މަސް ދޯންޏެއްގައި މާރާމާރީ ހިންގާ ބިދޭސީއަކު މަރާލި މައްސަލައިގައި ޙުކުމްކޮށްފިއެވެ.

މި މައްސަލައިގަ ބަންގްލަދޭޝްގެ ރައްޔިތެއް ކަމުގައިވާ މުހައްމަދު ޝާހީން މަރާލުމުގެ ކުށުގެ ދައުވާ އުފުލާފައިވަނީ ބަންގްލަދޭޝްގެ އެހެން ރައްޔިތެއް ކަމުގައިވާ މުހައްމަދު މަސްއޫދުގެ މައްޗަށެވެ. އެގޮތުން މައްސަލައާ ގުޅިގެން އޭނާ ގެ މައްޗަށް އުފުލީ ޤަޞްދުގައި މީހަކު މެރުމުގެ ކުށުގެ ދަޢުވާއެވެ.

މި މައްސަލައިގައި މަސްއޫދު، ޝާހީނަށް ޙަމަލާދިނުމަށްފަހު ވަޅި ނެއްޓުމަށް މަސައްކަތް ކުރި ތަންވެސް ފެނިފައިވާކަމަށް ބައެއް ހެކިވެރިން ވަނީ ބުނެފައެވެ. އަދި ވަޅި ހަށިގަނޑުގެ ތެރޭގައި ހެރިފައި ހުއްޓައި އަނބުރާލަން މަސައްކަތް ކުރިތަންވެސް ފެނިފައިވާކަމަށް ހެކިވެރިއަކު ބުނެފައިވެއެވެ.

މީގެ އިތުރުން، އެ ޙަމަލާގެ ސަބަބުން މުޙައްމަދު ޝާހީނުގެ ފުއްޕާމޭ ފިތި، ހަށިގަނޑުން ގިނަ ލޭތަކެއް ބޭރުވެފައިވާކަންވެސް ހެކިންގެ ހެކިބަހުން އެނގެއެވެ.

މި މައްސަލައިގެ ތަހުގީގަށް ދިން ބަޔާނުގައި މަސްއޫދު ބުނެފައިވަނީ، އެދެމީހުންގެ ތެރޭގައި ދެބަސްވުމެއް އުފެދި މާރާމާރީއެއް ހިނގި ކަމަށެވެ. ނަމަވެސް އޭނާ ޝާހީންގެ ގަޔަށް ގަސްތުގައި ވަޅި ޖަހާފައިނުވާކަމަށް އޭނާ ބުނެ އެވެ.

މައްސަލައިގެ ހެކިވެރިންގެ ހެކިބަހުން އެނގޭ ގޮތުގައި މަސްއޫދު ޝާހީނަށް ޙަމަލާދީފައިވަނީ ކަންނެލި ކެނޑުމަށް ބޭނުންކުރާ ތޫނު ވަޅިއެއް ބޭނުންކޮށްގެންނެވެ. އަދި ޙަމަލާއަށްފަހުވެސް ޝާހީނަށް އެހީތެރިވުމަށް އޭނާ އެއްވެސް މަސައްކަތެއް ކޮށްފައެއް ނުވެއެވެ.

މައްސަލަ ބައްލަވާ ގާޒީ ވަނީ މި މައްސަލައިގައި އުފުލާފައިވާ ދައުވާ އެއްވެސް ޝައްކެއް ނެތް މިންވަރަށް ސާބިތުވާކަމަށް ކަނޑައަޅުއްވާފައެވެ

މި މައްސަލައިގައި ނިޔާވި މީހާގެ ވާރިސުންގެ ތެރޭގައި ތިބީ އޭނާ ގެ މަންމައާއި ބައްޕައެވެ. އެމީހުން ވަނީ މަރުގެ އަދަބު ދޭން ބޭނުން ނުވާކަމަށް ބުނެފައެވެ. 

އެހެންވެ ގާޒީ ވަނީ މަސްއޫދު އުމުރަށް ޖަލަށްލުމަށާއި މަރުގެ ދިޔައިގެ ގޮތުގައި 1.25 މިލިއަން ރުފިޔާ ދެއްކުމަށް ޙުކުމްކޮށްފައެވެ.