރުލިބޭފަދަ އެއްވެސް އަމަލެއް ނުކުރުމަށް ކޮމިޝަނުން އިލްތިމާސް ކުރަން. ހަމަ މިއާއެކު، ސިޔާސީ ހަރަކާތްތަކުގެ ތެރެއިން ޚިޔާލާއި ޝުއޫރު ފާޅުކުރުމުގައި އަނެކާގެ އަބުރާއި ނަފްސަށް ގެއްލުންވާފަދަ އަދި ނަފްރަތު އުފެދޭފަދަ އެއްވެސް ޢަމަލެއް ނުކުރުމަށާއި، ސިޔާސީ ޕާޓީތަކުން އިންތިޒާމްކުރާ ހަރަކާތްތަކުގައި އާންމު މަސްލަހަތު އިސްކޮށް، މިފަދަ ކަންކަން ނުހިނގާނެގޮތަށް ސިޔާސީ ހަރަކާތްތައް ރޭއްވުމަށް އިސްކަންދެއްވުމަށް ހުރިހާ ސިޔާސީ ޕާޓީތަކަށް ގޮވާލަން. އަދި ހަމަޖެހިފައިވާ ގަވާއިދުތަކުގެ އަލީގައި ކުރިޔަށް ގެންދެވޭ ސިޔާސީ ޙަރަކާތްތައް ކުރިޔަށް ގެންދިޔުމަށް ދައުލަތުގެ ސަލާމަތީ ބާރުތަކުން ވެސް ސިޔާސީ ޕާޓީތަކަށް ފުރިހަމަ އެއްބާރުލުން ދިނުމަށް މި ކޮމިޝަނުން ގޮވާލަން.
އެޗްއާރުސީއެމް

ސިޔާސީ
ޕާޓީތަކުން ކުރިއަށްގެންދަވާ ހަރަކާތްތައް ސުލްހަވެރިކަމާއެކު، ކަނޑައެޅިފައިވާ
ޤާނޫނީ އިމުގެ ތެރެއިން ކުރިއަށް ގެންދިއުމަށް ހުރިހާ ޕާޓީތަކަށް
އިލްތިމާސްކުރާ ކަމަށް އެޗްއާރުސީއެމްގެ ބަޔާނުގައި ބުނެފައިވެ އެވެ.