ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެއްކޮށްލުމަށް ސަރުކާރުން ނަގަން އުޅުނު ރެފަރަންޑަމް ވޯޓުގެ ކެމްޕޭނުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ލީޑް ކުރެއްވި މާލެ ސިޓީ އިން ރެފަރަންޑަމަށް ބޮޑުތަނުން ނޫނެކޭ ރައްޔިތުން ވިދާޅުވީ އެމަނިކުފާނަށް މަސައްކަތް ނު ކުރެވިގެންތޯ ސުވާލުކުރުމުން މުޅި ވާހަކަ އޮޅުވާލައްވައިފި އެވެ. 

ރެފަރަންޑަމް ވޯޓުން ނާކާމިޔާބުވި ސަބަބަށް އަލިއަޅޫވައިލައްވައި ރަސްދޫގައި ބޭއްވި ޖަލްސާއެއްގައި ރައީސް މުއިއްޒު ވިދާޅުވީ ހުރިހާ ރަށެއްގައި މަސައްކަތް ކުރަމުން ދިޔަ ޕީއެންސީގެ ހުރިހާ އެންމެންގެ ފަރަތުން އެކަށީގެންވާ މަސައްކަތެއް ނުކުރެވޭ ކަމަށެވެ. ޕީއެންސީގެ މާލޭގެ ޓީމް ލީޑްކުރައްވާ އިސްކޮށް ހުންނެވީ ރައީސް މުއިއްޒު އެވެ. 

މިކަމާ ގުޅިގެން ހޯމަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް މުއިއްޒުއާއި މި ސުވާލު ވަނީ އަމާޒުކޮށްފަ އެވެ. 

ރާއްޖެޓީވީ އިން ކުރި ސުވާލަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ މިއީ އެންމެން ގުޅިގެން ޓީމެއްގެ ގޮތުގައި ކުރެވޭނެ މަސައްކަތެއް ކަމަށެވެ. އަދި އިންތިހާބު ނިންމާލާފައި އެރޭ ކުރެއްވި ޓްވީޓުގައި ވެސް އަދި އަމަލީގޮތުން ވެސް އެމަނިކުފާނު ސާބިތުކޮށްދެއްވަނީ ރައްޔިތުންގެ ކަންބޮޑުވުންތަކެއް ހުރިކަމާއި، ސަރުކާރުން އިސްލާހުކުރަން ޖެހޭ ކަންކަން ހުރި ކަމަށެވެ. ރައީސް ވިދާޅުވީ އެކަންކަން އިސްލާހު ކުރުމާއިގެން ވަޑައިގަންނަވާނީ ކުރިއަށް ކަމަށެވެ.

ރިފަރަންޑަމްގެ އާނއެކޭ ސުވާލަށް އާނއެކޭ ޖަވާބު ދިނުމަށް އެ ސުވާލުގެ ތަފްސީލު ދިނުމަށް ނުވަތަ މަސައްކަތް ކުރުމަށް އަޅުގަނޑުމެންނަށް ރަނގަޅަށް ނެތޭ ކުރެވިފައި އެ ކިޔާ ދިނުމަށް. އަޅުގަނޑުމެންގެ ކެމްޕޭން ޓީމަށް، ނުވަތަ ޕީއެންސީގެ ކެމްޕޭން ޓީމަށް ދެންނެވި ވާހަކައެއް. އެހެންނަމަވެސް އެއާއި ގުޅިގެން ރައްޔިތުން މިއޮތީ ގާތްގަނޑަކަށް 70 އިންސައްތަ ނޫނެކޭ ދަންނަވާފައި. ދެން އެއާއެކު މިކަމާއި އަޅުގަނޑު ވަރަށް ރަނގަޅަށް ވިސްނީމަ ވަރަށް ސާފު، އެކަން އެގޮތަށް ނިމިގެން ދިއުމުން އޭގެ ޖަވާބަކީ ހަގީގަތުގައި ސަރުކާރުން ކަންތައްތައްކުރާ ގޮތް ކަމުގައި ވިޔަސް، އަޅުގަނޑު ކަންކަން ކުރާކަމުގައި ވިޔަސް، އިސްލާހުތަކެއް ގެންނަންޖެހޭ.
ރައީސް ޑރ. މުހައްމަދު މުއިއްޒު

ރައީސް ވިދާޅުވީ އެމަނިކުފާނަކީ ރައްޔިތުން ހޮވާފައި އިން މީހެއް ކަމަށެވެ. އަދި އެމަނިކުފާނުގެ ވިންދާ އިހުސާސާ އެއްގޮތަށް އެއްވެސް ކަމެއް ކުރައްވަން ބޭނުންފުޅު ނުވާ ކަމަށާއި، ފެށިގެން މިއަދާ ހަމައަށް އައި އިރުގައި ވެސް އެމަނިކުފާނު މަސައްކަތް ކުރަމުން އަންނަނީ ވީވަރަކުން ރައްޔިތުންނާ ވަރަށް ގާތުން، ރައްޔިތުންގެ އަޑުއަހައިގެން އަދި ކުރިއަށް އޮތްތަނުގައި ވެސް އަޑުއަހައިގެން ކަމަށެވެ. އަދި އިވޭ އަޑުތަކާއި، ރައްޔިތުންގެ ކަންބޮޑުވުންތަކާއި ގުޅިގެން ގެންނަންޖެހޭ އިސްލާހީ ބަދަލުތައް ވިޔަސް އަދި ކުރަންޖެހޭ ކަންކަން ވިޔަސް ކުރުމުގައި އިސްކަންދެއްވާނެ ކަމަށެވެ. 

ރައީސް ވިދާޅުވީ ރެފަރަންޑަމްގެ ނަތީޖާއިން ދޭހަކޮށްދެނީ ރައްޔިތުންގެ ތެރޭގައި ބައިވަރު ކަންބޮޑުވުންތަކެއް ހުރިކަން ކަމަށެވެ. އަދި ގުޑްގަވަރނަންސްގެ ތެރެއިން ވެސް ކުރަންޖެހޭ ކަންތައްތައް އެބަހުރި ކަމަށާއި، އަދި އޭގެ އިތުރަށް ބައިވަރު ކަންކަން ރަނގަޅު ކުރުމުގައި ކުރިއަށް ވަޑައިގަންނަވާނެ ކަމަށެވެ.