ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް ހުށަހެޅުއްވި ބޮޑެތި ބަދަލުތަކެއް ގެނައުމުގެ ބަދަލުތަކަށް މަޝްވަރާކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ދެކޮޅު ހައްދަވައިފި އެވެ.
ހޯމަ ދުވަހު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދާއި، އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް އާ ދެ ބޭފުޅުން، ގާނޫނު އަސާސީއަށް ވަރަށް ބޮޑެތި ބަދަލުތަކެއް ގަނައުމަށް ހުށަހަޅުއްވާފައިވާ ކަން ފާހަގަކޮށްފަ އެވެ. އަދި އެމްޑީޕީއާއެކު އެއް މޭޒަކަށް މަޝްވަރާ ކުރުމަށް ރައީސް މުއިއްޒަށް ދައުވަތު އަރުއްވާފައިވާތީ، އެ ދައުވަތު ގަބޫލުކުރައްވައި، މަޝްވަރާ ކުރައްވާނެތޯ ނޫސްވެރިޔާ ސުވާލު ކުރި އެވެ. މިސުވާލަށް ރައީސް މުއިއްޒު ވިދާޅުވީ އެއީ މެންޑިޑޭޓުން ބޭރު މަސައްކަތެއް ކަމަށާއި، މަސައްކަތް ކުރާނީ ފަސް އަހަރުގެ މެނިފެސްޓޯގައިވާ މަސައްކަތްތައް ކުރުމަށް ކަމަށެވެ.
އަޅުގަނޑު ހިތުން ރައްޔިތުން އަޅުގަނޑަށް ދީފައިވާ މެންޑޭޓުން ބޭރު ކަމެއް އެއީ. ރައްޔިތުން އަޅުގަނޑަށް ދީފައިވާ މެންޑިޑޭޓަކީ 5 އަހަރުގެ ދައުރެއް ތިމަންނަމެން ހަވާލުކުރީއޭ އަޅުގަނޑު އިއުލާން ކުރި މެނިފެސްޓޯއާ ވައުދުތަކާ އެއްގޮތަށް ކަންކަން ކުރަން. އެހެންވީމަ އަޅުގަނޑު ދާނީ ރައްޔިތުން ހަވާލުކުރި މަސައްކަތާއެކު ކުރިއަށް.ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު
އާދިއްތަ ދުވަހު ބޮޑުބަދަލުގެ ނަމުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނަޝީދު ވަނީ ގާނޫނުއަސާސީއަށާއި ވެރިކަން ހިންގުމުގެ ނިޒާމަށް ގެންނަން ފެނިވަޑައިގަންނަވާ ބޮޑެތި ބަދަލުތަކެއް ހިއްސާކުރައްވާފަ އެވެ. އަދި އެ ބަދަލުތައް ގެނައުމަށް ސަރުކާރުން މަޝްވަރާ ކުރަންޖެހޭ ކަމަށް ވިދާޅުވެ، މަޝްވަރާ ކުރުމަށް ޕީއެންސީއަށް ދައުވަތު އަރުވާފައިވެ އެވެ.