ދިވެހިރާއްޖޭގެ ހައި ކޯޓުގެ ހިންގެވުމާ މިހާރު ހަވާލުވެވަޑައިގެން ހުންނެވި ފަނޑިޔާރު އަބްދުﷲ ޖަމީލު މޫސާ، އެ ކޯޓުގެ އިސް ފަނޑިޔާރުގެ މަގާމަށް އައްޔަންކުރުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިއަދު ނިންމައިފި އެވެ.

ހައި ކޯޓުގެ އިސް ފަނޑިޔާރުގެ މަގާމު ހުސްވީ، ކުރިން އެ މަގާމުގައި ހުންނެވި ފަނޑިޔާރު ހުސައިން ޝަހީދު ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަންކުރެއްވުމާ ގުޅިގެންނެވެ. އޭގެ ފަހުން އެ މަގާމަށް އައްޔަންކުރުމަށް ޖޭއެސްސީ އިން ކުރިން ނިންމެވި ފަނޑިޔާރު މުހައްމަދު ފައިސަލް، މަގާމުގެ ފަތްކޮޅު އެރުވުމުގެ ކުރިން ފަނޑިޔާރުކަމުން އިސްތިއުފާ ދެއްވުމާ ގުޅިގެން އެ މަގާމު އަނެއްކާ ވެސް އޮތީ ހުސްކޮށެވެ.

އިސް ފަނޑިޔާރުގެ މަގާމަށް ކުރިމަތިލުމަށް ޖޭއެސްސީ އިން ހުޅުވާލި ފުރުސަތުގައި ތިން ފަނޑިޔާރަކު ކުރިމަތިލެއްވި އެވެ. އެއީ ފަނޑިޔާރު އަބްދުﷲ ޖަމީލު މޫސާގެ އިތުރުން، ފަނޑިޔާރު މުހައްމަދު ޝަނީޒު އަބްދުﷲ އާއި ފަނޑިޔާރު އަބްދުއްރައޫފް އިބްރާހީމް އެވެ. ޖޭއެސްސީގެ އޮފިޝަލަކު މައުލޫމާތު ދެއްވި ގޮތުގައި، މި ތިން ބޭފުޅުންނާ އިންޓަވިއު ކުރުމަށްފަހު ކޮމިޝަނުން  ނިންމީ ޖަމީލު އެ މަގާމަށް އައްޔަންކުރުމަށެވެ.

ހައި ކޯޓުގެ އިސް ފަނޑިޔާރު ކަމަށް އައްޔަންކުރަން ނިންމި އަބްދުﷲ ޖަމީލު މޫސާއަކީ ފަނޑިޔާރުކަމުގެ ދާއިރާގައި 15 އަހަރަށް ވުރެ ދިގު މުއްދަތެއްގެ ތަޖުރިބާ ލިބިވަޑައިގެންފައިވާ ބޭފުޅެކެވެ. އޭނާ ހައި ކޯޓުގެ ފަނޑިޔާރުކަމަށް އައްޔަންކުރެއްވީ 3 އޮގަސްޓް 2023 ގަ އެވެ. އެއީ ސުޕްރީމް ކޯޓުން ހުސްވި ދެ މަގާމަކަށް ހައި ކޯޓުގެ ދެ ފަނޑިޔާރަކު އައްޔަންކުރުމުން ހައި ކޯޓުން ހުސްވި ޖާގައަކަށެވެ.

ޖަމީލުގެ ފަނޑިޔާރުކަމުގެ ހަޔާތަށް ބަލާއިރު، އޭނާ ވަނީ 23 ސެޕްޓެމްބަރު 2003 އިން ފެށިގެން 31 ޖެނުއަރީ 2009 އާ ހަމައަށް ލ. ދަނބިދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓްކަން ކުރައްވާފަ އެވެ. އޭގެ ފަހުން 1 ފެބްރުއަރީ 2009 އިން ފެށިގެން 21 ފެބްރުއަރީ 2019 އާ ހަމައަށް އޭނާ ހުންނެވީ ސިވިލް ކޯޓުގެ ގާޒީއެއްގެ މަގާމުގަ އެވެ.