ޖުޑީޝަރީގެ އިދާރީ އިސް މަގާމު، ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރ ކަމުގެ މަގާމުން އަމްޖަދު މުސްތަފާ އިސްތިއުފާ ދެއްވައިފި އެވެ.

އޭނާ  އިސްތިއުފާ ދެއްވި ކަމުގެ ސިޓީ ހޯމަ ދުވަހު ޖުޑީޝަލް ސާވިސް ކޮމިޝަނަށް ވަނީ ފޮނުވައިފަ އެވެ. ނަމަވެސް ޖޭއެސްސީގެ ރައީސް ހުސްނީ މުބާރިކަށް ފޮނުއްވި އިސްތިއުފާގެ ސިޓީގައި އޭގެ ސަބަބު އަމްޖަދު ވިދާޅެއް ނުވެ އެވެ.

އަމްޖަދު މަގާމުން އިސްތިއުފާ މި ދެއްވީ އިސް ފަނޑިޔާރުންނަށް ވުރެ އިސްކޮށް ކޯޓުތަކުގެ އިދާރީ އިސް މުވައްޒަފުން ފަނޑިޔާރުގޭގެ ކަންކަމާ އުޅުއްވާކަން ފާހަގަކުރެވިފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒު ހޯމަ ދުވަހު ވިދާޅުވެފައި ވަނިކޮށެވެ.

ރައީސް މުއިއްޒު މިހެން ވިދާޅުވީ ޖުޑީޝަލް ސާވިސް ކޮމިޝަންގެ ދަށުގައި ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން އޮތުން ބަދަލުކުރަން ޖެހޭ ކަމަށް ވާހަކަ ދައްކަވަމުންނެވެ.

ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން ހިންގުމުގެ އެންމެ އިސް މަގާމަށް އަމްޖަދު އައްޔަންކުރީ ކުރިން އެ މަގާމުގައި ހުންނެވި އައިޝަތު ރިޒުނާ ސެޕްޓެމްބަރު 2024 ގައި އެ މަގާމުން އިސްތިއުފާ ދެއްވުމުން މަގާމު ހުސްކޮށް އޮތްތާ 5 މަސް ފަހުންނެވެ.

އަމްޖަދު މީގެ ކުރިން ފުރުއްވާފައިވާ މަގާމުތަކުގެ ތެރޭގަ، ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ ރައީސްކަމާއި އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސްކަމާއި މޯލްޑިވްސް ޓޫރިޒަމް ޑިވޮލޮޕްމެންޓް ކޯޕަރޭޝަންގެ ބޯޑު ޑިރެކްޓަރުކަން ފަދަ މަގާމުތައް ހިމެނެ އެވެ. 

އަމްޖަދު ވަނީ އިސްލާމިކް ޔުނިވާސިޓީ އޮފް މޯލްޑިވްސް އިން ޝަރީއާ އެންޑް ލޯއިން ފުރަތަމަ ޑިގްރީ އާއި އިނގިރޭސިވިލާތުގެ އެންގްލިއާ ރަސްކިން ޔުނިވާސިޓީ އިން ބިޒްނެސް އެޑްމިނިސްޓްރޭޝަން އިން މާސްޓާސް ޑިގްރީ ހާސިލް ކުރައްވާފަ އެވެ.