ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މަންޒަރު ދައްކުވައިދޭ ފޮޓޯ އާއި ވީޑިއޯ ކްރިޕްޓޯކަރަންސީ މެދުވެރިކޮށް ގަނެ ވިއްކިކަ މަށް ތުހުމަތުކުރެވޭ ދިވެހި ޒުވާނަކު ފުލުހުން ހައްޔަރުކޮށްފި އެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ތ. ވިލުފުށި، މޫނިމާގެ، އުމުރުން 22 އަހަރުގެ އާދަމް ޢަދްލާން ލަޠީފް އެވެ.
ފުލުހުން ހާމަކުރި ގޮތުގައި އޭނާ ހައްޔަރުކޮށްފައިވަނީ ކޯޓު އަމުރެއްގެ ދަށުން މި އޭޕްރީލް މަހުގެ 5 ވަނަ ދުވަހު އެވެ. އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން 15 ދުވަހަށް ބަންދު ކުރުމަށް ވަނީ އަމުރުކޮށްފަ އެވެ. މި މުއްދަތު ހަމަވާނީ މި އޭޕްރީލް މަހުގެ 21 ވަނަ ދުވަހު އެވެ.
ފުލުހުން ބުނި ގޮތުގައި އޭނާ ހައްޔަރުކޮށްފައި ވަނީ، ބައިނޭންސް އެކްސްޗޭންޖްގެ ވޮލެޓް އެޑްރެހެއް ބޭނުންކޮށްގެން ކުޑަކުދިންގެ ބަރަހަނާ ފޮޓޯއާއި ވީޑިއޯ ގަނެ ވިއްކަމުންދާ ކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި ތަހުގީގެއްގެ ތެރެއިން ކަމަށެވެ. ތަހުގީގަށް ފާހަގަކުރެވިފައިވާ ގޮތުގައި އެ ވޮލެޓުން އާދަމް އަދްލާން ލަތީފްގެ ކްރިޕްޓޯ އެކައުންޓަށް ފައިސާ ފޮނުވާފައިވާކަން ފާހަގަކުރެވިފައިވެ އެވެ.
މި މައްސަލައިގެ ތަހުގީގަށް އޭނާގެ އަތުން ހިފެހެއްޓި އިލެކްޓްރޯނިކް ވަސީލަތްތަކުގެ ފޮރެންސިކް ތަހުލީލުތައް ހެދިއިރު، ކުޑަކުދިންގެ ބަރަހަނާ މަންޒަރުތައް ހިމެނޭ ގިނަ އަދަދެއްގެ ފޮޓޯއާއި ވީޑިއޯ އެ ތަކެތިން ފެނިފައިވާކަމަށް ފުލުހުން ހާމަކުރި އެވެ. މީގެ ތެރޭގައި ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މަންޒަރުތައް ދައްކުވައިދޭ ވީޑިއޯތައް ވެސް ހިމެނޭކަން ފުލުހުން ފާހަގަކޮށްފައިވެ އެވެ.
މި މައްސަލައިގެ ތަހުގީގު ކުރިއަށްގެންދަނީ ފުލުހުންގެ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާޓްމަންޓުންނެވެ.